Follow us on
ހައްލަކީ ބުލީ ހެއްޔެވެ؟
| އަޙުމަދު އަނަސް

ގަނާ ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ކޮންމެ ކުލައެއްގެ ކޮންމެ ފަންތީއެއްގެ އަދި ކޮންމެ ދީނެއްގެ މީހެއް ކަމުގައިވިއަސް ގަނާ ކުރެވިގެން ނުވާނެއެވެ. ގަނާކޮށް މިފަދަ އަމަލުތައް ހިންގާ މީހުންނަށް ގަނާ ކުރެވޭ މީހާއަށް ކުރާ އަސްރު ވިސްނައިދިނުން މުހިންމެވެ. އޭރުން ދެވަނަ ފަހަރަށް އެކަހަލަ އަމަލެއް ހިންގުމުގެ ކުރިން އެތައް ފަހަރަކު ވިސްނާނެއެވެ.

ފުރާވަރުގެ އަންހެން ކުއްޖަކަށް ގަނާކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް ދާދި އިހަކަދުވަހު މީސް މީޑިޔާގައި ދައުރުވަމުން ދިޔައެވެ. ހަމަ އެއާއެކު އެވީޑިޔޯގައި ގަނާކުރާ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް މަލާމަތްކޮށް، ލަދު ގަންނަވާލުމަށް އެތައް ބަޔަކު މީމްސްތައް ހަދަމުން ގެންދިޔައެވެ. އަހަރެންގެ ހިތުގައި އުފެދެނީ ސުވާލެކެވެ. މުޖުތަމައުގައި ފެތުރެމުންދާ މިފަދަ ނުރަނގަޅު ކަންކަމަށް އޮތް ހައްލަކީ މިއީ ހެއްޔެވެ؟ އިސްލާމް ދީނުގައި އޮތް ގޮތަކީ މިއީ ހެއްޔެވެ؟

އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. ހަމަ ޔަގީނުންވެސް ހުރިހާ ކަމެއް ފުރިހަމަ އެއްވެސް މީހެއް ދުނިޔޭގައި ނެތްކަން ކަށަވަރެވެ. އެހިނދު އެކަކު އަނެކަކާއި މަލާމަތްކޮށް ފުރައްސާރަކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މަރަށް މަރުހިފުން އިސްލާމް ދީނުގައި އޮތް ނަމަވެސް ގަނާ ކުރާ މީހާއަށް ގަނާކޮށް ލަދުގަންނަވާލުމަކީ “ފޮތުގައި” އޮތް ގޮތް ހެއްޔެވެ؟ ސިޔާސީ ޕޯޑިއަމްއެއްގައި ހުރެ ސިޔާސީ މީހަކަށް ބުނެވޭ “ދެ މާނަ ދޭހަވާ” ބަހެއްގެ ސަބަބުން އެމީހަކަށް އެކި ނަންނަމުން ގޮވާ، މަލާމަތްކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

މިއަދު ގިނަބަޔަކު ބުލީ ކުރުމަށް އެންމެ ގިނައިން މި ކުރާ ކަމަކީ މޮޅެތި ގޮތްގޮތަށް ފޮޓޮ އެޑިޓް ކުރުމެވެ. ނުވަތަ “މީމްސް” ހެދުމެވެ. އެހެނަސް އެއިންވެސް އަނެކާގެ އަބުރަށް އެބަ އަރައިގަނެވެއެއް ނޫންހެއްޔެވެ؟ މީހުނަށް ވަނަމުން ގޮވުމާއި، ފާޑު ފާޑުގެ ފޮޓޯ ހެދުމަކީ ހަމަ ޔަގީނުންވެސް ބުލީ ކުރުމެވެ.

ބުލީ ކުރުމަކީ ހަމަ އެކައި ޖިސްމާނީ ގޮތުން އަނިޔާ ކުރުމެއް ނޫނެވެ. “Cyber Bullying” އަކީވެސް ހަމަ ބުލީގެ ވައްތަރެކެވެ. މިއި މިއަދު އެންމެ އާންމުވެފައިވާ އެއް ވައްތަރެވެ.

ގަނާކުރުން ފަދަ ނުބައި އަމަލުތައް މި ކުޑަކުޑަ މުޖުތަމައުން ނައްތާލުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. “Bully Free Society” އެއް އުފެއްދުމަށް ކޮންމެ މީހަކުވެސް އަތުކުރި އޮޅާލައިގެން ނިކުންނަން އެބަޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ