Follow us on
ކާށި ތެލުގެ ޖާދޫ ބުނެދެން ހެއްޔެވެ!
| އައިމިނަތު އަޒްލާ

ކާށިތެލަކީ ދިވެހިންގެ މެދުގައި އަބަދުވެސް މަޤުބޫލު ދިވެހި ބަދިގެ ތަކުންނާއި ކޮޓަރިތަކުން ފެންނަ ތެލެކެވެ. ޒަމާނުއްސުރެ ކެއްކުމުގައި  ދިވެހިން ކާށިތެޔޮ ބޭނުންކުރަމުން ދިޔަ ދިއުން ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް ޒީނަތްތެރިވުމުގައި އަދިވެސް ގިނަ ބަޔަކު ކާށިތެޔޮ ބޭނުންކުރެއެވެ. ގައިގެ ހަނގަނޑަށާއި އިސްތަށިގަނދަށް ކާށިތެލުން ގިނަގުނަ ފައިދާތަކެއް ލިބޭކަން ދިވެހިން ދަނެއެވެ. ކާށި ތެލަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ  ތަފާތު ވައްތަރުގެ އެއްޗެތި ކެއްކުމަށާއި، އަދި ގައިގައި އުގުޅުމަށާއި، މަސާޖުކުރުން ފަދަ ކަންތައްތަކުގައި ބޭނުންކުރެވޭ ތެލެކެވެ.

ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓް ގެ މިންވަރު ގިނަވުމުން ގިނަ މީހުންނަށް ހީވެފައި އޮންނަނީ އެއީ ޞިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމުގައެވެ. އެހެންކަމާއިއެކު ކެއުމުގައި ކާށިތެލާއި ކާށިކިރު ބެނުންކުރާ މީހުންގެ އަދަދު ދިވެހިންގެ ތެރޭގައި ނިސްބަތުން މަދެވެ. އާންމުކޮށް އަހަރެމެން ކާތެޔޮތަކުގައި ގިނައިން ހިމެނެނީ ޖަނަވާރުން ނުވަތަ ގަސްގަހާގެހިން ތައްޔާރުކޮށްފައި ހުންނަ ތެލެވެ. މީގެ ތެރޭގައި ގިނައިން ހުންނަނީ “ލާންގ ޗެއިން ފެޓީ އެސިޑް” އެވެ. އަހަރެމެން ކާން ބޭނުންކުރާ ތެލުގެ 98 އިންސައްތަ ތެލަކީ މިކަހަލަ ތެލެވެ. އާންމުކޮށް ތެލުގައި ހުންނަ ލާންގ ޗެއިން ފެޓީ އެސިޑް އާއި އަޅާ ބަލާއިރު، ކާށި ތެލުގައި ހުންނަ މީޑިއަމް ޗެއިން ފެޓީ އެސިޑް އިން ހަށިގަނޑަށްކުރާ އަސަރު ތަފާތު ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ކާށި ތެލުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް

އިސްތަށިގަނޑު ބެލެހެއްޓުން: އިސްތަށިގަނޑަށް ހޯދައިދެވޭ ތަބީޢީ އެންމެ ރަގަޅު ކާނާ އަކީ ކާށި ތެލޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިސްތަށިތައް ދުޅަހެޔޮކަމާއެކު ބޮޑުކޮށްދީ، އެއަށް ސާފު ވިދާ އަލިކަމެއް ގެނެސް ދެއެވެ. ގަވާޢިދުން ކާށިތެލުން ބޮލުގެ އިސްތަށިގަނޑު މަސާޖުކުރުމަކީ ބޮލުން ހަންފޮޅުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި އުކުނާއި ލީއެޅުން ކުޑަކޮށްދޭނެ ކަމެކެވެ. ކާށިތެލަކީ ހަލާކުވެފައިވާ އިސްތަށިތައް ރަގަޅުކޮށްދޭ އެކަށޭނަ ކޮންޑިޝަނަރ އެކެވެ. ހަލާކުވެފައިވާ އިސްތަށިތައް މަރާމާތުކުރުމަށް ބޭނުންވާ ޕްރޮޓީން ވެސް ކާށިތެލުން ފޯރުކޮށް ދެއެވެ. އެހެންކަމުން އިސްތަށިގަނޑުގެ ރައްކާތެރިކަމަށް ތައްޔާރުކުރެވޭ ވަރަށް ގިނަ އުފެއްދުންތަކުގައި ވެސް ކާށިތެޔޮ ބޭނުން ކުރެއެވެ.

ހަންގަނޑު ބެލެހެއްޓުން: ހުރިހާ ވައްތަރެއްގެ ހަމަކަށް ވެސް އެންމެ ރަގަޅު މޮއިސްޗަރައިޒަރ އަކީ ކާށި ތެލެވެ. އެހެން ތެލުގެ ބާވަތްތަކާ ޚިލާފަށް ކާށިތެޔޮ ބޭނުންކުރުމުން ހަންގަނޑު ހިކުމާއި، ހަންފޮޅުމުން ރައްކާތެރިވުމަށް ކާށި ތެޔޮ އެހީތެރިވެދެއެވެ.ހަންގަނޑު ރޫޖެހުން ކުޑަކޮށްދީ އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް ކުރިމަތިވުން ކާށިތެޔޮ ބޭނުންކުރުމުން ލަސްކޮށް ދެއެވެ. ވަރަށް ގިނަ ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ކާށިތެޔޮ ބޭނުންކުރެއެވެ. އޭގެ ތެރޭގައި އެކްޒީމާ، ސޮރައިސިސް، ހަންގަނޑު ދުޅަވުން، އަދިވެސް އެހެން ހަމުގެ އިންފެކްޝަންތައް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، ޝޭމްޕޫ، ލޯޝަން، ސައިބޯނި، ކްރީމް ފަދަ ތަކެތި އުފެއްދުމުގައި ކާށިތެޔޮ ބޭނުންކުރެއެވެ.

ހިތުގެ ބަލިތައް: ކާށިތެލުގައި ސެޗުރޭޓެޑް ފެޓް ގިނައިން ހުންނާތީ ކާށިތެޔޮ ބޭނުންކުރަން ބައެއް މިހުން ޖެހިލުންވި ނަމަވެސް ހަގީގަތުގައި ކާށިތެލަކީ ހިތުގެ ޞިއްޙަތަށް ބޭނުންތެރި އެއްޗެކެވެ. ކާށިތެލުގައި ހިމެނޭ ލައުރިކް އެސިޑް އަކީ ކޮލެސްޓްރޯލް މައްޗަށްދިއުމާއި، ލޭމައްޗަށްދިއުން ފަދަ ހިތާއި ގުޅުންހުރި މައްސަލަތަކުން ރައްކާތެރިވުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ތަރުކާރީ ތެލުގައި ހުންނަ ފެޓް އާއި ޚިލާފަށް ކާށި ތެލުގައި ހުންނަ ސެޗުރޭޓެޑް ފެޓް އަކީ އެހާ ނުރައްކާތެރި އެއްޗެއް ނޫނެވެ. ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓްގެ ސަބަބުން ނުރަގަޅު ސަރުބީގެ މިންވަރު މައްޗަކަށް ނުދެއެވެ. މީގެ އިތުރުން ލޭހޮޅިތަކަށް ގެއްލުންވުން ކުޑަކޮށް، ލޭހޮޅިތައް ހަރުވެ ހަލާކުވުން ކުޑަކުރުމަށް ވެސް އެހީތެރި ވެއެވެ.

ބަރުދަން ލުއިކުރުން: ބަރުދަން ލުއިކުރުމަށް ކާށި ތެލަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ކާށިތެލުގައި ހިމެނެނީ ޝޯރޓް ޗެއިން އަދި މީޑިއަމް ޗެއިން ފެޓީ އެސިޑް އަށްވުމުން އިތުރުވާ ބަރުދަން އޭގެ ސަބަބުން ކުޑަވެގެން ދެއެވެ. މީގެ އިތުރުން ކާށި ތެލަކީ ހަޖަމުކުރަން ފަސޭހަ ކޮށްދީ ތައިރޮއިޑްގެ މަސައްކަތްތަކާއި، އެންޒައިމްތައް އުފެއްދުމުގެ މަސައްކަތްކަތުގައި އެހީތެރިވެދޭ އެއްޗެކެވެ.

ހަޖަމުކުރުގެ މައްސަލަތައް: ކާށި ތެލަކީ ހަޖަމުކުރުމުގެ މަސައްކަތްތައް ރަގަޅުކޮށްދީ، މައިދާ އާއި، ހަޖަމުކުރުމާއި ގުޅުންހުރި ކަންތައްތައް ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓް ގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. އެ ގޮތުން ތަފާތު ބެކްޓީރިޔާ، ފަންގަސް، ޕެރަސައިޓްގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ދިމާވާ ހަޖަމުގޯސްވުމުގެ މައްސަލައަށް ލުއިކަން ގެނެސްދެއެވެ.

ދިފާޢީބާރު ރަގަޅުކުރުން: ކާށި ތެލުގައި ޖަރާސީމްގެ ތެރެއިން ބެކްޓީރިޔާއާއި، ދެކޮޅަށް މަސައްކަތްކުރަނިވި، ސެޗުރޭޓެޑް ފެޓް ހުރެއެވެ. އަދި ބެކްޓީރިޔާ، ފަންގަސް، ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ “ކެޕްރިކް އެސިޑް” އަދި “ކެޕްރައިލިކް އެސިޑް” ހުރެއެވެ.

ހަށިގަނޑުގައިހެދޭ ފާރުގަނޑު ފަދަ ތަންތަނުގެ މަތީގައި ކާށިތެޔޮ އުގުޅުމުން، އެތަން ހިރަފުހާއި ކުނިބުނިން، އަދި ތަފާތު ޖަރާސީމުތަން އެތަނަށް ހުށަހެޅުމުން، ސަލާމަތްކުރުމަށްޓަކައި، ކެމިކަލް ފަށަލައެއް އޭގެ މަތީގައި އުފައްދައެވެ. މީގެ އިތުރުން ކަނޑައިގެންދާ ތަންތަނުގައި ކާށިތެޔޮ އުގުޅުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ. ސަބަބކީ ކާށި ތެލުގެ ސަބަބުން ހަލާކުވެފައިވާ ޓިޝޫތައް މަރާމާތުކޮށްދޭތީ އެވެ.

އިންފެކްޝަންތައް: ކާށިތެލުގައި ޖަރާސީމުގެ ތެރޭގައި ހިމެނޭ ވައިރަސް، ބެކްޓީރިޔާ އަދި ފަންގަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ހުންނާތީ މިއީ ތަފާތު އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ. އެކިއެކި ދިރާސާތަކުން ދައްކާގޮތުގައި ކާށި ތެލުގައި ބައެއް ކަހަލަ ޖަރާސީމްތައް މަރާލުމުގެ ކުޅަދާނަކަން ހުރެއެވެ. އެގޮތުން އިންފުލުއެންޒާ، ހިމަބިހި، ހެޕަޓައިޓިސް، ހާރޕީޒް، ސާރސް ފަދަ ބަލިތައް ޖައްސާ ވައިރަސް މަރާލުމުގެ ގާބިލްކަން ހުރެއެވެ. އަދި ކަރުތެރެ ހަލާކުވުން، ފާރުއުފެދުން، ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުން، ނިއުމޯނިޔާ، އަދި ކިހުނުވުން ފަދަ ބަލިތައް ޖައްސާ ބެކްޓީރިޔާތައް މަރާލުމުގެ ގާބިލްކަން ވެސް ހުރެއެވެ.

ހަކުރު ބަލި: ހަކުރު ބަލި ކޮންޓްރޯލްކުރުމުގައި ވެސް ކާށިތެޔޮ އެހީތެރިވެދެއެވެ. އިންސިއުލިން ދޫކުރުމަށް ބާރުއަޅައިދީ، ގުލްކޯޒު ބޭނުން ހިފުމަށް ހަށިގަނޑަށް ބާރުއަޅައިދީ، ހަކުރު ބަލިން ރައްކާތެރި ކޮށްދެއެވެ.

ކަށިތަކާއި، ދަތްތަކަށް އަޅާލުން: ކެލްސިއަމް އަކީ ދަތްތައް ވަރުގަދަކުރުމަށް ބޭނުންތެރި މާއްދާ އެކެވެ. ކާށި ތެލަކީ ކެލްސިއަމް، އަދި މެގްނީޒިއަމް ހަށިގަނޑަށް ނެގުމަށް އެހީތެރިވާ އެއްޗަކަށްވުމުން، ދަތްތަކާއި، ކަށިތައް ވަރުގަދަކޮށް ދެއެވެ. އަދި ދަތްފަނި ކެއުމުން ދުރުކޮށް ދެއެވެ.

ޚިޔާލު ފާޅުކުރައްވާ