Follow us on
އުންމީދަކާއެކު ފެށި މަސައްކަތް، އަތޮޅުގެ އެންމެ އުހަށް
| އަޙުމަދު އަނަސް

ބޮޑުބެރަކީ މިއަދު ދިވެހި ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއަށް ފޯރި ހުންނަ ޒާތުގެ މިއުޒިކެވެ. ކުޑަކުދިންނައި މުސްކުޅިންނެވެ. ޒުވާނުންނާއި މެދު އުމުރުފުރާގެ މީހުނެވެ. އަންހެނުންނާއި ފިރިހެނުންވެސް އެވެ. އެހެނަސް މިއަދު މިއޮތް ގޮތަށް ބޮޑުބެރު މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ 2008 ވަނަ އަހަރުގެ ރަމަޟާންމަހު ޓީވީއެމް އިން ފެށި ބޮޑުބެރު ޗެލެންޖް ފެށުނު ހިސާބުންނެނެވެ. މިއަދު ބޮޑުބެރު ގުރޫޕެއް ނޯއްނަ އެންމެ ރަށެއްވެސް މި ދިވެހި ރާއްޖޭގައި ނޯނާނެކަން ޔަގީން ކަށަވަރެވެ.

ދައްކަން މިއުޅެނީ މުޅި ލާމު އަތޮޅު އެބައެއްގެ މައްޗަށް ފަހުރުވެރިވާ، އެންމެން ދަންނަ ކޭބޯލަ ބޮޑުބެރު ގުރޫޕުގެ ވާހަކައެވެ. އަތޮޅުތެރޭގައި ބާއްވާ ގިނަ ހަފްލާ ތަކުގައި ފަޅުފިލުވާލައިދެނީ ކޭބޯލަ ބޮޑުބެރު ގުރޫޕުންނެވެ. ވުމާއެކު އެންމެ ފުރަތަމަ މިއީ ކިހިނެއް އުފެދުނު ނަމެއްތޯ ބަލައިލަމާ ހިނގާށެވެ.

ތާރީހުން ހެކިދޭ ގޮތުގައި “ކޭބޯލަ” އަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ލ.ގަމުގައި “ހީރޯ” ނުވަތަ “ދާދާ” އެއްގެ ގޮތުގައި އުޅުނު ވަރަށް ވަރުގަދަ އެހެނަސް އެހާމެ ރަނގަޅު މީހަކަށް ކިޔާ އުޅުނު ނަމެކެވެ. އެމީހާއަކީ އޭރު ވަރަށް ނުފޫޒު ގަދަ މީހެއްވެސް މެއެވެ. މި ބޮޑުބެރު ގުރޫޕުގެ ނަން ހަދާފައި ވަނީ “ކޭބޯލަ” މިނަން އަސްލެއް ކަމުގައި ބަލައިގެން ކަމަށް ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އުސްމާން ޢަބްދުﷲ (އުއްސޭ) ވަނީ މަޢުލޫމާތު ދީފައެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕު ޝޯވ ދެނީ | ފޮޓޯ: ޒޮލް – ކޭބޯލަ ފޮޓޯގްރަފަރ

2011 ވަނަ އަހަރު މި ބޮޑޫބެރު ގުރޫޕު އުފެދުނު އިރުން ފެށިގެން މިއަދާއި ހަމައަށް އެތައް ތަނެއްގައި ޝޯވތައް ދެވިފައިވެއެވެ. އެންމެ ފުރަތަމަ މި ގުރޫޕު އުފެދުނީ ޢީދު ތެރޭގައި އަވަށުގައި ޝޯވް އެއް ބޭއްވުމަށެވެ. އެހެނަސް އެކި ތަންތަނުން ޝޯވް ތައް ލިބި މި ގުރޫޕު ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕު ވުޖޫދުވެގެން އައުމަށްފަހު ކޮންމެ ޝޯއަކަށްފަހު އެތައްބައެއްގެ ހިތްތަކުން މިމީހުން ދިޔައީ ޖާގަ ހޯދަމުންނެވެ. ބެރުގެ ފޯރިއާއި، ހިތްގައިމު ލަވަތަކުންނާއި ނެށުމުން އެތައްބައެއްގެ ހިތްތައް ފަތަހަ ކުރަމުންނެވެ. “މައިދައިތަމެން މަންޖެ ބަލާދިޔުމުން” ފެށިގެން ހިތާނުކޮށްގެން އުޅޭ ތަންތަނާއި ހަމައަށް ކޭބޯލަ ފަޅުފިލުވާލަދެއެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕުގެ މެމްބަރުން | ފޮޓޯ: ޒޮލް – ކޭބޯލަ ފޮޓޯގްރަފަރ

2017 ވަނަ އަހަރު ލ.އަތޮޅު ކައުންސިލް އިން ބޭއްވި ބޮޑުބެރު ޗެލެންޖް އިން އެއްވަނަ އަށްވެސް ގޮސްފައިވަނީ ކޭބޯލަ ބޮޑުބެރު ގުރޫޕެވެ. ގަން އަދި ފޮނަދޫގެ ޒުވާނުން ހިމެނޭ ކޭބޯލަ ބޮޑުބެރު ގުރޫޕުން ވަނީ މި ބޮޑުބެރު ޗެލެންޖުން އެންމެ މޮޅު ބެރުވެރިޔާ، އެންމެ މޮޅު ނެށުންތެރިޔާ، އެންމެ މޮޅު ލަވަކިޔުންތެރިޔާ، އަދި އެންމެ ހުނަރުވެރި މީހާގެ މަގާމުވެސް ހޯދާފައެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕުން ވަނީ މިދިޔަ އަހަރުގެ ހިތާނީ ސީޒަންގައި ކޮންމެ ރެއަކު ޝޯއެއް ބާއްވާފައެވެ. އަދި ބައެއް ރޭރޭގައި ގުރޫޕު ދެ ޓީމަކަށް ބަހާލައިގެން އެއް ގަޑިއެއްގައި ދެތަނުގައި އެއްފަހަރާވެސް ޝޯވްތައް ބާއްވާފއިވާ ކަމަށް އުއްސޭ މަޢުލޫމާތު ދިނެވެ. އަދި މިހާރު ކޭބޯލަ އިން ވަނީ އަތޮޅުގެ ހުރިހާ ގެސްޓް ހައުސް ތަކާއި، އަތޮޅުގައި އޮތް ހަމައެކަނި ރިސޯޓު ކަމަށްވާ ސިކްސް ސެންސަސް ލާމު ގައިވެސް ޝޯވް ބާއްވާފާއެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕުން މީގެ ކުރިން އެއްވެސް ވީޑިޔޯ ލަވަ އަލްބަމެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް އޯޑިޔޯ ލަވައެއް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ނެރެފައެވެ. އެހެނަސް އަވަސް މުސްތަގުބަލެއްފައި ކޭބޯލަގެ ވީޑިޔޯ ލަވަ އަލްބަމެއް ފެނިގެން ދިޔުން އެކަށިގެންވެއެވެ.

ބޮޑުބެރަށް ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށްވެސް މި ބޮޑުބެރު ގުރޫޕާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތުމަކީ އެތައް ބަޔަކަށް ބޮޑުބެރުގެ ބަގީޗާއަށް ވަނުމަށް ހުޅުވާލެވިފައިވާ ދޮރެއްކަން ޔަގީނެވެ. އެގޮތުން މިހާރުވެސް ގަން ފޮނަދޫ ސަރަހައްދުން ޖުމްލަ 25 މެމްބަރުން މި ގުރޫޕުގައި އެބަ ތިއްބެވެ.

މިދުވަސްވަރަކީ ކޭބޯލަ ބޮޑުބެރު ގުރޫޕަށް އެހާ ބިޒީ ދުވަސްވަރަކަށް ނުވެދާނެއެވެ. އެހެނަސް ކުރިޔަށް އޮތީ ހިތާނީ ސީޒަނެވެ. މިހާރުވެސް ހިތާނީ ސީޒަނަށް ބައެއް ޝޯތައް ވަނީ ބުކް ކޮށްފައި ކަމަށް ކޭބޯލަ އިން މަޢުލޫމާތުދެއެވެ. އަދި މިދިޔަ އަހަރަށްވުރެ މިއަހަރަރު ލިބެމުންދާ ތަރުހީބު ބޮޑުކަމަށްވެސް ކޭބޯލަ އިން މަޢުލޫމާތު ދެއެވެ. އެހެންކަމުން މި ހިތާނީ ސީޒަންވެސް ކޭބޯލަ އަށް ވެގެންދާނީ ފިސާރި ބިޒީ ސީކަނަކަށް ކަން ކަށަވަރެވެ.

ކޭބޯލާ ބޮޑުބެރު ގުރޫޕުގެ ފޯން ނަމްބަރ: 9959935

ޚިޔާލު ފާޅުކުރައްވާ