Follow us on
އުޚްތާއެވެ. ތިބާގެ ޢައުރަ ނިވާކުރާށެވެ.
| އައިޝަތު އިނާން

ޝައްކެއް ނެތެވެ. އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވަނީ ވަރަށްވެސް މަތިވެރި ޤަދަރަކާއި ޝަރަފެކެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައޭ ބުނާ ބަހަކީ އަޅުގަނޑުމެން އެންމެ ތުއްތުއިރުއްސުރެވެސް އާންމުކޮށް އިވޭ ބަހެއް ނޫންތޯއެވެ. ހަމައެކަނި މި ޖުމުލައިންވެސް އަންހެނުންނަށް ދެއްވާފައިވާ ޝަރަފް އެނގިގެން ދެއެވެ. ނަމަވެސް ހިތާމައަކީ މިކަން އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ހަނދާނުން ކައްސާލައިފައިވާކަމެވެ. އަމިއްލަ ޤަދަރާއި ޝަރަފް ދަމަހައްޓަން ނޭނގޭ ކަމެވެ.

މަގެއް މަތިން ހިނގާލައިފައި ދާއިރު ބައެއްފަހަރު ފެންނަ މަންޒަރުން ޚުދު އަޅުގަނޑުވެސް އިސްދަށަށް ޖަހާލަން ޖެހޭ ފަހަރު އާދެއެވެ. ބައެއް ކުދިން ލާ ނިވާކަންކުޑަ ހެދުމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް ލަދުވެތިކަން އިޙުސާސްކުރެވެނީ މަދެއް ކޮށެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެކަން ރަނގަޅުކޮށްލުމަށްޓަކައި މީހަކު އެވާހަކަ ފާހަގަކޮށްލައިފިނަމަ އެވާހަކަ ބުނާ މީހާ ވަރުގެ ނުބައި މީހަކު ނުހުރެއެވެ. “މިހާރު މިއުޅޭ މީހުންނާމެދު މަގެއް މަތިން ހިނގާލެވޭކަށް ނޯވޭ”، “އަހަރެން ކޮންމެ އެއްޗެއް ލިޔަސް މި މީހުންނަށް ކޮން ކަމެއްތަ؟” މިއީ ބައެއް ކުދިންގެ ދުލުން ނިކުންނަ ބަސް ބަހެވެ.

އާދޭހެވެ. އިސްލާމީ މުޖުތަމަޢުއެއްގަ މިއީ ފެނިގެންވާނޭ މަންޒަރުތަކެއް ނޫނެވެ. އަންހެނާގެ ޢައުރައިގެ ވާހަކަ ކީރިތި ޤުރުއާނުގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ތިމާގެ ޢައުރަ ނިވާކުރުމަށް ފުރަގަސް ދޭނަމަ ތިބާއަށް އެ ފުރަގަސްދެވެނީ ހަމަ އާޚިރަތް ބާއްޖަވެރި ކުރުމަށް އެޅޭ މުހިއްމު ބިންގަލަކަށެވެ. ތިމާއަށް އެކަންތައް ހަނދާންކޮށްދޭ މީހަކީ އުމުރުން އެތަށް ދުވަހެއްވެފައިވާ މީހަކަސް ނުވަތަ ތިމާއަށްވުރެ ކުޑަ ކުއްޖެއް ކަމުގައިވިޔަސް ރަނގަޅު ވާހަކައެއް ވާނީ ހަމަ ރަނގަޅު ވާހަކައަކަށެވެ.

ތިމާއަށް ނޭނގޭ އެތަށް ކަމެއް އިނގޭ އެހެން މީހުންވެސް ތިބޭނެއެވެ. އެހެން ކަމުން ތިބާގެ އަމިއްލަ ބަހުގައި ނުހިފަހައްޓާ ދޫދޭންޖެހޭ ފަހަރުވެސް އާދެއެވެ. ދުނިޔޭގެ އެންމެން އެކަމެއްގައި ޝާމިލްވެގެން ފާފައެއް ކުރިކަމުގައިވިޔަސް އެކަމެއް ބަދަލެއް ނުވާނެއެވެ. އެ ވާނީ ހަމަ ޙަރާމްކަމަކަށެވެ. ހަމަ މިފަދައިން ހަމައެކަނި އެންމެ މީހެއް އެކަމެއް ކުރި ކަމުގައިވިޔަސް ހުއްދަ ކަމެއް ވާނީ ހަމަ ހުއްދަ ކަމަކަށެވެ. ﷲގެ ވަޙީ ބަސްފުޅަކީ ދާއިމަށް އެއްވެސް ބަދަލުވުމެއްނެތް މާތް ބަސްފުޅެކެވެ.

އަންހެނާގެ ޢައުރައަކީވެސް އެކަމަކުން އޭނާއަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނޭ އެއްޗެކެވެ. އެކަމެއްގެ ފަހަތުގައި އެތަކެއް ޙިކުމަތްތަކެއް އެކުލެވިގެންވާނޭ ކަމެކެވެ. ހަމަ އެހެންމެ އެއީ ތިމާ އެތައް ކަމަކުން ރައްކާތެރިކޮށްދޭނެ އެއްޗެއްވެސް މެއެވެ. ވީއިރު ތިބާ އެޔަށް ފުރަގަސްދޭންވީ ކީއްކުރަން ހެއްޔެވެ؟ ‘ފަހުން ނިވާ ވެގެން އުޅެން’ ލަސްކުރަންވީ ކީއްވެހެއްޔެވެ؟ ގެއްލިއްޖެ ވަގުތަކީ ހަމަ ގައިމުވެސް އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ތިމާގެ އަޖަލު އައިސް ޖެހޭނެ ވަގުތަކީ ކޮބައިކަމުގެ ޔަޤީންކަން އަހަރެމެންގެ ތެރެއިން އެކަކަށްވެސް ނުދެވޭނެވެ.

އުޚްތާއެވެ. ވަގުތު އޮއްވާ އެ ވަގުތުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާށެވެ. މުސްކުޅިވުމުން ﷲގެ މަގަށް އެނބުރި އަންނަން ލަސް ނުކުރާށެވެ. ތިބާގެ ޢައުރަ ނިވާކުރާށެވެ. ހިލޭ މީހުންނަށާއި އެންމެންނަށް ފެންނަ ހާމަ އެއްޗެއް ކަމުގައި އެ ޢައުރަ ނުހަދާށެވެ. އިސްލާމްދީނުގައި ތިބާއަކީ އެޔަށްވުރެ މަތިވެރި ޤަދަރެއް ދެއްވާފައިވާ މީހެކެވެ. ވީ އިރު ނީލަމެއްގައި އޮންނަ ފިނިފެންމަލެއްގެ ދަރަޖައަށް ތިބާ ވެއްޓެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ސަޅި

    ސަޅި

  2. ބުނެލީ

    އާޓިކަލްގެ ކަވާއަށް އައުރަ ނިވާވާ ކަހަލަ ހެދުމެއް ލައިގެން ހުރި މަންޖެއެއް ލީނަން!