Follow us on
ދިވެހިބަހަށް ކުރަފި އަރުވަނީ ހަމަ ދިވެހިން!
| ޒިދާން މުޙައްމަދު

ދިވެހިންނަކީ އަމިއްލަ ސަޤާފަތަކާއި، އަމިއްލަ ބަހެއްގެ ވެރި ބަޔެކެވެ. ރާއްޖޭގެ 100 އިންސައްތަ މީހުން އެއްބަހަކުން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޝަރަފަކެވެ. ފަޙުރެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ވާހަކަ ދައްކާ ބަހުރުވަ ތަފާތު ވެދާނެއެވެ. އެއީ ދިވެހިބަހުގެ މުއްސަނދިކަން ހާމަވާ ސަބަބެއް ވެސް މެއެވެ.

މައްސަލައަކީ ވާހަކަ ދައްކާ ރާގެއް ނޫނެވެ. ބަހުރުވައެއް ވެސް ނުމެ ނޫނެވެ. މައްސަލައަކީ ކަނޑައެޅިގެން ދިވެހި ލަފުޒުތަށް ގޯސްކޮށް ކިޔާތީއެވެ. ބަސްމޮށުންތެރިކަން ދަށް ވުމެވެ. އަދުގެ ޖީލުގައި މިކަން ވަރަށް ބޮޑަށް ފާހަގަކޮށްލެވެ. އަދި މިހާރު މި މިކަން ހައްލު ނުކުރެވިއްޖެ ނަމަ، ފަހުގެ ޖީލުތަކުން ފެންނާނީ ކުރަފި އަރާ ފުރާފައި އޮތް ދިވެހިބަހެކެވެ.

ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. “އަޅުގަނޑު” ކިޔަން ޖެހޭ ތާނގައި “އަޅްގަންޑް” ކިޔުން މިހާރު ވަރަށް އާއްމު ވެއްޖެއެވެ. ދޫ ފަސޭހައަކަށް މިގޮތަށް ކީ ނަމަވެސް، އަންނަން އޮތް ޖީލުތަކަށް ބަސް ވާރުތަ ވާއިރު އޮންނާނީ، އަސްލު ގޮތް އޮޅިފައެވެ.

އާންމުކޮށް ކިޔާ އިތުރު ލަފުޒުތަކުގެ ތެރޭން “ކަލޭ” “މަގޭ” ވެސް، މިހާރު ކިޔާ އުޅެނީ ރޯ ނުބައިކޮންނެވެ. “ކައޭ” “މައޭ” މިހެންނެވެ. ކިހާ ހުތުރު ހެއްޔެވެ؟

މީގެ އިތުރުން، “ހެސްކިޔާފަ ސަޅި” މިހެން ބުނެލަން ވެސް އަދުގެ ދަރިއަކަށް ނޭގެއެވެ. މިކުދިން ބުނެ އުޅެނީ “ހެއްސަ ސައްޅަ” މިހެނެވެ. ބައެއްފަހަރު އަޅުގަނޑު ގާތަށް ހިނިވެސް އާދެއެވެ. ދެރަވެސް ވެއެވެ. ރުޅިވެސް އާދެއެވެ. މިވަރަށް ބަހުގެ ތެރެއަށް “ކުރަފި އަރުވަން” ހެޔޮ ނުވާނެއެވެ.

މިކަހަކަ ކިތަންމެ ލަފުޒެއް، ކިޔަންވާ ގޮތް ނޫން ގޮތްގޮތަށް ކިޔާތީ އަދުގެ ދިވެހި މުޖުތަމައުން އިވެވެ. އަޑުއަހަން އެހާ ފަސޭހައެއް ނޫނެވެ. ނަމަވެސް، މިއަދު މިވަނީ ބަހަށް “ކުރަފި އެރުވިފައި” އެވެ.

ހިތާމަ ހުށްޓެވެ. ދެން އޮތީ މިކަން އިސްލާޙު ކުރުމެވެ. މިކަން ކުރެވޭނީ އެންމެން އެކީ ތެދުވެ، މިކަމާ އުޅެގެންނެވެ. އެންމެން ވެސް ރިވެތި ދިވެހި ބަހުން ވާހަކަ ދައްކަން މަސައްކަތް ކޮށްގެނެވެ. އަނެކާއަށް ކުށް ބުނެދީ، ރަނގަޅުގޮތް ވެސް ކިޔާލަ ދީގެނެވެ ނޫން ހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ

  1. އަޝްރަފް ޢަލީ

    ވަރަށް ބޮޑަށް އުފާކުރަމެވެ. ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށް ދިނުމަކީ ބަސް ދަންނަ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ވާޖިބެކެވެ. ފާނޫޒުން ތިޔަ ފެށްޓެވި މަސައްކަތްޕުޅޫގެ އަގު ހެޔޮ ހިތުން ބަލައިގަންނަމެވެ. ކަމުގެ އަގުވަޒަންކުރަމުން ޝުކުރިޔާ ދަންނަވަމެވެ.

  2. ދެފެހި

    މުދައްރިސުންގެ ދައުރު މިކަމުގައި ވަރަށް މުހިންމު ކަމުގައި ދަންނަވަން ޖެހެއެވެ. ހަމަ އެހެންމެ ބެލެނިވެރިން
    މިކަމުގައި އަދާކުރަން ޖެހޭ ދައުރު އެހާމެ ބޮޑެވެ.

  3. Anonymous

    ދިވެހި ބަހާ ބެހޭގޮތުން ވާހަކަ ދައްކާއިރު ދިވެހިބަހަކީ ކޮބައިކަން އެގެން ޖެހޭ ދިވެހިބަސް މިއީ ހެދިނިމިފަ ދެން އެބަހުން ބަޔަކު ވާހަކަ ދައްކަން ޖެހޭ އެއްޗެއްތަ ނުވަތަ ދިވެހިރާއްޖޭގަ އުޅޭ ބަޔަކު ވާހަކަދައްކާ ބަހަކަށް ކިޔާ ނަމެއްތަ

  4. ކޭޓީ

    ޜަގަޅުވާހަކައެް އަހުރަމެން އަމިއްލަ ދިވެހި ބަސް ކުރަފި ަރުވަނީ.