Follow us on
ފުރާވަރުގެ އަންހެންކުދިން “އޮބިދަނޑި އަޅައިގެން” ނުގެންގުޅޭތި
| މަރިޔަމް ޝަމީލާ

ދަރިންނަކީ މައިންބަފައިންގެ ދެލޮލުގެ ނޫރު ކަމަށް ވާއިރު ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ފުރާވަރުގެ އުމުރަކީ ދަރިންގެ މިޒާޖާއި އުޅުމަށް ވަރަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެ އުމުރަކީ އެކުދިންނަށް އާކަންކަން ދަސްވެ، ދިރިއުޅުމުގެ މައިދާނަށް އެކުދިންގެ ލޯ ހުޅުވޭ އުމުރެވެ. ދިރިއުޅުމަކީ ކިހާވަރެއްގެ ކަމެއްކަން އެކުދިންނަށް ދަސްވަނީ އެދުވަސްވަރުއެވެ. ނަމަވެސް އެދުވަސްވަރު ރަނގަޅުގޮތުގައި ތަޖުރިބާ ކޮށްލަން ލިބޭ ކުދިން މިހާރަކަށް އައިސް ވަރަށް މަދެވެ. ހާއްސަކޮށް އަންހެން ކުއްޖެއް ނަމަ ނުބައިމަގަށް ކައްސާލައިގެން ދާކުދިން މިއަދު މިވަނީ އިތުރުވެފައެވެ.

އަންހެން ކުދިންނަކީ ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ ބައެކެވެ. ނަމަވެސް އޭގެ މާނައަކީ ފުރާވަރުގެ އަންހެންކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ނިޔަތުގައި “އޮބިދަނޑި އަޅައިގެން” ގެންގުޅުމެއް ނޫނެވެ. ބޭރުގެ މާހައުލު ފުރާވަރުގެ އަންހެން ކުދިންނަށް އަމާން ނޫންކަން ހުދު އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ނަމަވެސް އެ މާހައުލަށް އެކުދިން ހޭނުވުމަކީވެސް މައިންބަފައިންގެ ޒިންމާއެއް ނޫންހެއްޔެވެ؟ އެއުމުރުގެ ކުދިން މާބޮޑަށް ހިފެހެއްޓުމުގެ ނަތީޖާ އަކަށް ވެގެން ދަނީ ކުދިންގެ އުޅުން ގޯސްވެ ހަމައެއްލަމައެއްނެތި މުޖުތަމައުގައި އުޅޭ ކުދިން ގިނަވުމެވެ.

މައިންބަފައިން އަބަދުވެސް ވިސްނާނީ ދަރިންނަށް އެންމެ ރަނގަޅުގޮތަށެވެ. ދަރިންނަށް ރަނގަޅަށް ކިޔަވައިދިނުމުގެ ނިޔަތުގައި އެކުދިން އެހެނިހެން ކަންކަމުން މަހުރޫމުކޮށް ގޭގައި ބަންދުކޮށްގެން ގެންގުޅޭ މައިންބަފައިން މަދެއްނޫނެވެ. ބޭރަށް ނުދެވޭ ތަން ފޫބެއްދުމަށްޓަކައި އެކުދިންގެ އަތަށް މދީގައި އޮންނަނީ ޓެބްލެޓެއް، ނުވަތަ އައިޕެޑެކެވެ. ހަމަ އެކަނި ގޭމް ކުޅެލުމަށެވެ. ނަމަވެސް އެފަދަ ވަސީލަތެއް ލިބުމުން ކަންކަން ދަސްވަމުން އަންނަ ފުރާވަރުގެ ކުދިން ހަމަ އެކަނި ކުޅޭނީ ގޭމް ކަމަށް އެކުދިންގެ މައިންބަފައިން ގަބޫލު ކުރީ ކިހިނެއް ހެއްޔެވެ؟ އެއުމުރުގައި ސުކޫލުން ލިބޭ ރައްޓެހިންގެ ފަރާތުން އެކުދިން ވަރަށް ކަންކަން ދަސްކުރާނެއެވެ. “ސޯޝަލައިޒް” ނޫން ކުއްޖެއްނަމަ އެކުވެރިންގެ ފާޑު ކިޔުންތަކާ ކުރިމަތިލާން ޖެހެއެވެ.

މިގޮތަށް ހިފަހައްޓާފައި ތިބޭ ކުދިންނަކީ އެކުވެރިންގެ މެދުގައި އެންމެ ‘ކަޓު” ކުއްޖާގެ ގޮތުގައި ނަންވެގެންދެއެވެ. އެހިސާބުން އެނަމުން ސަލާމަތްވާންވެގެން ގޭގައި އިނދެގެން ވެސް “ސޯޝަލައިޒް” ވެވޭނެ ގޮތެއް ކުއްޖާ ހޯދަންފަށައެވެ. އެގޮތުން ގޭ މީހުންނާއި އާއިލާގެ މީހުން ބުލޮކް ކޮށް މައިންބަފައިންނަށް ‘ވަގަށް’ މީސް މީޑިއާ ބޭނުން ކުރަން އެކުދިން ފަށައެވެ. މީސްމީޑިއާގެ ޒަރީއާއިން މީހުންނާ ގުޅުން ބަދަހި ކުރަން ފަށައެވެ. މިހެން ވާހަކަ ދައްކާމީހުންނަކީ ކިހާވަރެއްގެ ބައެއްކަންވެސް ގިނަފަހަރަށް އެކުދިންނަށް ނުވިސްނޭނެއެވެ. ސަބަބު އެނގޭހެއްޔެވެ؟ އެކުދިންނަކީ މުޖުތަމައުގެ ތެރެއަށް ލޯހުޅުވެފައި ތިބޭ ކުދިންނަށް ނުވުމުން އެކުދިންނަށް މީހުންގެ ގޮތާއި ފާޑު ދަސްނުވަނީއެވެ. އެހެންކަމުން ފުރާވަރުގެ އަންހެން ކުދިންމާބޮޑަށް ހިފަހައްޓައިގެން ގެންގުޅުމުގެ ނަތީޖާ އަކަށް ވެގެންދަނީ އެކުދިން މައިންބަފައިންނަށް ސިއްރުން ދިރިއުޅުމުގެ މާހައުލު “އެކްސްޕުލޯރ” ކުރަން ފެށުމެވެ.

ފުރާވަރުގެ އުމުރަކީ ކުދިން ރައްޓެހިންނާ އެކީވެސް ވަގުތު ހޭދަ ކުރަން ބޭނުންވާނެ އުމުރެކެވެ. ނަމަވެސް އެކުދިންނަށް މައިންބަފައިންގެ ރުހުމުގައި ބޭރަށް ނުދެވޭނެކަން އެނގުމުން ބޭރަށް ނުކުންނާނެ އެހެން ގޮތްތަށް ވެސް ހޯދަން ފަށައެވެ. ދެންވެސް އެކުދިންގެ އެންމެ ބޮޑު ނުފޫޒަކަށްވެގެން ދާނީ ގޯސް އެކުވެރިންނެވެ. ނަތީޖާ އަކަށް ވެގެންދަނީ މައިންބަފައިންނަށް ނޭނގި ދަރިން “ވަގަށް” މަގުމައްޗައް ނުކުންނަން ފެށުމެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ބޭނުމުގައި ޖެހި ހިލިހިލާތަކުގައި ދަބަރުޖަހައި، އެ ހިލިހިލާ ތަކުގެ ބެނުންކެނޑި އެކުދިން ހީވެސް ނުކުރާހާ ނުބައި ގޮތެއްގައި މިނިވަން ވެގެން ދިއުމެވެ.

ފުރާވަރުގެ ގިނަ އަންހެން ކުދިންނަކީ ކިޔަވާ ނިމުމަށްފަހު އަމިއްލަ މިނިވަންކަން ލިބޭ ކުދިންނެވެ. ދޫންޏެއް ކޮށްޓަކަށްލައި ބަންދު ކޮށްފައި ވަނިކޮށް މިހަކު އެ ކޮށީގެ ދޮރު ހުޅުވާލައިފި ނަމަ ކަންތައް ވެގެންދާނެ އުސޫލު އެނގޭ ނޫންތޯއެވެ؟ ފުރާވަރުގެ އަންހެން ކުދިންނަކީ ވެސް އެފަދަ ބައެކެވެ. ކަންކަން ދަސްކުރަން ލިބުނު ދުވަހު އެކުދިން އެކަމުން މަހުރޫމުކޮށް، މާބޮޑަށް ހިފަހައްޓާފައި، ކުއްލި އަކަށް މިނިވަންކަންދީ ދޫކޮށްލުމުން އަތުވެސް ނުޖެހޭނެ ނޫންހެއްޔެވެ؟ އެހެންކަމުން ފުރާވަރުގެ އުމުރުގައި އަންހެން ކުދިން މާބޮޑަށް ހިފެހެއްޓުމަކީ ފަހުން އޭގެ ހިތި ރަހަ ތަހައްމަލް ކުރަން ޖެހިދާނެ ކަމެވެ.

ފުރާވަރުގެ އަންހެން ކުދިންނަކީ ކަންކަން ދަސްކުރަން ބޭނުންވާ ބައެކެވެ. ކުޑަ އިރުއްސުރެ ރަނގަޅުގޮތް ކިޔައިދީ، މުޖުތަމައުގެ ތެރެއަށް އެކުދިން ނެރެ، ދިރިއުޅުމުގެ މައިދާނާ ކުރިމަތިލާން ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެކުދިން ބޭރަށް ދާކަމުގައި ވަނީނަމަ ނުހިފަހައްޓާ އެކުދިން އުޅެނީ ކިހާވަރެއްގެ ބަޔަކާ އެކީކަން މައިންބަފައިން ބަލަން ވާނެއެވެ. ގޯސް އެކުވެރިން ގެންގުޅޭނަމަ އެކުދިންނަށް ވިސްނައި ދިނުމަކީ މައިން ބަފައިންގެ ޒިންމާއެކެވެ. ފުރާވަރުގެ އުމުރަކީ ކުދިން ކަންކަން ދަސްކުރަމުން އަންނަ އުމުރު ކަމުން އެކުދިންނަށް ކުށް ވެސް ކުރެވޭނެއެވެ. ނަމަވެސް މައިންބަފައިންގެ ބެލުމުގެ ދަށުން މުޖުތަމައު ތެރެއަށް ނުކުމެ “ސޯޝަލައިޒް” ދިރިއުޅުމެއް އުޅޭ ކުއްޖެއްނަމަ އެކުއްޖަކީ ފަހުން ޒިންމާނަގަން އެނގޭ ކަންކަމުގައި ކުރިއަރާނެ ކުއްޖެއްކަން ޔަގީނެވެ.

ފުރާވަރުގެ އަންހެން ކުދިން މާބޮޑަށް ހިފެހެއްޓުމުގެ ބަދަލުގައި އެކުދިންނަށް މައިންބަފައިންގެ ބެލުމުގެ ދަށުން ކުޑަ ނަމަވެސް މިނިވަން ކަމެއް ދިނުމަކީ އެކުދިންގެ ދިރިއުޅުން އުޖާލާވެގެން ދާނެ ކަމެކެވެ. މައިންބަފައިންގެ ފަރާތުން ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. އޭރުން މާދަމާގެ ފުރާވަރުގެ އަންހެން ކުދިންގެ ފަރާތުން ހީވެސްނުކުރާ ވަރުގެ ހެޔޮ ބަދަލެއް ފެންނަން ފަށާފާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. އައިންތު

    މިހާރު ދަންގަޑީގަ ނިކުމެ އެ އުޅެނީ ތިބުނާ މިނިވަންކަން ދީފަ ތިބޭ ކުދިން. މަށަކީ ރަށު ހޮސްޕިޓަލުގަ އުޅޭ ނަރުހެއް. 13، 14 އަހަރުގެ އަންހެންކުދިން ދަންވަރު 1 ގެ ފަހުން ހަމަޖެހިލާފަ ނިކުމެ އުޅޭ. މަގޭ ރައްޓެއްސަކު ވިލިމާލޭގަ އުޅޭ. އޭނަ ބުނީ އެތަނުގަވެސް އެވަރުކުދިން އެކނިވެސް އުޅެޔޯ. ދެން ފެންނާނީ އެންމެ ނުބައި ބޯދިގުކޮއްފަ ތިބޭ ކަންމަތީ ޒުވާނަކާ ގައިގޯޅިވެގެން އުޅޭތަން. މައިންބަފައިންނަށް އުނގިގެން މިހިން ވަނީ