Follow us on
ޒުވާނުން ދިވެހި ބަހަށް ކޮށިވުން: މަދަރުސާތަކުގެ އިހުމާލު!
| ޒިދާން މުޙައްމަދު

އަދުގެ ދިވެހި ޒުވާން ޖީލު ދިވެހިބަހަށް ކޮށިވެފައިވަނީ މަދަރުސީ ހަޔާތުގައި ދިވެހިބަހަށް އިސްކަންދެވިފައިވާ މިންވަރު ކުޑަކަމުންނެވެ.

ނަމަވެސް، މިކަން ޤަބޫލު ކުރަން ތިބީ މަދުބައެކެވެ. އަމިއްލަ މާދަރީ ބަހެއް މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިފައި ވުމަކީވެސް ހަގީގަތުގައި އަހަރެމެން އުފާކޮށް ފަހުރުވެރިވާން ވީކަމެކެވެ. ދުނިޔޭގެ ގިނަ ގައުމު ތަކަކަށް ލިބިފައިނުވާ ފަދަ ނަސީބެއް އަހަރެމެންގެ މި ކުޑަކުޑަ ގައުމަށް ލިބިފައިވުމަކީ ދިވެހި ކޮންމެ ދަރިއަކުވެސް ޝުކުރު ކުރުން ހައްގު ކަމެކެވެ. 100 އިންސައްތަ ދިވެހިން އެއްބަހަކުން ވާހަކަ ދެއްކުމީ ލިބިފައިވާ އަގުނުކުރެވޭ ނިޢުމަތެކެވެ.

އަޅުގަނޑު މި ނަންގަތް ސަބަބުތަކަށްޓަކައި މަދަރުސާތަކުގައި ދިވެހިބަހަށް އިސްކަން ދޭންޖެހޭ މިންވަރު އިންތިހާއަށް ބޮޑެވެ.

ދެން މަދަރުސާތަކުގައި ދިވެހިބަހަށް އިސްކަން ދިނުމަށް ކުރެވިދާނެ ދެތިން ކަމަކަށް އަލިއަޅުވާލާނަމެވެ. އެގޮތުން ފުރަތަމަ ކަމަކަށް އިނގިރޭސި މީޑިއަމްއަށް ކިޔަވައިދިނުމުގެ ބަދަލުގައި، ދިވެހި މީޑިއަމްއަށް މަދަރުސާތައް ބަދަލުކުރަން ޖެހެއެވެ.

އަހަރެމެންގެ މާދަރީ ބަހަކީ ދިވެހިބަސް ކަމަށް ވީނަމަވެސް މިހާރު ސްކޫލް ތަކުގައި ކިޔަވައިދެމުން ގެންދަނީ އިނގިރޭސި މީޑިއަމް އަށެވެ. ނަމަވެސް ދިވެހި މީޑިއަމްއަށް ކިޔަވައި ދެމުން ވެސް ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ކިޔަވައި ދެވިދާނެއެވެ. އޭރުން ދިވެހިބަހަކީ ޒުވާނުންނާ އެހާ ބީރައްޓެހި އެއްޗަކަށް ނުވާނެއެވެ. ދިވެހިބަހަށް ފަރިތަ އަދި ހޭލުންތެރި މުޖުތަމަޢުއަކަށް އަޅުގަނޑުމެންގެ ޒުވާން މުޖުތަމަޢު ހެދިދާނެއެވެ.

މީގެ އިތުރުން ދިވެހިބަހަކީ ކޮބައިކަން ޅަޒުވާނުންނަށް އުނގަންނައި ދޭން އެބަޖެހެއެވެ. މިހާރުގެ ޅަޒުވާނުންނަށް ދިވެހިބަހަކީ ކޮބައިކަން ރަނގަޅަށް ބުނެދޭން ޖެހެއެވެ. ދިވެހިބަހުގެ މުހިއްމު ކަމާއި އަދި އެބަހުގެ މުއްސަނދިކަންވެސް އެކުދިންނަށް ވިސްނައިދޭން މިވަނީ މަޖުބޫރުވެފައި އެވެ.

ފަށާ ތަޢުލީމުން ފެށިގެންވެސް ވަކި ޚާއްޞަ އަހައްމިއްޔަތު ކަމެއް ދީގެން ދިވެހިބަސް ކިޔަވައިދެވިފައި ވާނަމަ މިއަދުގެ ޒުވާނުންނަށް މާދަރީ ބަސް ބޭނުން ކުރާކަށް އުނދަގުލެއް ނުވީސްކަން ގައިމެވެ.

ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ވެސް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ދިވެހިބަސް ކިޔަވައިދޭން ޖެހޭ ކަމަށް އަޅުގަނޑަށް ފެނެއެވެ. ހަމައެކަނި އިމްތިހާނަކަށް ތައްޔާރުވުމަށް ކިޔަވާ އެއްޗެއް ނޫންކަން އެކުދިންނަށް ވިސްނައިދިނުން މުހިއްމު ކަމެއް ކަމުގައި ދެކެވެ.

ނިންމާލަމުން ވެސް ބުނަމެވެ. ދިވެހިބަހަށް އިސްކަންދޭ ތަނަކަށް މަދުރާސާތައް ހަދާށެވެ. އޭރުން އޭގެ މޭވާ ފޮނިވާނެއެވެ. ދިވެހިބަހަށް އާރޯކަން ލިބިގެންދާނެއެވެ. މި ބަހަށްޓަކައި ފަހުރުވެރިވާ ޖީލެއް އުފެދިގެން ދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. އޯކޭ

    ލޮލް! ކިޑް! ޑޯންޓް ބްލޭމް އިޓް އޮން ސްކޫލްސް! ވަޓް އެބައުޓް ޕޭރެންޓްސް؟ އިޓް އޯސް ސްޓާޓްސް އެޓް ހޯމް

  2. ކަނީރު

    ޒުވާބު ކުރެވިދާނެ ކަމެއްކަމަށްފެނޭ. އިސްކޮޅުގައި އޮންނަނީ އިނގިރޭސި ބަހުން ހުރިހާ ކަމެއްހެން ކުރާގޮތަށް ކަމުގައިވާތީ ބެލެނިވެރިން އެގޮތަށް އިނގިރޭސި ވަނީކަމުގައިވެސް ބުނެވިދާނެ. އޭގެ އިތުރުން ދިވެހިބަހަށް ލޯބިޖައްސަން ކުރެވޭ ރަސްމީކަންކަންމަދުވެފައި ބޮޑަތި ނުފޫޒުހުރި ފަރާތްތަކުން ބަހަށްފަރުވާލެއްނުބަހައްޓާ މައްސުނިކޮށް ހަދާތަންފެނި އިވުމުގެ ސަބަބުންވެސް ކުދިންނަށް ދިވެހިބަހުގެ އަގު ވަޒަންނުކުރެވެނީ އޭ ބުނެވޭނެއެވެ.

  3. ހުސެން

    ދިވެހި ބަސް ދަސް ކޮއްގެން މި ދުނިއޭގައި ކުރެވޭނީ ކިން ކަމެއް .. ޑިވެހި އިސް ސެކަންޑް އިންޑް އޮފް ޓޮޕިކް

  4. ކުއްޖާ އެންމެ ތުުއްތު އިރުއްސުރެއް އެކުދިންގެ ބެލެނިވެރިން އަދި އާއިލާ މެމްބަރުން އެކުއްޖާއާ އިނގެރޭސިން ވާހަކަ ދެއްކުން މިވެސް ސްކޫލްތަކުގެ އިހުމާލެއްތޯ؟

  5. ކުޔުންތެރިޔާ

    ފާޅުކުރައްވާފައިވާ ޚިޔާލަށް އިޙްތިރާމު ކުރަން.. ނަމަވެސްް ދިވެހިބަސް ކުރިއެރުވޭނީ ސިޔާސަތުތައް، ބަހަށް އިސްކަން ދެވޭގޮތަށް ބަދަލުކުރެވިގެން ކަމުގައި ދެކެން..