Follow us on
ތިމާވެށި ތިމާގެ ވެއްޓަކަށް ހަދަމާ!
| އީމާ ވަހީދު

ތަރައްގީ އާއި ތަހުޒީބުގެ ގޮތުން ކުރި އަރާފައިމިވާ 21 ވަނަ ގަރުނުގައި އަޅުގަނޑުމެންގެ ވަށައިގެން މިވާ ވެއްޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތި ވަމުންނެވެ. ދުވަސްތައް ފާއިތު ވަމުން ދާވަރަކަށް އަޅުގަނޑުމެންގެ ވަށައިގެންމިވާ ވެއްޓަށް ވެސް ދަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ބޮޑު ނުރައްކަލެއްގެ ތެރެެއަށް އަޅުގަނޑުމެންގެ މި ނާޒުކު ވެށި ވެއްޓިގެން ހިނގައިދާނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަޖައިބުން ފުރިފައިވާ ވެށި ސަލާމަތްކޮށް، ދެން އަންނަން އޮތް ޖީލުތަކާއި ހަމައަށް ވާސިލުކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.

ހިތާމައާއި އެކީ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއަދު މި ފަރުދީ ޒިންމާއަށް މީހުން އިހުމާލު ވާކަމެވެ. އެއްވެސް ބަލައިލުމެއް ނެތި އެކި ތަންތަނަށް ކުނި އަޅައި ގަސްގަހާއިގެހި ކަނޑާ ހެދުމުގެ ސަބަބުން އަޅުގަނޑުމެންނަށް ފޫބައްދަން ދަތި ބާގަނޑު ތަކެއް ދަނީ އަޅުގަނޑުމެންގެ މި ނާޒުކު ވެށީގައި އުފެދެމުންނެވެ. މިއަދު އަޅުގަނޑުމެން އިމާރާތައް އަޅައި ގެދޮރު އެޅުމަށް ގަސް ކަނޑާ ހަދާއިރު އޭގެ ސަބަބުން އަޅުގަނޑުމެންގެ ތީމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި މެދު ވިސްނާލީ ކޮން ބޭފުޅެއް ތޯއެވެ؟ މި ވެށީގެ ފެހިކަން މަޑުމަޑުން ނެތިގެން ދަމުން ގޮސް އަޅުގަނޑުމެންގެ މި ތިމާވެށި މަޑުމަޑުން ވީރާނާވެ ހަލާކުވެގެން ހިނގައިދާނެއެވެ. މިއީ ފިޔަވަޅު ނާޅައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ގަސްގަހާގެހި ކަނޑަށް ދިނުން ހުއްޓުވަން ލަސްވެއްޖެއެވެ. އޭގެ ބަދަލުގައި ކަނޑައިލެވޭ ކޮންމެ ގަހެއްގެ ބަދަލުގައި ގަހެއް އިންދަން ފަށަންވެއްޖެއެވެ.

ހަމައެކަނި ގަސްކެނޑުމެއް ވެސް ނޫނެވެ. މޫދަށާއި، ހޭޅި ފަދަ ތަންތަނަށް ކުނި އެޅުންވެސް ހުއްޓާލަން މިހާރު މާ ލަސްވެއްޖެއެވެ. ޕުލާސްޓިކުގެ ބާވަތްތައް މޫދަށް އަޅައި ހެދުމުން ކަނޑު އަޑީގެ ދިރުންތައް މަޑުމަޑުން ފަނާވަމުން ދެއެވެ. އަޅުގަނޑުމެން އެންމެން އެއްބަސް ކިޔައިގެން މަސައްކަތް ކުރަންވީ ޕުލާސްޓިކުގެ ބާވަތްތައް ކަނޑަށް އެޅުން ހުއްޓައި އެތަކެތި އެންމެން ސަލާމަތްތެރި ގޮތުގައި ނައްތާލުމަށެވެ.

އަޅުގަނޑުމެން މިއަދު މިކަމަށް ފަރުވާ ކުޑަކޮަށްފިނަމަ މާދަމާ މިކަމުން ނިކުންނަ ނަތީޖާ ވަރަށް ހިތި ވާނެއެވެ. އަޅުގަނޑުމެން ދިރިއުޅެމުން މިގެންދާ ކުޑަކުޑަ ދިވެހި ރާއްޖެ އަކީ ތިމާވެއްޓަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ އަސަރު އެންމެ ބޮޑަަށް ފެންނާނެ އެއް ގައުމެވެ. އެހެންކަމުން ދިވެހިން ތިމާވެށި ސަލާމަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ