Follow us on
ދަރިން ތިބީ ކިޑްނީ ދޭން ތައްޔާރަށް – ބޭނުންވަނީ ތިޔަބޭފުޅުންގެ ދީލަތި އެހީ.
| ފާނޫޒް.ކޮމް

ހަށިގަނޑުގެ އެެއް ގުނަވަނުގައި އަޅާ ވޭން މުޅި ހަށިގަނޑަށް އިހުސާސް ވާ ބީދާއިން އެއް މުސްލިމަކަށް ދިމާވާ ވޭންތަކާއި ދަތިތައް އަނެއް މުސްލިމު އަހާއަށްވެސް އިހުސާސް ވާފަދައެވެ. ތިމާގެ އަޚާއަށް ދިމާވާ ދަތިތަކުގައި އެހީތެރިކަން ފޯރު ކޮށްދީ އަޅާލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ.

އެހެން މީހެއްގެ ހާލަތު ގަލަމަކުން ބަޔާންކޮށްދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެބައެއްގެ އިހްސާސްތައް ދެނެގަންނަން މަސައްކަތްކުރިޔަސް، އެފަދަ ހާލަތެއް ދިމާނުވަނީސް އެކަން ފަހުމުކޮށްދޭން ދަތިވާނެކަން ކަށަވަރެވެ.

މުހައްމަދު އަބްދުލް ގައްޔޫމު އަކީ ދެ ކިޑްނީ ފެއިލުވެގެން ކިޑްނީ ބަދަލުކުރަން ޖެހިފައިވާ މީހެކެވެ. މުހައްމަދު އަބްދުލް ގައްޔޫމުގެ ދަރިން ތިބީ ބައްޕައަށް ކިޑްނީ ހަދިޔާ ކުރަން ތައްޔާރަށެވެ. އެކުދިން ހަމަ އެކަނި އެދެނީ ބައްޕަގެ ފަރުވާއަށް ހަރަދުކުރުމަށް ތިޔަބޭފުޅުންގެ ދީލަތި އެހީއަކަށެވެ.

ޑޮކްޓަރުގެ ލިޔުން

ދުވަހެއް ދުވަހަކަށް މުހައްމަދު އަބްދުލް ގައްޔޫމުގެ ހާލަތު ދަނީ ދަށް ވަމުންނެވެ. އެހެންކަމުން މުހައްމުދު އަބްދުލް ގައްޔޫމަށް ވަނީ ޑައިލަސިސް ހެދުން ނުވަތަ ކިޑުނީ ބަދަލުކުރުން ނޫން އެހެން ގޮތެއް ނެތިފައެވެ. ހަފްތާއެކު ދެފަހަރު، ދުވާލަކު 4 ގަޑިއިރު ޑައިލަސިސް ހެދުމަކީ، މުހައްމަދު އަބްދުލް ގައްޔޫމުގެ ބައްޔަށް ދާއިމީ ފަރުވާއަކަށް ނުވާތީ އާއިލާއިން ބޭނުންވަނީ ވީހާވެސް އަވަހަށް ކިޑްނީ ބަދަލުކުރާށެވެ. އެހެނަސް މި ފަރުވާއަށް އެކި ގޮތްގޮތުން ބޮޑު ހަރަދެއް ހިނގާނެއެވެ.

މުހައްމަދު އަބްދުލް ގައްޔޫމުގެ ދެ ކިޑްނީ ފެއިލުވުމުގެ ކުރިން އޭނާއަކީ ފައިބަރު ވަޑިއެކެވެ. މުހައްމަދު އަބްދުލް ގައްޔޫމުގެ 7 ދަރިން ތިބެއެވެ. މުހައްމަދު އަބްދުލް ގައްޔޫމުގެ ކިޑްނީ މައްސަލަ އުޅޭކަން އެންމެ ފުރަތަމަ އެނގުނީ 2012 ވަނަ އަހަރުގައެވެ. މުހައްމަދު އަބްދުލް ގައްޔޫމު ބޭނުންވީ ބޭސް ކައިގެން ހުންނާށެވެ. އެހެންނަމަވެސް ޑޮކްޓަރު އޭރުވެސް ބުނަމުން ދިޔައީ ކިޑުނީ ބަދަލުނުކޮށް ނުވާނެ ވާހަކައެވެ. އެހެންނަމަވެސް ދަރިއެއްގެ ކިޑްނީ ލައްވައިގެން އުޅެން ބޭނުން ނުވާތީ މުހައްމަދު އަބްދުލް ގައްޔޫމު ބޭސް ކައިގެން ކެތް ކުރިއެވެ. ދަރިން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެންްނަމަވެސް ފަހަކަށް އައިސް ބޭހުން ނުހިފެއްޓިގެން މީގެ 6 މަސް ކުރިން ޑައިލަސިސް ހަދަން ފެށިއެވެ. ހުރިހާ ދަރިންވެސް ތިބީ ބައްޕައަށް ކިޑްނީ ދޭން ތައްޔާރަށެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މުހައްމަދު އަބްދުލް ގައްޔޫމުގެ އައިލާއިން ތިބީ ތިޔަބޭފުޅުންގެ ދީލަތި އެހީއަކަށް އެދިއެދިއެވެ. މުހައްމަދު އަބްދުލް ގައްޔޫމަށް ފައިސާގެ އެހީއެއް ދެއްވުމަށް ބޭނުންވާ ފަރާތްތަކުން ‎7707493518001 (ހައްވާ ޒާހިރާ) އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ.

އަދި އިތުރު އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 9640776 (އަހުމަދު އާސިފް) އަށް ގުޅުމަށް އާއިލާ އިން އެދެއެވެ.

މާތް ﷲ މުހައްމަދު އަބްދުލް ގައްޔޫމަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ، އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާންދޭވެ. އާމީން!


ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ޚިޔާލު ފާޅުކުރައްވާ