Follow us on
ޖިއަންގެ މަރާއެކު އެންމެން ސިހިފައި!
| އީމާ ވަހީދު

ކޮންކުރިޓު ޖަންގަލީގެ ގޮތުގައި ގިނަ މީހުން ސިފަކުރާ މާލޭގައި، މީހަކު ގަޔަށް ވަޅި ހަރައިގެން، ނުވަތަ މާރާމާރީއެއް ހިންގައިގެން މީހުން މަރުވާ އަޑަކީ އަޅުގަނޑުމެންނަށް އިވި ފަރިތަ އަޑެކެވެ. އެހެނަސް، މިދިޔަ އާދިއްތަ ދުވަހު ދިވެހިންގެ ކަންފަތްތައް ސިއްސުވާލީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިި، 9 އަހަރުގެ ކުޑަ ކުއްޖެއް ދުނިޔެއާއި ވަކިވެގެން ދިޔަ ހަބަރެވެ.

ޕޭވުމަންޓު މަތިން ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާ ވެއްޓުނު ކުއްޖާއަކީ ބަންގުލަދޭޝް ކުއްޖެކެވެ. އެ ކުއްޖާ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނީ، ސަންފުރޮންޓު ލައިޓްސް ހުންނަ މ.ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތަކުގެ ފަސްވަނަ ބުރިންނެވެ. މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ހާއިރެވެ.

ވަގުތުން މީސް މީޑިޔާގައި މި ހަދިސާ ދައްކުވައިދޭ ވީޑިއޯތަކާއި، އަދި ފޮޓޯތައް ދަައުރުވާން ފެށިއެވެ. މީސްމީޑިއާގައި ދައުރު ވަމުން ދިޔަ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ކުޑަ އަންހެން ކުއްޖާއާއި އެކީ އެކުއްޖާގެ މަންމަވެސް ހިނގާފައި އާދެއެވެ. އެކުއްޖާ ހުރީ މަންމައަށް ވުރެ ތަންކޮޅެއް ކުރީގައެވެ. އަދި ވަކި ހިސާބަކުން މަތިން ސިމެންތި ތަކެއް ފައިބައެވެ. އަދި ފައިބަމުން ދިޔަ ސިމެންތި ތަކާއި އެކީ ސިމެންތި ބަސްތާއެއްގެ އެއްބައި ވެއްޓޭތަން ވީޑިއޯއިން ފެނެއެވެ. ކުއްޖާގެ ބޯމައްޗަށް ސިމެންތި ބަސްތާ ވެއްޓުމާއި އެކު ވަގުތުން އެކުއްޖާ ބިންމައްޗަށް ވެއްޓެއެވެ. ވަރަށް ގިނަ އަދަދަކަށް ސިމެންތި ފޭބުމުގެ ސަބަބުން، އެވަގުތު މުޅި ހިސާބު ގަނޑުގައި ދުން ބޯކޮށްލައެވެ. އެހެންވެ، ދުން ގަނޑުތެރޭގައި އިރުކޮޅެއް ވަންދެން އެއްވެސް މީހަކަށް އެކުއްޖާ ނުފެނި އޮތެވެ. އެކުއްޖާ ފެނުމާއި އެކީ ވަގުތުން އެކުއްޖާ ކޮނޑަށް ލައިގެން ގެންދިޔައީ އެތަނަށް އައި މީހެކެވެ.

SunFront ligth shop huri building mathin kuda kuhjjehge gaimahxhah vehtunu simenthi basthaa ge video!!😭

Posted by Viral Maldives on Sunday, 16 December 2018

އައި.ޖީ.އެމް.އެޗް ގައި ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ ވަނީ އިއްޔެގެ ވަގުތެއްގައި މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.

މިއީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަޅައި ނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. މިކަހަލަ ހިތާމަވެރި ހާދިސާތައް ހިނގަނީ ބޯލަބަން ޖެހޭ ގަވައިދުތަކަށް ބޯނުލަނބާ މަސައްކަތް ކުރުމުގެ ސަބަބުންނެވެ. ކުޑަ ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލިގެން އެދިޔައީ އެތައް ބަޔެއްގެ ފަރުވާ ކުޑަ ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މި ހާދިސާ ކުށްވެރިކުރަމުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ މުހައްމަދު ސޯލިހުވެސް ވަނީ މި ކަންތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ. މިކަމާއި ބެހޭގޮތުން ޓުުވީޓު ކުރައްވަމުން އިބޫ ވިދާޅުވީ، ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލިގެން ދިޔުމަށްވުރެ ހިތާމަވެރި ކަމެއް ނެތް ކަމުގައެވެ. އަދި، މި ހާދިސާގައި ނިޔާވި ރައުޝަނު ޖިއާނުގެ މައިންބަފައިންނަށާއި އޭނާގެ އާއިލާއަށްވެސް ތައުޒިޔާ ރައްދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އަދި ނައިބު ރައީސް ފައިސަލް ނަސީމުވެސް ވަނީ ކުއްޖާގެ އާއިލާއާއި ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން، ފުލުހުން ބުނެފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަކަމަށެވެ. ހަމައެހެންމެ، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސް، ޝިދާތާ ޝަރީފުވެސް ވިދާޅުވީ މިކަން ބަލަމުން އަންނަ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ