Follow us on
ވޮށުފިލާ: މާމަމެން ޒަމާނުގެ ޓެބްލެޓް
| އަޙުމަދު އަނަސް

ތަރައްގީވެ ތަހުޒީބުވެފައިވާ އަދުގެ މި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ދުނިޔޭގައި އުނގެނުމާއި، އުނގަންނައިދިނުމުގައި ޒަމާނީ އާލާތްތަކަކީ މުހިންމު ރޯލެއް އަދާކުރާ އެއްޗިއްސެވެ. ޓެބްލެޓާއި ލެޕްޓޮޕް އަދި ކޮމްޕިޔުޓަރާއި ނުލާ މިއަދު ބޮޑުވަމުން މިދާ ކުދިންގެ ތަޢުލީމީ ހަޔާތް ވެގެންދާނީ ވީރާނާވެފައިވާ ފަޅުގެއަކަށެވެ. ކުރީ ރެއެއްގެ އަށެއްގެ ހަބަރުން ދަރިވަރުން ކިޔެވުމުގައި ޓެބްލެޓް ބޭނުންކުރާ ވާހަކަ އިވުމުން އަހަރެންގެ މާމަ އަހަންނަށް ކިޔައިދިނެވެ. މާމަ ކުޑައިރުވެސް އެދުރުގެއިން ކިޔަވަން ޓެބްލެޓް ގެންގުޅުނީމެވެ.

އަހަރެން އިނީ އަޖައިބުވެ އަންތަރީސްވެފައެވެ. އަޅެފަހެ މާމަ މިދައްކަނީ ކޮން ޓެބްލެޓެއްގެ ވާހަކަ ހެއްޔެވެ. އޭރު ގައިމު ކަރަންޓުވެސް ނޯވެއެވެ. މާމަ ކިޔައިދެމުން ދިޔައެވެ….

“މާމަމެން ކުރިން އެދުރުދައިތަ ގެއަށް ކިޔަވަން ދިޔައިރުވެސް ޓެބްލެޓް ގެންގުޅުނިން. އެކަމަކު އޭރު ޓެބްލެޓް ހަދާފައި ހުންނަނީ ބަނބުކެޔޮ ފިލައިން.” މާމަ މިދައްކާ ވާހަކައެއްގެ ވާނުވާ އެނގުނީ ދެނެވެ. ޙަގީގަތުގައި މާމަ މި ދައްކަނީ ވޮށުފިލާގެ ވާހަކައެވެ.

އެދުރުގެއެއްގައި ވޮށުފިލާގައި އަކުރު އަޅަނީ — ފޮޓޯ: ހުސައިން ފޮޓޯސް

މިއަދު އަހަރެމެން ޓެބްލެޓްއާއި ލެޕްޓޮޕުން ކިޔެވި ނަމަވެސް އެޒަމާނުގައި އެފަދަ އެއްޗެހި ލިބޭކަށް ނުުރެއެވެ. އެހެންކަމުން އޭރު ކިޔެވުމާއި ކިޔަވައިދިނުމުގައިވެސް ބޭނުންކުރަނީ ދިވެހިންގެ އަމިއްލަ އުފެއްދުމެެވެ. ވޮށުފިލާއަކީވެސް ދިވެހިންގެ ޚިޔާލުގެ މައްޗަށް ހަދާފައިވާ ދިވެހިންގެ އަމިއްލަ އުފެއްދުމެކެވެ. ވޮށުފިލާގެ ތެރެއަށް ހުންނަނީ ވެލި އަޅާފައެވެ. އަދި އޭރު ކިޔެވުމަށް އަކުރު އަޅަނީ އެ ވެލިތަކުގެ މަތީގައެވެ.

އިހުޒަމާނުގައި ދިވެހިން ފޮށުފިލާގައި އަކުރު ލިޔެގެން ކިޔެވި ނަމަވެސް މިއަދު ވޮށުފިލާއެއް ބާލާލަންވެސް ލިބެނީ މަދު ފަހަރެއްގައެވެ. ޒަމާނާއެކު އިހުގައި ބޭނުންކުރި ބައެއް އެއްޗެހިވެސް ނެތެމުން ދަނީއެވެ. މި އެއްޗެހި އުވިދިޔަ ނުދީ ބެލެހެއްޓުމަކީ އެންމެންގެވެސް ޒިންމާއެކެވެ.

ޚިޔާލު ފާޅުކުރައްވާ