Follow us on
ކުނި އަޅާ ދެރަ މީހާގެ ނަން އެކަނި ހާމަކުރުން ސަޅިއެއް ނޫން…
| ފާނޫޒް.ކޮމް

ރާއްޖޭގެ ވެރިރަށް މާލޭގެ މަގުމައްޗަށް ކުނި އެޅުމަކީ އެތައް މަސައްކަތްތަކެއް ކޮށްގެންވެސް ނުހުއްޓުވިފައިވާ ކަަމެކެވެ. ކުރީގައި ވެރިކަން ކުރި ވެރިންވެސް މިކަން ހުއްޓުވުމަށް އެތައް ސިޔާސަތުތަކެއް ތަންފީޒް ކޮށްގެންވެސް ކާމިޔަބު ނުވި ކަމެކެވެ. ތަރުތީބެއް ނެތި ފުރަ މާލޭގެ މަގުމައްޗަށް ކުނި އަޅައި މިންވަރު ދަނީ އިތުރުވަމުންނެވެ.

މާލޭގެ މަގުމައްޗަަށް ކުނި އެޅުމުގެ މައްސަލަ ހައްލުކުރުމަށް މިފަހަރު އެންވަޔަރމެންޓް ޕޮރޮޓެކްޝަން އެޖެންސީ މި ގެންގުޅުއްވަނީ ވަަރަށް ފައްކާ ސިޔާސަތެކެވެ. ކޮންމެ ދުވަހަކު މަގުމައްޗަށް ކުނި އަޅައި މީހުންގެ ނަން ހާމަކުރައްވައި އެމީހުން ޖޫރިމަނާ ކުރުމެވެ. ކުނި އަޅައިގެން ޖޫރިމަނާ ކުރުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް ކުނި އަޅައި މީހުންގެ ލިސްޓް އާއްމު ކުރުން ވެގެންދަނީ މުޅިން އާ ކަމަކަށެވެ.

އީޕީއޭ އިން ވަނީ ކުނި އަޅައި މީހުންގެ ނަން ހާމަކުރެއްވުމުގެ ސިޔާސަތު މީހާރުވެސް ތަންފީޒު ކުރަން ފަށާފައެވެ. މިގޮތުން ކުރިން ދުވަހާއި އަދި އިއްޔެ ވަނީ ނަންތައް އީޕީއޭއިން ކުރި ޓުވީޓްތަކުގައި އާއްމު ކުރައްވާފައެވެ. އަދި މުސްތަގުބަލުގައި މަގުމައްޗަށް މީހުން ކުނި އަޅާނަމަ އެމީހުންގެ ނަންތައްވެސް އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މިހާ ހިސާބުން ދިވެހިންގެ ތެރޭގައި އޮންނަ މީސް މީޑިއާގައި އަދި އެހެނިހެން ސޯޝަލް ވިއުގަރ ތަކުގައި މިކަމާ ބެހޭގޮތުން ބަހުސްކުރުމުގެ ކުޅިގަނޑު ފެށުނީއެވެ. ކުނި އަޅައި މީހުންގެ ނަންތައް ހާމަކުރެއްވުމަކީ ވަަރަށް ސަޅި ކަމެއް ކަމުގައި، އެއްބައި މީހުން ބުނަމުން ދިޔައިރު އެނެއްބައި މީހުން ބުނަމުން ދިޔާއީ އެއީ ރަނގަޅު ކަމެއް ނޫންކަމަށެވެ. މީސް މީޑިއާގައި މިކަމާއި ބެހޭ ގޮތުން ކުރަމުންދާ ބަހުސްތަކުގެ ތެރެއަށް ވަންނާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ.

ހިތާމާއާއި އެކީ ފާހަގަކޮށްލަން ޖެހެނީ ދިވެހިންގެ ތެރޭގައި ކޮންމެ ކަމެއް ކުރިއަސް ތަފާތު ކުރުން ގެންގުޅޭތީއެވެ. ކުށްތަކަށް އަދަބު ދީ ހަދާއިރުވެސް މުއްސަނދި މީހާއާއި ނިކަމެތި މީހާ ތަފާތު ކުރާތީއެވެ. ކުނި އަޅައި މީހުންގެ ނަންތައް ހާމަކުރައްވާއިރުވެސް މިހެން ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

މުޖުތަމައުގައި އުފެދޭ ދެބަސްވުންތަކާއި މައްސަލަތައްވެސް ނައްތާލެވޭނީ މުޖުތަމައުގައި އުޅޭ ދޭދޭ ފަރުދުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްގެން ކަން ޔަގީނެވެ. ކުށްކުރާ މީހާގެ ބޮލަށް ކަނދުރާއަށް ބެލުމެއްނެތި އަދަބު ދިނުމުގެ ސިޔާސަތު ގެންގުޅެން ލަސްވެއްޖެއެވެ. ކުނި އަޅައި މީހުންގެވެސް ނަން ހާމަކުރައްވާއިރު މުއްސަނދި ނިކަމެތި ބެލުމެއް ނެތި މިކަން ކުރަން ގޮވާލަމެވެ.

ޚިޔާލު ފާޅުކުރައްވާ