Follow us on
މަރަށް ތެޅުނު އިރުވެސް ބެލީ ފޮޓޯނެގޭތޯ!
| އަޙުމަދު އަނަސް

މިދުވަސްކޮޅު އެންމެ ގަދަޔަށް މިދެއްކޭ ވާހަކައަކީ އާދަޔާއި ޚިލާފަށް ރާއްޖޭގައި، ޚާއްސަކޮށް މާލޭގައި އެކްސިޑެންޓަތައް ގިނަވަމުންދާ ވާހަކައެވެ. އެކްސިޑެންޓްތަކުގައި މީހުނާއި، ދުއްވާ އެއްޗހި އަދި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތަން އެބަފެނެއެވެ. މަދުން ނަމަވެސް މިފަދަ އެކްސިޑެންޓް ތަކުގައި މީހުން މަރުވަމުން ދާކަންވެސް އެބަ ފާހަގަކޮށްލެވެއެވެ.

މިއަދު ހޭލައިގެން އެންމެ ފުރަތަމަ ފޯނު ނަގައި ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. މާލޭގައި 17 އަހަރުގެ ކުޑަކުއްޖަކު ސައިކަލެއްގައި ގޮސް ލޮރީއެއްގައި ޖެހިފައި އޮތް މަންޒަރު ފެނުމާއެކު އަހަރެންގެ ހިތަށް އެރިއެވެ. ނޫނޭވާ މީނަ މި ދުއްވީ ހާދަ މަޑުންނޭ. ގައިމު ސައިކަލު އެއޮތީ މުޅިން ފުނޑުފުނޑު ވެފައެވެ. ކޮންމެއަކަށް އެއީ ވެ ނިމިފައިވާ ކަމެކެވެ. އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ހެޔޮ ދުޢާކުރުން ނޫންކަމެއް އަހަންނަކަށް ނުކުރެވުނެވެ.

މިހެން އުޅެފައި މެންދުރުވިހާއިރު ފޯނު ނަގައި ބަލާލިއިރު ދެން މިފެނުނު މަންޒަރަކުން މޭގަނޑު އަތަށް އައި ކަހަލައެވެ. “މިއަދު ހެނދުނު އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެ” މި ބީދައިން ނޫސްތަކުގެ ފަލަ ސުރުހީގައި ލިޔެވިފައި އޮތް މަންޒަރު ފެނި ހިތަށް ވެރިވެގެން ދިޔައީ އިތުރު ބިރުވެރިކަމެކެވެ. އަހަރެންގެ އެކުވެރި އަޚެއް މިފަދަ އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރިތާ އަދި މިވީ އެންމެ މަހެކެވެ. އަނެއްކާވެސް ހަމަ އެ އުމުރުގެ ކުއްޖަކު މިފަދަ ގޮތެއްގައި ދުނިޔެއާއި އަލްވަދާއު ކިޔައިފިތާއޭ ހިތާހިތުން ކިޔާލީމެވެ.

ދެން މީސް މީޑިޔާއިން މި ފެންނަންފެށީ އަނެއްކާވެސް ޤަބޫލުކުރަން ދަތި މަންޒަރުތަކެކެވެ. މިއަދު ހެނދުނު އެކްސިޑެންޓުވި ކުއްޖާ މަރަށް ތެޅެމުން ދިޔަ މަންޒަރެވެ. އެހެނަސް އެންމެން ތިބީ ހަމަޖެހިލާފައެވެ. އެމީހަކަށް ވިވަރަކުން ފޮޓޯނަގާށެވެ. ނުވަތަ ވީޑިޔޯ ކުރާށެވެ. ބަޔަކު އެތަނުން އެމްބިޔުލާންސަށް ގުޅާށޭ، ޕޮލިހަށް ގުޅާށޭ ކިޔަމުން ދާ އަޑު އިވެއެވެ. ދެން އަނެއްކާވެސް އަނެއް ވީޑިޔޯއިން މި ފެންނަނީ ހައިރާންކުރުވި މަންޒަރެކެވެ.

އަސްތާ! އެކްސިޑެންޓުވެފައި އޮތް ކުއްޖާ އެމީހަކަށް ހިފުނު ގޮތަކަށް ނަގައި އެ ލަނީ ލޮރީއެއްގެ ފޮށިގަނޑުގެ ތެރެއަށެވެ. އެހިނދު އޭނާގެ ނޭފަތުން ހޯސް ލާފައި އެ ފައިބައިގަނީ ލެއެވެ. އެކަމަށް ބެލުމެއްނެތި، އޭނާ އެ ލޮރީގެ ފޮށިގަނޑުގުގެ ތެރޭގައި ބާއްވައިގެން އެ ދިޔަގޮތަށް ދިޔައީއެވެ.

މީހަކު އަޅެފަހެ އަޖައިބެއް ނުވާނެ ހެއްޔެވެ. ދިވެހިން މިއަދު މިކަމާ ލަދަގަންނަށް އެބަ ޖެހެއެއް ނޫންހެއްޔެވެ؟ “ޓިޕިކަލް ދިވެހިންގެ ގޮތް” ދޫކޮށްލާކަށް ނުވޭހެއްޔެވެ؟ މިއަދު އޭނާއަށް އަވަސް ފަރުވާދެވި، އެންމެ އެދެވޭ ގޮތެއްގައި އޭނާ ހަސްފަތާލަކާއި ހަމައަށް ގެންދެވުނު ނަމަ އޭނާ ދުނިޔޭގައި ހުރުންވެސް އެކަށީގެންވެއެވެ.

ސަރުކާރުން އިސްނަގައިގެން ކޮންމެ ދިވެއްސަކަށް “Basic First Aid” ޓްރެއިނިންގ އެއް ދިނުމަކީ މުހިންމު ކަމެއް ކަމުގައި އަހަރެން ދެކެމެވެ. އަދި ދުއްވަމުންދާ މީހުން، ދުވެލި މަޑުކުރުން އެދެމެވެ. ދުވެލި މަޑުކުރާށެވެ. ފުރާނަ ސަލާމަތްކުރާށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ސާނާ

    ސަރުކާރު ޒިންމާ ނުނެގިއަސް އާންމު ރަަައްޔިތުން ސޯސަލް މީޑިޔާ އަށް ވަދެވޭ ފަދައިން މައުލޫމާތު ލިބޭ ސައިޓު ބަލައި އަމިއްލައަށް ދަސްކުރަން ޒިންމާ ނެގެން ވާނެ.. ކޮންމެ ކަމަކަށް ސަރުކާރު ޒިންމާ ނަގާކަށް ނުޖެހޭ. ރަަައްޔިތުންގެ ޒިންމާވެސް އެބޮއި..