Follow us on
ތިބާއަށް ތިބާގެ އަމިއްލަ ޤައުމުގެ ޤަދަރު ކުޑަކޮށްލެވޭކަން އެނގޭހެއްޔެވެ؟
| އައިޝަތު އިނާން

ތަރައްޤީ އާއި ތަހުޒީބަކީ މިހާރު މުޅި ދުނިޔޭގައިވެސް އެންމެ އާންމު ދެބަހެވެ. މިދެބަސް ނޭނގޭނެ ކުޑަކުއްޖަކުވެސް މަދުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން މިއަދުގެ ޒުވާނުންވެސް ހިނގަމުން އެދަނީ ތަރައްޤީގެ ފިޔަވަޅު މަތިންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ، ޒުވާނުނުންނަށް އެ ހިނގެނީ ރަނގަޅު ފިޔަވަޅު މަތިން ތޯއެވެ؟ މިހެން އަޅުގަނޑަށް މި ދެންނެވެނީ، މިއަދުގެ ޒުވާނުން އެންމެ ފަހުގެ ފެޝަން ތަކާއި އެކު ފަނޑުވަމުން ދަނީ ތިމާގެ އަމިއްލަ ޤައުމަށް ދެވިފައިވާ ލޯބި ކަމުގައިވާތީއެވެ.

މާލޭގެ މަގުމަތިން ހިނގާލައިފި ކަމުގައި ވީނަމަވެސް، ބައެއް ފަހަރަށް ފެންނަ މަންޒަރަކީ ފޯން ކޭސްތަކާއި އަންހެން ކުދިންގެ އަތްދަބަސް ތަކުގައިވެސް އެހެން ޤައުމެއްގެ ޤައުމީ ދިދަ ޖަހާފައި ހުންނަ ތަނެވެ. ނުވަތަ އެޤައުމެއް ރަމްޒުކޮށްދޭ އެފަދަ އެހެން އެއްޗެއް އޭގައި އިންނަ ތަނެވެ. ފިރިހެން ކުދިންގެ ހާލަކީ ތޯއެވެ؟ އާންމުކޮށް އަރަން ގެންގުޅޭ ބޫޓު ފައިވާނުން ފެށިގެންގޮސް ސްކޫލް ފޮތްތަކަށް ދާންދެން އެކި ޤައުމުތަކުގެ އެކި ރަމްޒުތައް ބޭނުން ކޮށްފަ ހުރެއެވެ. ނަތީޖާއަކަށް ވެގެން ދަނީ ޤައުމަށް ދެވިފައިވާ ލޯބި ކުޑަވުމެވެ. ޤައުމަށްޓަކައި ހިތުން ދެވިފައިވާ ޖާގަ މަޑުމަޑުން ފަނޑުވަމުން ދިޔުމެވެ.

ޝައްކެއް ނެތެވެ. ތިމާގެ އަމިއްލަ މައުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރުވުމަށްޓަކައި އެކި ޤައުމުތައް ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކި ބަސް ބަސް ދަސްކުރުމަކީ ބަހުގެ ގޮތުން މުއްސަނދި ކުރުވާ ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެކި ބަސްބަސް ދަސްކުރަން އުޅުމުގެ ތެރޭގައި ވަނީ ކިހިނެތް ތޯއެވެ. އެބަހެއް ދަސް ކުރަން ބޭރު ޤައުމުތަކަށް ގޮސް އަނބުރާ ތިމާގެ އަމިއްލަ ޤައުމަށް އާދެވޭއިރު ހުންނަނީ ތިމާގެ ފެންވަރު އޮޅިފައެވެ. ތިމާއަކީ މީ ކޮންތަނެއްގެ، ކޮންފެންވަރެއްގެ ކާކުކަން ހަނދާން ނެތިފައެވެ. ނުވަތަ މުސްކުޅިން ބުނާހެން ކިޔަވަން ދާ މީހުން ކިޔެވި ކިޔެވީނުން ތިބެނީ ކާފަރުވެފައެވެ.

ދިވެހިންގެ ތެރެއިންވެސް އެންމެ ގިނަ މީހުންގެ ހިތްތަށް އަތުލައިގަނެފައިވަނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ގިނަ ޢަދުއްވުން ތިބި އެއް ޤައުމު ކަމަށް ވާ އެމެރިކާ އެވެ. އެ ޒުވާނުންގެ ހީރޯއިން ކަމުގައި ބަލަނީ ހޮލީވުޑް ގެ ފިލްމީ ތަރިންނެވެ. އަޅުގަނޑުމެންގެ ހީރޯއިން ކަމުގައި ބަލަންވީ އަލިރަސްގެފާނާއި، ބޮޑުތަކުރުފާނު އަދި ޙުސައިން އާދަމް ފަދަ ބޭބޭފުޅުންގެ ޙައްޤު ކޮބައިތޯއެވެ. ފޯނުތަކުގެ ވޯލްޕޭޕަރ އަށް ލަނީ ލީނިން ޓަވަރާއި ގޯލަޑަން ގޭޓް ފަދަ ތަންތަނެވެ. ބަދަލުގައި އަޅުގަނޑުމެންގެ ޤައުމުގައި ހުރި ސުނާމީ ބިނާ އާއި، އުތީމު ގަނޑުވަރާއި ހުކުރު މިސްކިތް ފަދަ ތަންތަން އެ ފޯނުތަކަށް ލުން ކީއްތޯއެވެ. އާދޭހެވެ. އަދުގެ ޒުވާނުން ދަނީ ތިމާގެ އަމިއްލަ ޤައުމުގެ ޤަދަރު ކުޑަކޮށްލުމަށްފަހު އެހެން ބޭރު ޤައުމުތަކަށްޓަކައި ޤުރުބާން ވަމުންނެވެ. އެބައިމީހުންގެ ކަންތައްތައް ހޯދުމުގައި ވަޤުތުތަށް ނަގާލަމުންނެވެ. ތިމާގެ ޤައުމަށްޓަކައި ހޭދަކުރަންވީ ވަގުތަށް ފުރަގަސް ދީފައެވެ. ޤައުމު އެބައިމީހުންނަށް އެދި ގޮވަގޮވައި ތިއްބާ ބީރު ކަންފަތެއް ދިނުމަށްފަހުގައިވެސް މެއެވެ.

މިކަމަށް އޮތް ޙައްލަކީ، ވަކި ވަކި ފަރުދުން ނުވަތަ ޒުވާނުންގެ ޒިންމާ އަމިއްލައަށް ނަގަން ކެރުމެވެ. އެންމެން އަތުގުޅާލާ ތިމާމެންނަކީ ވެސް ކެރޭ ބައެއްކަން ބޭރުދުނިޔެއަށް ސާބިތުކޮށްދިނުމެވެ. ވީމާ ހުރިހާ ރައްޔިތުން އަތުކުރި އޮޅާލާ، އެންމެން އެކަކު އަނެކެއްގެ އަތާއި އަތް ގުޅާލަން ޖެހެއެވެ. މި ޤައުމަށް ނުހޯދި އޮތް ފަރުވާ ލިބޭނީ އޭރުންނެވެ.

ޚިޔާލު ފާޅުކުރައްވާ