Follow us on
ފަންސޫރުން އަޅާލި ރޮނގާއިއެކު އާޓްގެ ދުނިޔެއަށް!
| އައިޝަތު އިނާން

ކުޑައިރުއްސުރެ ޕައިލެޓަކަށްވުމަށް ދެކެމުންދާ ހުވަފެނާއިއެކު އުދުހެމުންދާ މި ދަރިވަރަކީ ހުނަރުގެ ގޮތުން ތަނަވަސް ކުއްޖެކެވެ. ބައެއް ދިވެހިންނެކޭ އެއްފަދައިން ކުރެހުމުގެ ދުނިޔޭގައިވެސް އަރަމުން އަންނަ ތަރިއެކެވެ. މިއީ އުމުރުން ސޯޅަ އަހަރުގެ ހައިކަލް މުޙައްމަދު އަގީލެވެ.

ފުރާވަރުގެ މި ޒުވާނާއަކީ ފަންސޫރުން ގަނޑުގައި ކުރަހާލާ އެއްޗެހިން އެހެން މީހުންގެ ހިތްތައްވެސް ދަމައިގަންނަން ކުޅަދާނަ ކުއްޖެކެވެ. ސްކޫލަށް ދާ ކޮންމެ ދުވަހަކު ފޮތްބަރި ހިފައިގެން ގޮސް އޭނާ ބައެއްފަހަރަށް ކުރާ ކަމަކީ އެ ފޮތްތަކުގެ ގަނޑުތަކުގައި ކުރެހުމެވެ. ނަތީއްޖާއަކަށް ވެގެން ދިޔައީ ކުރެހުމަށް ހިތް ޖެހި އާޓްގެ ދުނިޔެއަށް އޭނާގެ ދެލޯ ހުޅުވުމެވެ. އެހެންކަމުން މި ހުނަރުވެރި ޒުވާނާއަށް މި ދާއިރާއަށް ވަދެވުނު ގޮތަށް ބަލައިލަމާ ހެއްޔެވެ؟

ހައިކަލް އަކީ ކުޑައިރުއްސުރެ އެއްޗެހި ކުރަހާލާ ހަދާ އުޅޭ ކުއްޖެކެވެ. ގްރޭޑް އެކަކުން ފެށިގެން ކޮންމެވެސް ސިފައެއްގައި އޭނާއަށް ވަނީ އެކި ކުރެހުން ތަކުގެ ތެރޭގައި އުޅެވިފައެވެ. “އަސްލު އެންމެ ކުރަހާ ހިތްވީ. ގްރޭޑް ވަން ގަ ނާޝިދާ މިސް ކަންނޭނގެ ހަނދާންވާގޮތުން އެއީ. ދިނީ ހިލަ ކަރުދާސްގަނޑެއްގަ ކުރަހަން ވެގެން. ދެން ގްރޫޕް ތަކެއް ގޮތަށް ހުންނާނީ އެއިރު (ކްލާހުގަ). ދެން ކޮންމެ ގްރޫޕަކަށް ދިނީ މަހެއްގެ ފޮޓޮއެއް. އޭތި ބަލައިގެން ޖެހުނީ ކުރަހަން. ދެން ހައިކަލް ފާޑެއްގެ ގޮތަކަށް ކުރެހީ އޭތި. ނިންމިތަނާ އެންމެން އައިސް އޭތި ރީތިވެގެން ބަލަން ފެއްޓީ. މިސް ވެސް އެތި ރީތިވެގެން އުޅުނީ.” ކުރެހުމަށް ޝައުޤުވެރިކަން އުފެދުނު ސަބަބާއި ގުޅޭގޮތުން ހައިކަލް ދިން ޖަވާބަކީ މިއީއެވެ.

ކުރެހުމަކީ އޭނާ ދެކޭ ގޮތުގައި އޭނާގެ ‘ހޮބީ’ އެކެވެ. ފޫހި ވުމުން ފޫހި ފިލުވާލަން ކުރަހަނީއެވެ. ނަމަވެސް އެގޮތަށް ކުރަހާލާ އެއްޗެހި ވެގެން ދަނީ އެހެން މީހުންނަށްވެސް ރީތިވާ އެއްޗެހި ތަކަކަށެވެ. ބައެއް ފަހަރަށް ތިމާ ކުރާ ކަމެއް ތިމާއަށް ކަމުނުދާހެން ހީވި ނަމަވެސް އެހެން މީހުންނަށް އެކަމަކީ ވަރަށް ފުރިހަމަ ކަމެއް ކަމުގައި ވެދާނެއެވެ.

އޭނާގެ ކުރެހުންތަށް އަޅުގަނޑަށް ފެނުމުން އޭނާއާއި ސުވާލު ކޮށްނުލައި ނުހުރެވުނެވެ. އެހެން ކަމުން 16 އަހަރުގެ ކުއްޖަކާއި ބަލައިފައި އޭނާގެ ހުނަރުވެރިކަން ފެނި އެ ހުނަރު ކުރިއަރުވާ ގޮތާއިމެދު އަޅުގަނޑު ސުވާލު ކޮށްލީމެވެ. ޖަވާބު ވަރަށްވެސް ސާދާއެވެ. “ނުކުރަން މާ ބޮޑު ކަމެއް. ސްކޫލް ގަނޑުތަކުގަ ސްކެޗް ކުރަނީ އެއްޗެހި. ދެން މީސް މީހުން ކުރަހާފަ ހުންނަ އެއްޗެހި ބަލަން.” ހުނަރު ހުރި ކުއްޖެއް ނަމަ އޭނާގެ ހިތް އެކަމަކަށް ޖެހިއްޖެއްޔާ ކުރި އަރާނެއެވެ. ހައިކަލްވެސް ސާބިތުކޮށްދެމުން އެދަނީ އެކަމެވެ.

މީހުންގެ ފާޑުކިޔުމާއިއެކުވެސް ފަސް ބެލުމެއްނެތި އޭނާ ދަނީ ކުރިޔަށެވެ. މީހުންގެ ފާޑުކިޔުމަކީ އޭނާގެ ހިތްވަރެވެ. “ކުރަހާފަ ބައެއް އެއްޗެހި ޕޯސްޓް ކުރީމަ އަންނަ ކޮމެންޓްސް ތަށް އެއީ ދެން (ހިތްވަރަކީ). ނެގަޓިވް އެއްޗެހި ތަށް. ބައެއް ފަހަރު އަންނާނެ ދެން ރަނގަޅު ކުރާށޭ ކިޔާފަ. ކުރެހުމުގެ ދާއިރާގަ އުޅޭ ބައެއް މީހުންވެސް ކޮމެންޓް ކުރާނެ. ނޫނީ ޑައިރެކްޓް މެސެޖް ކުރާނެ.” މީހުންގެ ފާޑުކިޔުމުން ހިތްވަރު ހޯދާ ޙާލު ހައިކަލް ބުންޏެވެ.

މިފަދަ ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމެއްގައި ތިމާއާއި އެކު ދެގޮތެއްނުވެ ތިބޭނޭ ބަޔަކު ވާނެއެވެ. ތިމާ ޝުކުރު އަދާކުރަން ބޭނުންވާ ފަރާތް ތަކެއް ވާނެއެވެ. ހައިކަލްވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއެވެ. ކިތަންމެ ހަޑިކޮށް އެއްޗެއް ކުރަހާލައިފަ ދެއްކިޔަސް ‘ބެސްޓް ފްރެންޑް’ ބުނަނީ އެ ކުރެހުމެއް ރީތިކަމުގައެވެ. އެ ކޮންމެ ފަހަރަކު އޭނާއަށް ލިބެނީ ހިތްވަރާއި އުފާވެރިކަމެވެ. އެކުވެރިޔާ ހުރީ އޭނާއާއި އެކުކަން އޭނާއަށް އިޙުސާސް ވެއެވެ. އެހެން ކަމުން އުފަލާއިއެކު އޭނާ އެކުވެރިޔާއަށް ޝުކުރު އަދާކުރެއެވެ. އާއިލާއަށްވެސް އޭނާގެ ކުރެހުންތަށް ފެނުމުން އެމީހުންގެ ފަރާތުން އޭނާއަށް ލިބެނީ ހިތްވަރުގެ ބަސްތަކެވެ. އާންމުކޮށް އޭނަ ކުރަހާ ކޮންމެ އެއްޗެއް ނުފެނުނު ކަމުގައިވިނަމަވެސް އިންސްޓަގްރާމްއަށް ދޫކޮށްލާ ފޮޓޯތަށް ގޭމީހުންނަށް ފެނުމުން އެމީހުން އޭނައަށް ހިތްވަރު ދެއެވެ. އެމީހުން ތިބީ ހައިކަލް އާއި އެކުގައިކަން ސާބިތު ކޮށްދެއެވެ.

[button type=”round” color=”black” target=”” link=”https://www.instagram.com/hai____kal/”][/button]

އޭނާއަށް އެ ހުނަރު ދެއްވި ކަމަށްޓަކައި ހައިކަލް ﷲއަށް ޙަމްދު ކުރާ ޙާލު އޭނާ ދެން އެންމެ ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވަނީ އޭނާގެ ‘ހޭޓާސް’ އަށެވެ. އެމީހުންގެ ބަސްތަކުން ހައިކަލް އަށް ލިބެނީ އިތުރު ހިތްވަރެކެވެ. އިތުރަށް ކުރިޔަށް ދާން އެބަސްތަކުން އޭނާއަށް ނެގެނީ ކުރިޔަށް ފިޔަވަޅެކެވެ. އެހެން ކަމުން ޚުދު އަޅުގަނޑުވެސް އެދެނީ ހައިކަލްއަށް މި ދާއިރާއިންނާއި އެހެނިހެންވެސް ގޮތްގޮތުން ކާމިޔާބީއެވެ. އެދެނީ ފާގަތި މުސްތަޤްބަލެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ހައިކަލްއަށްވެސް މިންވަރު ކޮށްދެއްވުމެވެ.

ޚިޔާލު ފާޅުކުރައްވާ