Follow us on
ތިބާގެ އެންމެ ގާތް އެކުވެރިޔާ އަށް ނަމާދު ހަދާކަށް ނުވޭ ހެއްޔެވެ؟
| އައިޝަތު އިނާން

ދުނިޔެއަށް އުފަންވެ ގޮތްގޮތް އިނގޭ އުމުރަށް އިންސާނާ ދިޔުމަށްފަހު، ނުވަތަ އިސްލާމް ވުމަށްފަހު އޭނާގެ މައްޗަށް ނަމާދު ޤާއިމް ކުރުން ލާޒިމް ވެއެވެ. އޭނާ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރަން ހުއްޓަސް ނަމާދު ކުރަން ޖެހެއެވެ. އެއީ ކަނޑުމަތީގައި، ނުވަތަ ބަލި ޙާލަތުގައި ނުވަތަ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވިޔަސް ވެހެވެ. މިހެން ވާނެޖެހޭ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ވެފައި ވަނީ، ނަމާދު ޤާއިމް ކުރުމަކީ އިސްލާމް ކަމުގެ ފަސް ރުކުނުގެ ތެރެއިން އެންމެ މުހިއްމު އެއް ރުކުނަށް ވާތީއެވެ. މީގެ އިތުރުން ނަމާދަކީ ދީނުގެ ތަނބެވެ. މިކަން ކީރިތި ޤުރުއާނުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވެއެވެ. އިސްލާމްކަމުގެ ފަސް ރުކުނުގެ ތަނބުތަކުގެ މައްޗަށް އެކުލެވޭ ފެންޑާގައި، އެއް ތަނބު ވެއްޓުނަސް މުޅި ތަން ވެއްޓޭ ފަދައިން، ނަމާދު ޤާއިމް ނުކޮށްފިނަމަ އިންސާނާގެ އިސްލާމް ކަން ފުރިހަމަ ނުވެއެވެ.

ނަމަވެސް އަދުގެ ޙާލަކީ ކޮބައިތޯއެވެ؟ ވަޒީފާއެއްގައި އުޅޭ މީހަކަށް ވަނީނަމަ ހޭވައްޓާލައިފަ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މުސާރަ ދިނުމަށްޓަކައި ފަރުޟު ފަސް ނަމާދު ކުރިތޯ ބަލާލައިފި ނަމަ އަހަރެމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް މި ލިބެނީ ސުމެކެވެ. މަސައްކަތައިގެން މީހާގެ ހުރިހާ ހަކަތަ ހުސްވީނަމަވެސް ނަމާދުގެ ބަންގީގެ އަޑަށްވެސް ބީރު ކަންފަތެއް ދެވޭ ފަހަރު އާދެއެވެ. މި އާދަ އެންމެ ގިނައިން ކަށީގައި ހިފާފައިވާ ބަޔަކަށް ޒުވާނުން ވާނެޔޭ ބުނެފި ނަމަ ދެކޮޅު ހަދާނޭ އެއްވެސް މީހަކު ނުހުންނާނެއެވެ.

ޒުވާނުންނަކީ ޤައުމެއްގެ އެންމެ އިސް އާރުކާޓީން ކަމުގައި ވީ ހިނދު އެފަދަ ނުރަނގަޅު އާދަތައް ހުރި ކަމީ ހިތާމަކުރަން ޖެހޭ ވަރުގެ ބޮޑު ކަމެކެވެ. އެ ހުނަރުވެރި މަސައްކަތްތެރިން ރެއާއިދުވާލު ވަގުތުތައް އެކަމަށްޓަކައި ހޭދަކޮށް، ހޯދި ފައިސާތަކާއި ކުރި މަސައްކަތްތައް އެންމެ ވައިރޯޅި އަކާއި އެކުވެސް ވަޔާއި ހިނގައި ދާނެއެވެ. ނަމަވެސް އޭނާގެ އީމާންތެރިކަން އެ ވަޔާއި އެކުވެ ހިނގައިދާނެހެއްޔެވެ؟ ހަމަ ގައިމުވެސް އަޅުގަނޑު އެއްބަހެއް ނުވާނަމެވެ.

އަހަރެމެންމެން ވަޒީފާގައި ކުރާ ބުރަ މަސައްކަތްތަކުގަ ބަރަކާތް ލައްވާނީވެސް ﷲ އަށް އަޅުކަންކޮށް، އެކަލާނގެ އެންގެވި ގޮތަށް އުޅެގެންނެވެ. ތިބާ ތިބާގެ އަމިއްލަ ނަފްސާއި، ނަމާދު ބާރާބަރަށް ކުރެވޭތޯ ސުވާލުކޮށްލަބަލާށެވެ. ޖަވާބަކީ އާނއެކޭ ނަމަ ޙަމްދުހުއްޓެވެ. ޙަޤީޤީ ކާމިޔާބީ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަޅުކަންކޮށް އެކަލާނގެ އެންގެވި މަގުން ހިނގުމުން ޙިސާބު ބެއްލެވޭ ދުވަހު ހެޔޮ ޖަޒާ ލިބި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭ މީހުންނެވެ. އަހަރެމެން މި ދުނިޔެއަށް ފޮނުއްވެވީވެސް ﷲއަށް އަޅުކަން ޚާލިސްކޮށް އެކަލާނގެ އެންގެވި ގޮތަށް އެކަލާނގެ މަގުގައި ސާބިތުވެ ތިބުމަށް ނޫންހެއްޔެވެ؟ ވީއިރު ތިބާގެ އެންމެ ގާތް އެކުވެރިޔާއަށް އަދިވެސް ފަރުޟު ފަސް ނަމާދު ހަދާކަށް ނުވޭހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ