Follow us on
ސަޕްރައިޒަކާއެކު މިއަދު މުޅި ފޮނަދޫ ސާފުކޮށްލަނީ!
| އަޙުމަދު އަނަސް

“ވިސިޓް ލާމު” އިން އިސްނަގައިގެން، ލ.ފޮނަދޫގެ އެކި ސަރަހައްދުތަކުގައި ޑަސްޓްބިން ބެހެއްޓުމާއި ލ.ފޮނަދޫގެ އެކި ސަރަހައްދު ސާފު ކުރުމަށް، “ފޮޅާލަމާ” ގެ ނަމުގައި މިއަދު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓްގެ ތެރެއިން، އިތުރު ސަޕްރައިޒެއް ފެނިގެންދާނެ ކަމަށް އެކަން އިންތިޒާމް ކުރާ، ވިސިޓް ލާމު އިން ބުނެފިއެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މިއިވެންޓްގައި، ހައްދުންމަތީ ފޮނަދޫގެ ގިނަ އިދާރާތަކަކުންނާއި ގިނަ އަދަދެއްގެ ސުކޫލު ކުދިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަދުގެ އިވެންޓްގައި، ލާމު ކައްދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންނާއި، ފޮނަދޫގައި ހުންނަ ޖެންޑަރ ސާވިސް ސެންޓަރއިންނާއި ލ.ފޮނަދޫ ސިއްޙީ މަރުކަޒުންނާއި، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގިނަ އަދަދެއްގެ ދަރިވަރުންގެ އިތުރުން، މިފަދަ ކަންކަމުގައި އާއްމުކޮށް ހަރަކާތްތެރިވާ ގިނަ އިސް ރައްވެހިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިއިވެންޓްގައި ފޮނަދޫގެ ގިނަ ޒުވާނުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“މިއިވެންޓްގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅު ކޮށްފައިވޭ. އިވެންޓްގައި ހަމަކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ. މިއީ ކޮންމެ މީހެއްގެ ފަރުދީ ވާޖިބެއް ކަމުގައި ދެކިގެން ކުރަންވީ ކަމެއް.” “ވިސިޓް ލާމު” އިން “ވަގުތު” އާ ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

“ވިސިޓް ލާމު” އިން ބުނީ މިފަދަ އިވެންޓެއް ބޭއްވުމަށް އެހީތެރިވުމަށް ފޮނަދޫގެ ވިޔަފާރި ވެރިންގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް މިކަމަށް އެހީތެރިވެފައިވަނީ މަދު ބައެއް ކަމަށެވެ. އަދި އިވެންޓްގެ ތެރެއިން، އެހީތެރިކަން ފޯރުކޮށްދެއްވާފައިވަނީ ކޮންކޮން ފަރާތްތަކެއްކަން ހާމަކުރެވިގެންދާނެ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

މިއަދު އޮންނަ “ފޮޅާލަމާ” އިވެންޓްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިއަދު 3:45 ކަށް ލ.ފޮނަދޫ ބަނދަރު ސަރަހައްދަށް ދިއުމަށް އެފަރާތުން އެދެއެވެ.

ޚިޔާލު ފާޅުކުރައްވާ