Follow us on
ވިޒިޓް ލާމުން މުޅި ފޮނަދޫ ފޮޅާލައިފި!
| އަޙުމަދު އަނަސް

ވިޒިޓް ލާމުން އިންތިޒާމުކޮށްގެން “ފޮޅާލަމާ” މި ނަމުގައި ލ.ފޮނަދޫގައި ސާފު ކުރުމުގެ ބޮޑު އިވެންޓެއް ބާއްވައިފިއެވެ. މި އިވެންތުގެ ތެރެއިން ވަނީ ފޮނަދުގެ ބޮޑު ބައެއް ފޮޅާ، ސާފުކޮށްފައެވެ.

“ވިޒިޓް ލާމު” އިން ބުނެފައިވަނީ މިއީ މިހާތަނަށް ފޮނަދޫގައި މިފަދަ ގޮތަށް ބޭއްވި، ސާފު ކުރުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށާއި މިއަދުގެ އިވެންޓްގައި ޖުމްލަ 87 މީހުންނަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. މިއަދުގެ މިއިވެންޓްގެ ތެރެއިން ފޮނަދޫގެ 8 ސަރަހައްދެއްގައި އާއްމު ބޭނުމަށް ޑަސްޓްބިންވަނީ ބަހައްޓާފައެވެ. އަދި ފޮނަދޫގައި ޑެންގީ ހުން ފެތުރެމުންދާނީ އެކަމުގެ މަޢުލޫމާތުވެސް، ދޮރުން ދުރަށް ހިނގާ މިއަދުގެ އިވެންޓްގެ ތެރެއިންވަނީ ދެވިގެންވަނީ ގޮސްފައެވެ.

“ވިސިޓް ލާމު” އިން ބުނެފައިވަނީ، މިއަދުގެ އިވެންޓް ކުރިޔަށް ގެންދިއުމުގައި ފޮނަދޫގެ ގިނަ ވިޔަފާރިވެރިންނާ ވާހަކަ ދެއްކި ކަމަށާއި ނަމަވެސް ގިނަ ތަންތަނުން މިފަދަ އިވެންޓް ތަަކަށް ސްޕޮންސަރ ދިނުމަށް ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުންވަނީ އިވެންޓް ކުރިޔަށް ގެންދިއުމަށް މާލީ ގޮތުން އެހީތެރިކަން ދީފައެވެ.

މިގޮތުން ބަލާއިރު، ރަށު ތެރޭގައި ބެހެއްޓި 8 ޑަސްޓްބިން ދީފައިވަނީ، މީގެ ކުރިންވެސް މިފަދަ ގިނަ ކަންކަމަަށް ޚަރަދު ކުރަމުން އަންނަ، އަދި މިފަދަ ދަރުމަވެރި ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވަމުން އަންނަ، ލ،ފޮނަދޫ، މުރިގު، ފާތިމަތު ޒަޢީމާ އެވެ.

ޑަސްޓްބިން ހަދިޔާ ކުރެއްވި ޒަޢީމާ ސާފު ކުރުމުގައި ހަރަކާތްތެރިވަނީ.. | ވިޒިޓް ލާމު ފޮޓޯ: އަލީ އިވާޝް

މީގެ އިތުރުން މިއަދުގެ އިވެންޓްގެ ބައިވެރިންނަށް ސައި ފޯރުކޮށްދިނުމަށް ފޮނަދޫގައި ހުންނަ، އަދި ގިނަ ބައެއްގެ މެދުގައި މަޤްބޫލު ކެފޭތައް ކަމުގައިވާ، ހުސްހަބު ކެފޭ، ބީޗް ސްޕޮޓް އަދި ޖޭމްސް ކިޗަން އިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން އިވެންޓްގެ އިތުރު ކަންކަމަށް މާލީ ގޮތުން، ޝައިން ވަން، އާރިޝް ޓްރޭޑާސް، ކިލަމް ޓްރޭޑާސް، އަދި ޝާނީޒް ވުޑްސް އިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފޮޅާލަމާ އިވެންޓުގެ ތެރެއިން ސާފުކުރަނީ.. | ވިޒިޓް ލާމު ފޮޓޯ: ފާނޫޒު

މިއިވެންޓްގައި ލ،ފޮނަދޫގައި ހުންނަ، ލާމު އަތޮޅު ތަޢުލީމީ މަރުކަޒުގެ ގިނަ ދަރިވަރުންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ބޭކަލުންވެސް ވަނީ މިއަދުގެ އިވެންޓްގައި ބައިވެރިވެފައެވެ. މީގެ އިތުރުން، ފޮނަދޫ ސިއްޙީ މަރުކަޒުގެ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން މިއިވެންޓްގައި ބައިވެރިވެފައިވާއިރު، އިތުރު މުއައްސަސާތަކުންވެސް މިއިވެންޓްގައިވަނީ އެކި ގޮތްގޮތުން ބައިވެރިފައެވެ. މިގޮތުން ކުނިތައް ޖަމާ ކުރުމަށްޓަކައި ހައްދުންމަތީ އަތޮޅު ކައުންސިލުންވަނީ ދެ ލޮރީ އޮޕަރޭޓްކޮށްދީފައެވެ. މީގެ އިތުތުން ފޮނަދޫ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މިއަދުގެ އިވެންޓްގައި ބައިވެރިވިއެވެ.

އަބްދުﷲ ކަމާލުއްދީން ފޮޅާ ސާފު ކުރުމުގެ އިވެންޓްގައި ހަރަކާތްތެރިވަނީ.. | ވިޒިޓް ލާމު ފޮޓޯ: އަލީ އިވާޝް

މިއަދުގެ އިވެންޓްގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އަދި ޕެކެޓް، އަދި ދަޅު ރަށުގެ އެކި ސަރަހައްދުތަކުންނާއި ޖެޓީއިންވަނީ ނަގާ، ރަށުގެ ކުނި ގޮނޑު ސަރަހައްދަށް ޖަމާކޮށްފައެވެ.

ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އަދި ކޮތަޅު މިއަދު އެއްކުރެވުނު. | ވިޒިޓް ލާމު ފޮޓޯ: އަލީ އިވާޝް

“ވިޒިޓް ލާމު” އިން ބުނީ، މިއަދުގެ އިވެންޓުން، ލާމު ފޮނަދޫގައިވެސް ތިމާވެއްޓަށް ލޯބި ކުރާ ޖީލެއް އޮތްކަން ސާބިތުވެއްޖެ ކަމަށާއި ކުރިޔަށް އޮތް ތާންގައިވެސް މިފަދަ އިވެންޓްތައް ބޭއްވިގެންދާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ