Follow us on
މުއުމިނުންގެ ސިފަތައް
| އަޙުމަދު އަނަސް

ﷲ تعالى ހެއްދެވި އަޅުތަކުންކުރެ، އެކަލާނގެ އެންމެ ރުހިވޮޑިގެންވާ ބަޔަކީ ޣައިބުގައި އެކަލާނގެއަށް އީމާންވެ، އެކަލާނގެ އަންގަވާފައިވާ ގޮތަށް އެފަރާތަށް އަޅުކަން ކުރާ މުއުމިނުންނެވެ. ޤިޔާމަތްދުވަހު ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްވެ، ސުވަރުގޭގެ މަތިވެރި ނިޢުމަތްލިބޭނެ ބަޔަކީ މުއުމިނުންނެވެ. މިކަންކަމަކީ ހަމަ ކޮންމެ އިންސާނަކުވެސް އެދޭނެ ކަންކަމެވެ. ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދެދުނިޔޭގައިވެސް ހެޔޮގޮތަށް އެދިގެންތިބޭ މުއުމިނުންނަކީ އެމީހުންގެ ޢަމަލުތައް އެކަލާނގެ އެންމެ ރުހިވޮޑިގަންނަވާގޮތަށް ކުރުމަށް އެދޭނެ ބައެކެވެ. އެހެންކަމުން ﷲ އަށް އީމާންވާ މުއުމިނުންގެ ކިބާގައި ހުންނަންޖެހޭ ސިފަތަތަކީ ކޮބައިކަމާއި، އެމީހުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތް ދެނެގަތުމަކީ ކޮންމެ މުއުމިނަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން އެނގޭގޮތުން އަންނަނިވި ސިފަތަކަކީ މުއުމިނުންގެ ކިބާގައި ހުންނަ ސިފަތަކެކެވެ.

– ﷲ ފިޔަވައި އިތުރު އެހެން އިލާހަކު ނުވާކަމަށް ޤަބޫލުކުރުމާއި، ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުން.
– ﷲ އަށް ބިރުވެތިވުމާއި، އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތައް ކުރުމުން ދުރުހެލިވުން.
– ﷲ ފިޔަވައި އެހެން ފަރާތަކަށް ވަކީލު ނުކުރުން.
– ﷲ ފިޔަވައި އެހެން ފަރާތެއްދެކެ ބިރު ނުގަތުން.
– އަބަދުވެސް ﷲ އަށް ޙަމްދާއި ޝުކުރު ކުރުން.

– ޢަޤީދާ ވަރުގަދަވުން. މުއުމިނުންނަކީ ސީދާ މަގުން އެކަހެރިވުމަށް އެއްވެސް ވަގުތަކު ބޭނުންވާ ބައެއް ނޫނެވެ. އެމީހުންނަކީ އެމީހުންގެ އަޅުކަން އަދާކުރުމުގައި ޖޯޝު ހުންނަބައެކެވެ.
– ޤުރްއާނުގައި ވާގޮތަށް ޢަމަލުކުރުން. އެމީހުންގެ ޢަމަލުތައް ބިނާކުރާނީ ޤުރްއާނާއި އެއްގޮތަށެވެ. ޤުރްއާނާއި ފުށުއަރާ ހަމަ ކޮންމެ ކަމަކުން އެމީހުން ދުރުހެލިވާނެއެވެ.
– އަބަދުވެސް ﷲ ހަނދުމަކުރުން. ﷲ އެމީހުންގެ ކަންތައްތައް ބައްލަވާކަމާއި، އަޑުއައްސަވާކަން އެމީހުނަށް އެނގެއެވެ. ﷲ ގެ މަތިވެރިކަން އެމީހުންގެ ވިސްނުމުގައި އަބަދުވެސް ހުރެއެވެ.

– ﷲ ގެ ކުރިފުޅުމަތީ އެމީހުންނަކީ ދެރަ ނިކަމެތިބައެއްކަމަށް އިޤުރާރުވުން.
– ﷲ ކަނޑައަޅުއްވާފައިވާ ކަމެއްނޫނީ މެދުވެރި ނުވާނެކަން ދަނެ އެކަން ޤަބޫލު ކުރުން. މުއުމިނުންނަކީ މިދުނިޔެމަތީ އެމީހުންނަށް ދިމާވާ ކަމަކުން މާޔޫސްވާ ބައެއް ނޫނެވެ.
– އަބަދުވެސް އާޚިރަތް ދުވަހުގެ ނަތީޖާއަށް ބެލުން. މުއުމިނުންގެ އަމާޒަކީ އާޚިރަތެވެ. އެހެންކަމުން ދުނިޔެމަތީގެ ނަތީޖާއަށްވުރެ ކުރިއަށް އާޚިރަތް ދުވަހު ކަންތައް ވާނެ ގޮތަކަށް މުއުމިނުން އަބަދުވެސް ވިސްނާނެއެވެ.
– ﷲ އާއި ކުއްތަންވުމާއި ރަސޫލާ އެއީ ނަމޫނާ ކަމުގައި ދުށުމާއި، މުއުމިނުން ފިޔަވައި އިތުރު ބަޔަކު އެންމެގާތް އެކުވެރިން ކަމުގައި ނުބެލުން.

– ކަންކަމާމެދު ފިކުރު ހިންގުން. މުއުމިނުންގެ އެއްވެސް ވަގުތަކީ ބޭކާރުކޮށް ހޭދަކުރާ ވަގުތެއް ނޫނެވެ. އަބަދުވެސް ތިބޭނީ މުއުމިނުންނާއި އެމީހުންގެ ދީނަށް ޚިދުމަތް ކުރުމުގައެވެ. ދީނަށް ޚިދުމަތްކުރުމުގެ ތެރޭގައި މުޅިއިންސާނިއްޔަތަށް ޚިދުމަތް ކުރުން ހިމެނެއެވެ.
– ޙައްޤު ގޮތުގައި ﷲ ގެ މަގުގައި ޖިހާދު ކުރުން. މުއުމިނުންނަކީ ކާފިރުންނާއި، ޚާއްޞަކޮށް ކުފުރުގެ ބޮޑުންނާއި ޖިހާދުކުރުން ހުއްޓާނެ ބައެއް ނޫނެވެ. މި ޖިހާދުގައި އެމީހުން ނިކަމެތިކަމެއް މާޔޫސްކަމެއް އިޙްސާސެއް ނުކުރާނެއެވެ.

– ޙައްޤު ބަސް ބުނުމުގައި ފަސްނުޖެހުން. ޙައްޤު ބަޔާން ކުރުމުގައި މުއުމިނުންނަކީ އެހެން މީހުން ދެކޭނެ ގޮތަކަށް، ކިޔާފާނެ އެއްޗަކަށް ނުވަތަ ކޮށްފާނެ މަލާމާތަކަށް ބަލާނެ ބައެއް ނޫނެވެ.
– ﷲ ގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދިނުމަށް ކުރެވެންހުރި ހުރިހައި ކަމެއް ކުރުން.
– އަނިޔާވެރި ނުވުން. މުއުމިނުންނަކީ އެހެންމީހުންނަށް ރަޙުމުކުރާ، އަދި މަޑުމޮޅި ހިތްތަކެއްގެ ވެރި ބައެކެވެ.
– ރުޅިގަދަނުވުން. މުއުމިނުންނަކީ އެހެންމީހުނަށް މަޢާފުކުރާ ކެތްތެރި ބައެކެވެ.

– އަމާނާތްތެރިކަން. މުއުމިނުންނަކީ އެހެންމީހުންގެ އިތުބާރުލިބުން ޙައްޤު ބައެކެވެ. ދުނިޔަވީ ކިތަންމެ ބޮޑު މަންފާއެއް ލިބުނުކަމުގައި ވިއަސް އެމީހުން އެކަމަށް ދަހިވެތިވެ، އަމާނާތްތަކަށް ޚިޔާނަތެއް ނުވާނެއެވެ. އެމީހުންގެ ވަރުގަދަ ޝަޚްޞިއްޔަތުގެ ސަބަބުން އެހެންމީހުންނަށް އެމީހުންގެ އަސަރު ކުރާނެއެވެ.
– އެމީހުންނަކީ ދޮގުހަދާ މޮޔައިން ކަމަށް ކުފުރުގެ އަހުލުވެރިން ބުނެއުޅުން. ކުފުރުގެ އަހުލުވެރިންގެ ނަޒަރުގައި މީސްތަކުންނަށް ހެޔޮގޮތް އަންގައިވެއްވުމަށް ﷲ ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންނަކީވެސް މޮޔައިންނެވެ. ދޮގުހަދާބައެކެވެ. ސިޙުރުވެރިންނެވެ. ޅެންވެރިންނެވެ.
– އަނިޔާވެރިކަމާއި، އިހާނެތިކަމާއި ކުރިމަތިލާންޖެހުން.

– ދަތިއުނދަގޫތަކާއި މުޞީބާތްތައް ކުރިމަތިވާހިނދު، ކެތްތެރިކަމާއެކު ސާބިތުވެތިބުން.
– ލިބިދާނެ އަނިޔާއަކަށް ނުވަތަ މަރުވެދާނެކަމަށް ބިރު ނުގަތުން.
– ކާފިރުންގެ ފަރާތުން މަކަރާއި އޮޅުވާލުމާއި ކުރިމަތިލާން ޖެހުން. މުއުމިނުންނާއި ދެކޮޅަށް ކާފިރުކަމުގެ އަހުލުވެރިން އަބަދުވެސް މަކަރުވެރި ރޭވުންތައް ރާވަމުން ދާނެއެވެ. ނަމަވެސް މުއުމިނުން ތިބޭނީ ﷲ ގެ ޙިމާޔަތުގައެވެ. ނަތީޖާއަކަށްވާނީ، އާޚިރުގައި ކާފިރުންގެ މައްޗަށް ނަޞްރު ލިބޭނެ ބަޔަކީ މުއުމިނުން ކަމުގައި ވުމެވެ.

– ކާފިރުންނާއިމެދު ސަމާލުވެ ހޭލައި ތިބުން.
– ޝައިޠާނާއި އެސޮރަށް ތަބާވާ މީހުންނީ ޢަދުއްވުން ކަމުގައި ދެކި އެގޮތަށް މުޢާމަލާތް ކުރުން.
– މުނާފިޤުންނާއި ދެކޮޅަށް ޖިހާދުކޮށް، މުނާފިޤުކަމުގެ ސިފަލިބިގަނެގެން އުޅޭމީހުންގެ ބަސް ޤަބޫލު ނުކުރުން.
– ކާފިރުންނަށްވިއަސް އަނިޔާވެރިވުމާއި ދުރުހެލިވުން.
– މަޝްވަރާކުރުން.

– ކާފިރުންގެ ބޭރުފުށަށް ހެއްލުންތެރިނުވުމާއި، ކާފިރުންނާއި އެއްމަޖްލިހެއްގައި ގިނަވަގުތު ވޭތު ނުކުރުން.
– މުދަލާއި މަޤާމަށް ހެއްލުންތެރިނުވުން.
– އެންމެފުރިހަމަ ގޮތުގައި އަޅުކަންތައް އަދާކުރުން.
– ހެޔޮނުބައި ކަނޑައެޅުމުގެ މިންގަޑަކީ ގިނަމީހުންދެކޭގޮތް ކަމުގައި ނުދެކުން. ހެވާއި ނުބައި ކަނޑައެޅުމުގައި މުއުމިނުންގެ މިންގަނޑަކީ އެކަމެއްގައި ﷲ ކަނޑައަޅުއްވާފައިވާ ގޮތެވެ.

– ﷲ އާއި ކުއްތަންވުމަށާއި، އެހެން މުއުމިނުތަކުންނަށް ނަމުނާއަކަށްވުމަށް ގަދައަޅައި މަސައްކަތް ކުރުން.
– ޝައިޠާނުގެ ވަސްވާސް ޤަބޫލުކޮށް އެސޮރުގެ މަޅިތަކުގައި ނުޖެހުން.
– ކަން އޮތްގޮތް ބެލުމެއް ނެތި، ކާބަފައިން އުޅުނު ގޮތޭބުނެ އެގޮތްތަކަށް ތަބާނުވުން.
– އަންހެނުންނަށް އަނިޔާވެރިވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނުމާއި އަދި އެކަނބަލުންނަށް އޯގާތެރިވުން.
– އިސްރާފުނުކުރުން.

– ޢިއްފަތްތެރިކަމަށް ސަމާލުވުމާއި، ކައިވެނީގެ ކަންތައްތަކުގައި ޤުރްއާނާއި ސުއްނަތުގެ ޙުކުމްތަކަށް ތަބާވުން.
– އަޅުކަން ކުރުމުގައި މެދުމިން ހިފެހެއްޓުން.
– ސާފުޠާހިރުކަމަށް އަހައްމިއްޔަތުކަން ދިނުން.
– އަނެކާއަށް އިސްކަންދިނުމާއި، މީހުންގެ ފަރާތުން ބަދަލަކަށް އެދުމެއްނެތި ހޭދަކުރުން.
– ޖާސޫސު ނުކުރުމާއި، ޣީބަ ނުބުނުން.
– ﷲ ގެ ޙަޟްރަތުން ފާފަތައް ފުއްސެވުމަށް އެދުން.
– ޙަސަދަވެރިކަމާއި ދުރުހެލިވުން.

އިސްވެ މިބުނެވުނު މުއުމިނުންގެ ސިފަތައް މައިގަނޑު ގޮތެއްގައި 2 ބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ މުއުމިނުން އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ލިބިގަންނަ ސިފަތަކެކެވެ. ﷲ އަށް އަޅުވެތިކަން ޤަބޫލުކުރުމާއި، އަނެކާއަށް ހެޔޮއެދުން އިސްކުރުމާއި، ހިތްތިރިކަން ފަދަ ސަިފަތަކަކީ މިބާވަތުގެ ސިފައެވެ. އަނެއް ބަޔަކީ މުއުމިނުންގެ އިޚްތިޔާރާއި ނުލައި، މުއުމިނުންނަށް ވީތީވެ ކުރިމަތިލާންޖެހޭ ކަންތައް ތަކެކެވެ. ކާފިރުންގެ ފަރާތުން ކުރިމަތިވާ މަލާމާތާއި ފުރައްސާރަ އާއި މަކަރުވެރި ރޭވުންތަކަކީ މިބާވަތުގެ ސިފަތަކުގެ މިސާލެވެ.

މިދެބާވަތް ދެނެގަތުމަކީ އިޚްލާޞްތެރި މުއުމިނުން އެނގުމަށް ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ފުރަތަމަ ބާވަތުގެ ސިފަލިބިގަތުމަކީ މުނާފިގަކަށްވެސް ކުރެވިދާނެކަމެކެެވެ. އެކަމުގެ ސަބަބުން މީހަކަށް ދުނިޔަވީ މަންފާއެއް ލިބޭނަމަ، އެ އެދުމުގައި އެފަދަ ސިފަތަކެއްގެ މީހަކަށް ވުމަށް އިޚްލާޞްތެރިކަމެއް ނެތް މީހަކުވެސް މަސައްކަތް ކޮށްފާނެތެވެ. ނަމަވެސް ކާފިރުންގެ ފަރާތުން ކުރިމަތިވާ އިހާނެތިކަމާއި، ކާފިރުންގެ މަކަރުވެރިރޭވުންތައް އަމާޒުވާ މީހުންގެ ތެރޭ ކޮންމެ މުސްލިމަކު ނުހިމެނެއެވެ. އެއްވެސް މުޖްތަމަޢަކީ އީމާންކަމުގައި އިޚްލާޞްތެރި މުޖުތަމަޢެއްތޯ ބެލުމުގައި ކީރިތި ޤުރްއާނުގެ މި މިންގަޑުން ބަލަންޖެހެއެވެ. ކީރިތި ޤުރްއާނުގައިވާ ބަދަލުވުމެއްނުވާ އިލާހީ ޤާނޫނުތަކަށް ރިޢާޔަތް ކުރަންޖެއެވެ.

ކާފިރުންގެ ފަރާތުން މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި ފުރައްސާރަ ދެކޭހިނދު، އިސްވެދިޔަ ޖީލުތަކުގެ މުސްލިމުންނަށް ކުރިމަތިވި ހާދިސާތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަން ޖެހެއެވެ. ކާފިރުކަމުގެ އަހުލުވެރިންނަކީ އެއްވެސް ހާލެއްގައި އީމާންކަމުގެ އަހުލުވެރިންނާއި ރުހޭނެ ބައެއްނޫންކަން ޤުރްއާނުގެ މޫރިތި އާޔަތްތަކާއި، މާތް ނަބިއްޔު صلى الله عليه وسلم ގެ ބަސްފުޅުތަކުންނާއި، ތާރީޚުގެ ފަތްފުއްތަކުން އަޅުގަނޑުމެންނަށް އެނގެއެވެ. “މުސްލިމުންނަކީ ﷲއަށް އަޅުކަން ކުރާ ހެޔޮބައެކެވެ… ތިމަންމެންނަކީ ﷲ އަށް ކާފިރުވެ މަތިވެރި އަޚްލާޤުތަކާއި ދުރުހެލިވެފައިވާ ބައެކެވެ… މުސްލިމުންނަކީ ﷲ ގެ އަމުރުފުޅުތައް ތަންފީޒު ކުރާ ބައެކެވެ، އަހަރެމެންނަކީ އެ އަމުރުފުޅުތައް މުގުރަމުންގެންދާ ބައެކެވެ” މިފަދަ އިޢުތިރާފުތަކެއް ކާފިރުންގެ ފަރާތުން ވެދާނެކަމަށް އިންތިޒާރު ކުރެވޭނަމަ، އެކަމަކީ ކުށްހީއެއްގެ މަތީތިބެ ކުރެވޭ ކަމެކެވެ. އެއާއި ޚިލާފަށް އެމީހުން މަސައްކަތް ކުރާނީ އީމާންކަމުގެ އަހުލުވެރިންގެ ސޫރަ ހުތުރުކޮށް، ކާފިރުކަމާއި، އެމީހުންގެ މުޑުދާރު ޢަމަލުތައް ދިފާޢު ކުރުމަށެވެ. އެކަން ޤުރްއާނުގައި ވާރިދުވެފައިވާ އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަތަކުންވެސް ހާމަވެއެވެ.

ކުފުރުގެ އަހުލުވެރިން، މުއުމިނުންނަކީ މޮޔަ ބައެއްގެ ގޮތުގައި ސިފަކުރަނީ މުއުމިނުންގެ ވިސްނުމާއި، “ﷲ އަށް އަޅުވެތިވުމާއި، އެކަލާނގެ ރުހުން ހޯދުން” މި މަފްހޫމް އެމީހުންނަށް ނުވިސްނޭތީއެވެ. މުއުމިނުންގެ އަމާޒަކީ ﷲ ގެ ރުހުން ހޯދުމަށް އެފަރާތަށް އަޅުވެތިވުން ކަން ނުދަންނަ ބަޔަކަށް މުއުމިނުންގެ ޢަމަލުތައް “މޮޔަ” ޢަމަލުތަކެއްގެ ގޮތުގައި ސިފަވަނީއެވެ. މިދުނިޔޭގައި މިވާ އަރާމާއި އުފާތަކަށް އިސްކަން ދިނުމުގެ ބަދަލުގައި، ﷲ އަށް އަޅުވެތިވުމުގައި އިންތިހާއަށް ކެތްތެރިވެގެން މުއުމިނުން އުޅޭ އުޅުން ކުފުރުގެ އަހުލުވެރިންނަށް ހަޖަމު ނުވަނީއެވެ. އޭގެ ބަދަލުގައި އެމީހުންގެ ވިސްނުމުގެ ދާއިރާ ފުޅާކޮށް، މުއުމިނުން ވިސްނަނީ މިދުނިޔެއިން މިފެންނަ މާއްދީ ހަނި ދާއިރާއަށްވުރެ މާދުރަށްކަން އެމީހުންނަށް ޤަބޫލު ކުރެވޭނަމަ، މުއުމިނުންގެ ޢަމަލުތަކަކީ މޮޔަ ކަންތައްތަކެއްގެ ގޮތުގައި ސިފަނުކުރީހެވެ. މިފަދަ އެތައް ހާދިސާތަކެއް ކީރިތި ޤުރްއާނުގައިވާ ނަބިއްޔުންގެ ވާހަކަތަކުން ފެނެއެވެ.

އިސްވެ މިބުނެވުނު ވާހަކަކޮޅު ގެނައުމުގެ ބޭނުމަކީ މުއުމިނުންނަށް މަލާމާތް ކުރުމާއި، އެމީހުންގެ ސިފަ ހުތުރު ކުރުމަށް ކުރެވޭ ތުހުމަތުތަކަކީ ހަމަ އެކަނި މާޒީއެއްކަމުގައި ނުދެކުމަށް ދެންނެވުމެވެ. ޤުރްއާނުގެ އަލީގައި އެނގެންއޮތީ ކޮންމެ ޒަމާނެއްގައިވެސް އެފަދަ ކަންކަމާއި މުއުމިނުން ކުރިމަތިލާންޖެހޭނެކަމެވެ. ޙައްޤުދީނަށް ގޮވާލައި، އެދީން އެންމެ ފުރިހަމަ ގޮތުގައި ހުށަހަޅަން މަސައްކަތް ކުރާ ހަމަ ކޮންމެމީހަކީވެސް ދީނަށް އިންކާރު ކުރާމީހުންނާއި، ފާސިދުން ގެ ފަރާތުން ތަފާތު ތުހުމަތުތައް އަމާޒުވާނެ ބައެކެވެ. މިޒަމާނުގައި ފެންނަމުން މިދާ މިފަދަ ކަންކަމަކީވެސް މި ސިލްސިލާގެ ބޮޅުތަކެކެވެ.

މުއުމިނުންގެ ސިފަތަކުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަކީ ޤުރްއާނާއި ސުންނަތް ދިރާސާކުރާ އެއްވެސް މީހަކު ދެބަސްވާ ކަންތައްތަކެއް ނޫނެވެ. މިސިފަތަކަށް ނަޒަރުހިންގުމުން ފާހަގަވާ ކަމެއް އެބައޮތެވެ. މިހާރަކަށް އައިސް މުސްލިމު މުޖުތަމަޢުތަކުގައި، ދީންވެރި މުސްލިމުންގެ ސިފަތަކެއްގެ ގޮތުގައި ވަކި ކަންތައްތަކެއް ހެދުމަށް ކުރާމަސައްކަތާއި މި ސިފަތަކާއި ގުޅުމެއް ނެތްކަމެވެ. ވަކިބާވަތަކަށް ފަހާފައި ހުންނަ ހެދުމާއި، ހަށިގަނޑާއި ފޭރާން ސާފުކުރުމުގައި ވަކި ކަހަލަ އެއްޗެހިތަކެއް ބޭނުންކުރުމާއި، އަޅުކަމުގެ ފަރްޢީ މައްސަލަތަކުގައި ޢިލްމުވެރިންގެ އިޚްތިލާފު އޮތްނަމަވެސް ވަކިގޮތެއް އެއީ ހަމަ އެކަނި ގޮތްކަމަށް ބެލުންފަދަ ކަންކަމަކީ މިބާވަތުގެ ބައެއް މިސާލެވެ.

އަޅުގަނޑުމެން ދަންނަންވީ ކަމަކީ އިސްލާމްދީނަކީ ދެދުނިޔޭގެ ކާމިޔާބު ލިބުމުގެ ހަމަ އެކަނި ނިޒާމުކަމެވެ. އެދީން ބާވައިލެއްވިއިރު އެމުޖުތަމަޢުގައި، ހުރި ހުރިހައި ކަމަކީ ގޯސް ކަންކަމެއް ނޫންކަމެވެ. އެމީހުންގެ އިޖްތިމާޢީ ބައެއް އުސޫލުތަކާއި އާދަކާދަތަކަކީ ދީނާއި އެއްވެސް ފުށުއެރުމެއްހުރި ކަމަކަށްނުވާތީ އެކަންކަން ދީނުގައި ނަހީކުރައްވާފައި ނުވާކަމެވެ. އަދި އެ މުޖުތަމަޢުގައި އެއިރު ވަކިގޮތަކަށް ކަމެއް ކުރަމުން ގޮސްފައިވުމަކީ ދީނުގައި އެނޫން ގޮތެއް ހުއްދަނުވުން ނޫންކަމެވެ. ދީނުގެ ޙުކުމެއްގެ ގޮތުން އެގޮތަކީ އެއީ ހަމައެކަނި ދީނީ ގޮތްކަމަށް ކަނޑައެޅިފައި ނުވާނަމައެވެ.

ފަރްދީ އަދި އިޖްތިމާޢީ ގުޅުންތަކާއި، އިގްތިސާދި އަދި މާލީ ނިޒާމާއި، ޣައިރު މުސްލިމުންނާއި ގުޅުން ބަހައްޓަންވީގޮތާއި، ޒީނަތްތެރިވުމާއި ހެދުންއެޅުންފަދަ ކަންކަމުގައި އިސްލާމްދީނުގައި ވަނީ އިންތަކަކާއި، އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ހުރިހައި މުޖުތަމަޢެއްގައި އެންމެހައި މުސްލިމުން އެއްގޮތަށް ކުރަންޖެހޭ ކަންތައްތައް ދީނުގައިވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅުއްވާފައެވެ. އެނޫން ކަންކަމަކީ ހުރިހައި އެންމެން އެއްގޮތް ކުރަންޖެހޭކަމެއް ނޫނެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދާނަމަ އެއީ އިސްލާމީ އުސޫލުތަކާއި ޚިލާފުވީކަމުގައެއް ނުބެލެވޭނެއެވެ.

ﷲ އަށް އީމާންވާ ހަމަ ކޮންމެ މުއުމިނެއްގެވެސް އަމާޒަކަށް ވާންޖެހޭނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ މުއުމިނުންގެ ސިފަތަކުން ސިފަލިބިގަތުމަށް މަސައްކަތް ކުރުމެވެ. ދުނިޔެ އާރާސްތު ކުރުމާއި، މީސްތަކުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުންވެސް ހިމެނޭގޮތުން، ﷲ އަށް އަޅުކަން ކުރަންޖެހޭ އެންމެ ފުރިހަމަ މާނާގައި އެކަލާނގެއަށް އަޅުކަންކުރުމަށްފަހު،އެކަލާނގެ ރުއްސެވުމާއިއެކު ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގޭގެ އަހުވެރިއެއްކަމުގައި ވޭތޯ މަސައްކަތް ކުރުމެވެ.


ސޯސް: މުއުމިނުންގެ ސިފަތައްކަވާސާ.ކޮމް


 

ޚިޔާލު ފާޅުކުރައްވާ