Follow us on
ސްޓުރޯކް ޖެހޭ ސަބަބުތަކާއި އެކަމުގެ ހައްލު
| އަޙުމަދު އަނަސް

ހިތުން މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ލޭ ފޮނުވައިދެއެވެ. މީގެ ބޭނުމަކީ އޮކްސިޖަން އާއި އެހެނިހެން ކާނާ، އެކި ޓިޝޫތަކަށް ފޯރުކޮށްދިނުމެވެ. މިމަސައްކަތަށް ބުރޫ އަރައިފިނަމަ ނުރައްކާތެރި ބައްޔެއް ކުރިމަތިވުން ނުވަތަ މަރުވުން ފަދަކަމެއް މެދުވެރި ވެދާނެ އެވެ. ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ފައިދާހުރި ކާނާ ނުކެއުމުންނާއި، ކަސްރަތު ނުކުރުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އިތުރު ކުރުވައެވެ.

ހިތުގެ ބަލި

ހިތުން މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ލޭ ފޮނުވައިދެއެވެ. މީގެ ބޭނުމަކީ އޮކްސިޖަން އާއި އެހެނިހެން ކާނާ، އެކި ޓިޝޫތަކަށް ފޯރުކޮށްދިނުމެވެ. މިމަސައްކަތަށް ބުރޫ އަރައިފިނަމަ ނުރައްކާތެރި ބައްޔެއް ކުރިމަތިވުން ނުވަތަ މަރުވުން ފަދަކަމެއް މެދުވެރި ވެދާނެ އެވެ.

ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ފައިދާހުރި ކާނާ ނުކެއުމުންނާއި، ކަސްރަތު ނުކުރުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އިތުރު ކުރުވައެވެ. އަދި ފިރިހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވެއެވެ.

ސްޓްރޯކް ޖެހުން

ސްޓްރޯކް ޖެހުމުގެ ދެވައްތަރެއް ވެއެވެ. ފުރަތަމަ ވައްތަރަކީ ލޭހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ސްޓްރޯކް ޖެހުން ކުރިމަތިވުމެވެ. ދެވަނަ ވައްތަރަކީ ސިނކުޑީގައި ”ގަނޑު ލޭކޮޅެއް” އުފެދުމުގެ ސަބަބުން ސްޓްރޯކް ޖެހުން ކުރިމަތިވުމެވެ. މި ދެހާލަތުގައި ސިކުނޑިވަނީ އޮކްސިޖަން އަށް ”ފެންބޮވައި” ގެންފައެވެ. ނަތީޖާއެއްގެ ގޮތުން ސެލްތައް ހަލާކުވެ، ސެލްތައް މަރުވުން ކުރިމަތި ކުރުވައެވެ.

ސްޓްރޯކް ޖެހުމުން ކުރިމަތިވެދާނެ އުދަގޫތަކުގެ ތެރޭގައި ވާހަކަދައްކަން އުދަގޫވުން، ހިގުމަށް އުދަގޫ ވުމާއި އަދި އެހެންބައެއް ކުދިކުދި ކަންތައް ފުރިހަމަ ކުރުމަށް އުދަގޫވުން ހިމެނެއެވެ. ސްޓްރޯކް ޖެހުން ކުޑަކޮށްދޭ ކަންތައްތަކުގެ ތެރޭގައި ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން، ދުންފަތުގެ އިސްތިއުމާލު ނުކުރުން، މާބޮޑަށް ހަށިގަނޑު ބަރުދަން އިތުރުވިޔަ ނުދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމަކީ ގިނަ ފަހަރު ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކެއްގެ ސަބަބުން ކުރިމަތި ވެދާނެ ކަންތައްތަކެވެ. އެހެންކަމުން ކެއުމަށް ގެންނަ ބަދަލަކުން، ކަސްރަތު ކުރުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުން ފަދަ ކަންތައްތަކަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ފަދަ ކަންތައް ދުރުކޮށް ހިމާޔަތްކޮށްދޭ ކަންތައްތަކެވެ.

ހިތުގެ ބަލިތަކާއި ސްޓްރޯޖެހުމަށް މަގުފަހިކުރުވާ ސަބަބުތައް

ހިތުގެ ބަލިތަކާއި ސްޓްރޯޖެހުމަށް މަގުފަހިކުރުވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1- އުމުރު
ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ ކޮންމެ 5 މީހުންކުރެ 4 މީހުންނަކީ އުމުރުން 65އަހަރަށްވުރެ މަތީ އުމުރުގެ މީހުންނެވެ. އުމުރުން 55 އަހަރު ވުމަށްފަހު ކޮންމެ 10އަހަރަކުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ދެގުނައަށް އިތުރުކުރުވައެވެ.

2- ޖިންސް
ފިރިހެނުންނަށް އަންހެނުންނަށްވުރެ މިފަދަ ކަންތައްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި އުމުރުގެ ކުރީކޮޅު ސްޓްރޯކް ޖެހުން ފަދަ ކަންތައް ކުރިމަތި ކުރުވައެވެ. އަންހެނުންނަށް މިފުރުސަތު އިތުރުވަނީ ގިނަފަހަރު އިއްދައިގެ އުމުރު ފަހަނައަޅާ ދިއުމުންނެވެ. އެއީ އެސްޓްރޯޖިން ގެ މިންވަރު މަދުވެ، ހަށިގަނޑުން ބީވެގެންދާތީ ކަމުގައި ބެލެވެއެވެ.

3- ވާރުތަވުން
ހިތުގެ ބަލީގެ އަހުލުވެރިންނަށް ލިބޭ ދަރިންނަށް ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެފްރޯ-ކެރީބިއަން ހިސާބުތަކުގައި އުޅޭމީހުންނަށް ސްޓްރޯކް ޖެހުމާއި ހިތުގެ ލޭހޮޅިތަކަށް ބަލި ޖެހުމުގެ ފުރުސަތު އެހެން ނަސްލު ތަކުގެ މީހުންނަށް ވުރެ ކުރީގައި އުޅޭކަމަށް ވަނީ ފާހަގަކުރެވިފައެވެ.

4- ދުންފަތުގެ އިސްތިއުމާލުކުރުން
ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް އެކަން ނުކުރާމީހުންނަށްވުރެ ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ދެގުނަ އިތުރެވެ. ހަމަ މިހެން ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް މިފަދަ މީހުންނަށް އިތުރުވެގެން ދެއެވެ. ދުންފަތުގައި ހިމެނޭ ނިކޮޓިން އަދި ކާބަން މޮނޮކްސައިޑް އަކީ ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ގެއްލުން ދެނިވި މާއްދާތަކެވެ. ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އަސަރު ހަށިގަނޑަށް ކުރުމަކީ ވެސް ގެއްލުން ހުރިކަމެކެވެ. އަންހެނުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކޮށް އަދި ދަރިން ނުވިހާ ބޭސް ބޭނުންކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަވެފައެވެ.

5- ބަނގުއާވި
އަންހެނުން 1 ތަށި، ފިރިހެނުން 2ތައްޓަށްވުރެ ގިނައިން ބަނގުއާވި ދުވާލަކު ބޯނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އިތުރުކުރުވައެވެ. އެއީ އޭގެ ސަބަބުން ލޭގެ ޕްރެޝަރ އަދި ކޮލެސްޓީރޯލް އާއި ހަށިގަނޑުގެ ބަރުދަނަށް އަސަރު ފޯރުވާތީ އެވެ.

6- މަސްތުވާ ތަކެތި ބޭނުންކުރުން
ބައެއް ކަހަލަ މަސްތުވާ ތަކެތި ބޭނުންކުރުން މިސާލަކަށް ކޮކޭއިން އަދި އިންޖެކްޝަންގެ ޒަރީއާއިން ނެގޭ މަސްތުވާތަކެތި ބޭނުންކުރުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމާއި ގުޅުން ވާކަމަށް ވަނީ އެގިފައެވެ. ކޮކޭއިން ގެ ސަބަބުން ހިތުގެ ތެޅުމަށް ބަދަލު ގެނުވައެވެ. އަދި ހިރޮއިން އާއި އަފިހުން ގެ ސަބަބުން ފުއްޕާމޭ ފޭލްވާގޮތް ދިމާވެއެވެ. އިންޖެކްޝަންގެ ގޮތުގައި ނަގާ މަސްތުވާތަކެތީގެ ސަބަބުން ލޭހޮޅިތަކުގައި އިންފެކްޝަން އަށަގަންނަ ގޮތް ވެއެވެ.

7- ކޮލެސްޓީރޯލް
ކޮލެސްޓީރޯލް ލޭގައި މަތިވާ ވަރަކަށް ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުސަތު އިތުރު ކުރުވައެވެ. ޚާއްޞަކޮށް އެހެން މަގުފަހިކުރުވާ ސަބަބަކާއި އެކު ކޮލެސްޓީރޯލް ގެ މިންވަރު މަތިވެފައިވާ ނަމަ މިފުރުސަތު ބޮޑުވެގެން ދެއެވެ. ”ނުރަގަޅު ކޮލެސްޓީރޯލް”(އެލް.ޑީ.އެލް) އިތުރުވުމުން މިފަދަކަންތައްތައް ކުރިމަތިވާއިރު ”ރަގަޅު ކޮލެސްޓީރޯލް”(އެޗް.ޑީ.އެލް) މަތިވުމުން މިކަންތައްތައް ކުރިމަތިވުން ކުޑަކުރުވައެވެ.

8- ލޭގެ ޕްރެޝަރ
ލޭގެ ޕްރެޝަރު މަތިވުމަކީ ހިތް މަސައްކަތްކުރާ މިންވަރު އިތުރުވާ ކަމެކެވެ. އޭގެ ސަބަބުން ހިތް ސައިޒުން ބޮޑުވެ، ބާރުދެރަވާގޮތް ވެއެވެ. ލޭގެ ޕްރެޝަރ މަތިވެ، ކޮލެސްޓީރޯލް ވެސް މަތިވެ، އަދި ހަކުރު ބަލި ހުރުން ނުވަތަ ދުންފަތު އިސްތިއުމާލު ކުރާނަމަ ސްޓްރޯކް ޖެހުން ކުރިމަތިވުމުގެ ފުރުސަތު އެތައް ގުނައަކަށް މަތިކުރުވައެވެ.

9- ކަސްރަތުކުރުން
އާދަވެގެން ކަސްރަތު ކުރުމަކީ ހިތުގެ ބަލިތަކާއި ދުރުކޮށް، ލޭގެ ޕްރެޝަރ ދަށްކޮށް، ލޭގެ ކޮލެސްޓީރޯލް ކޮންޓްރޯލް ކޮށްދީ އަދި ހަކުރު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އެހެން ކަމުން ކޮންމެ ދުަވަހަކު ވެސް ބަރާބަރަށް ކަސްރަތު ކުރަން އާދަކުރާށެވެ.

10- މާބޮޑަށް ފަލަވުން
މާބޮޑަށް ފަލަވުމަކީ ވެސް ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން އިތުރުވާ ކަމެކެވެ. ހަމަމިހެން ހަކުރު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް އިތުރުވެގެން ދެއެވެ.

11- ހަކުރު ބަލި
ހަކުރު ބަލި ހުރުމަކީ ވެސް ހިތުގެ ބަލިތައް ޖެހުން އިތުރުކުރާ ކަމެކެވެ. ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް މިކަން ކުރިމަތިވެދާނެ އެވެ. ހަކުރު ބަލީގެ 80އިންސައްތަ އަށްވުރެ ގިނަ މީހުން ދުނިޔެ ދޫކޮށް ދަނީ ހިތަށް ނުވަތަ ލޭހޮޅިތަކަށް ޖެހޭ ބައްޔެއްގެ ސަބަބުން ކަމުގައި ބުނެވެއެވެ.

12- ކުރިން ހާރޓް އެޓޭކް ނުވަތަ ސްޓްރޯކްޖެހުން
ކުރިން ހާރޓް އެޓޭކް ނުވަތަ ސްޓްރޯކް އެމީހެއްގެ ހަޔާތުގައި ޖެހިފައިވާ މީހުންނަށް ދެވަނަ ފަހަރަށް އެގޮތަށް ވުމުގެ ފުރުސަތު ބޮޑުކަމުގައި ވެއެވެ.

13- ފިކުރު ބޮޑުވުން
ފިކުރު ބޮޑުވުމާއި ހިތުގެ ލޭހޮޅިތަކަށް ބަލި ޖެހުމާއި ކޮންމެ ވެސް ގުޅުމެއް ވާކަމަށް ވެއެވެ. އެއީ ފިކުރު ބޮޑުވުމުން އެކަން ފިލުވުމަށް ބައެއް ނުރަގަޅު އާދަތައް ފެށޭގޮތް ވާތީ އެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުން، މާގިނައިން ކެއުން ފަދަ ކަންތައް ފެއްޓޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ނުރަގަޅު އަސަރު ހަށިގަނޑަށް ކުރަން ފަށައެވެ.

ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ރައްކާތެރިވާނީ ކިހެނެއް؟

1- ބައްޔަށް މަގުފަހިކުރުވާ ސަބަބުތަކާއި ދުރުހެލިވުން
ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުން ރައްކާތެރިވުމަށް އެންމެ މޮޅު އެއްގޮތަކީ އެފަދަ ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަންތައްތަކާއި ދުރުހެލިވުމެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރުން، ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން އަދި ބަރާބަރަށް ކަސްރަތު ކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. ކެއުމުގައި ލޮނު ބޭނުންކުރުން މަދުކޮށްލެވިދާނެ އެވެ.

2- ހަށިގަނޑު ގަވާއިދުން ޑޮކްޓަރަށް ދައްކައި ބަލައި ޗެކްކޮށް ޓެސްޓް ކުރުން
މިގޮތުން ލޭގެ ޕްރެޝަރ، ހަކުރު، އަދި ކޮލެސްޓީރޯލް ހުރި މިންވަރު ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައިގެން ޗެކް ކުރެވިދާނެ އެވެ. އެއިން އެއްވެސް ކަމެއް ތަބީއީ ނޫން ސިފައެއްގައި ވާނަމަ އެކަމަށް ލަސްނުކޮށް ފަރުވާ ހޯދުމަކީ ބުއްދި ވެރިކަމެކެވެ.

3- ކަސްރަތު ކުރުން
ހަފްތާއަކު 4-3 ފަހަރު 30މިނިޓް ވަންދެން އެންމެ މަދުވެގެން ކަސްރަތު ކުރަން އާދަކުރާށެވެ. ހަށިގަނޑު މާބޮޑަށް ބަރުހެލި ވިޔަ ނުދޭށެވެ. ”ބޮޑީ މާސް އިންޑެކްސް” ހުންނަން ވާނީ 25-18.5އާއި ދެމެދުގައެވެ. އުނަގަނޑުގެ ވަށަމިން 88ސމ(އަންހެނުން) އަދި 102ސމ( ފިރިހެނުން) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.

ހިތާއި ލޭހޮޅިތަކާއި ގުޅޭ ބައްޔެއް ޖެހިފައި ހުރި ނަމަ ”އެސްޕިރިން” އަދި ”ވަރފަރިން” ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ލޭގަނޑުވުން ކުރިމަތިވިޔަ ނުދޭނެތީ އެވެ.

ބޮޑީ މާސް އިންޑެކްސް ބަލާނީ ކިހެނެއް؟

ނަތީޖާތައް:

އާންމުކޮށް ހުންނަށްޖެހޭ ވަރަށްވުރެ ލުއި= 18.5 އަށްވުރެ ދަށް

އާންމުކޮށް ހުންނަން ޖެހޭވަރު= 25-18.5 އާއި ދެމެދު

އާންމުކޮށް ހުންނަށް ޖެހޭވަރަށްބުރެ ބަރުދަން އިތުރު= 30-25 އާއި ދެމެދު

މާބޮޑަށް ފަލަވުން= 40-30 އާއި ދެމެދު

ނުރައްކާތެރި ވަރަކަށް ފަލަވެފައިވުން = 40 އަށްވުރެ މަތި

ޚިޔާލު ފާޅުކުރައްވާ