Follow us on
ފޭސްބުކުގައި ސްޓެޓަސް ޖެހުން: ދިވެހިންގެ ފަރުދީ ޒިންމާ!
| އަޙުމަދު އަނަސް

ހަމަ ގައިމުވެސް މީޑިޔާއަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. ބައެއްގެ ސަމާލުކަމަށް ކަމެއް ގެންނަން އެންމެ ވަރުގަދަ އެއް ރޯލެއް އަދާކުރާ އެކައްޗަކީ މީޑިޔާއެވެ. ޚާއްސަކޮށް މީސް މީޑިޔާއެވެ. މުޖުތަމަޢުގައި ހުންނަ ކުދި އަދި ބޮޑެތި މައްސަލަތަކުގެ ވާހަކަ ފޭސްބުކުގައި ޖަހައި، ޚިޔާލު ފާޅުކުރުމަކީ ދިވެހިންގެ އާދައެކެވެ. ތިމާގެ މައްޗަށް ހުންނަ ފަރުދީ ޒިންމާތައް އަދާކުރުމުގެ އެއްވެސް ޚިޔާލެއް ފިކުރެއް ނުހުރެއެވެ.

އަޅުގަނޑަށް ދިމާވެފައިވާ މިފަދަ ކަމެއް ޚިއްސާކޮށްލާނަމެވެ. އަޅުގަނޑުގެ އުފަން ރަށް ކަމުގައިވާ ލ.ފޮނަދޫ ރީތިކޮށް ސާފުކޮށް ބާއްވާ، ރަށުގެ އާބާތުރަ ފިލުވާލުމުގެ ނިޔަތުގައި ވިޒިޓް ލާމުން ރަށް ސާފުކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދިޔައެވެ. ކޮންމެ މީހަކަށްވެސް ރަށް ސާފުކޮށް ބޭއްވުމަކީ އެމީހެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނޭ ގޮތަށެވެ. މީގެ ކުރިން ފޭސްބުކުގައި މިފަދަ ހަރަކާތްތަށް ފޮނުދޫގައި ނޯންނާތީ އެކަމާއި ކަންބޮޑުވެގެން އުޅޭ މީހުނާއި ވަކިން ވާހަކަދައްކައި، އެމީހުނަށް މި ހަރަކާތުގައި ބައިވެރިވުމަށް ދައުވަތުވެސް ދެވުނެވެ. މުޅި ރަށުތެރޭގައި މެގަފޯނު ހިފައިން ނިކުމެ ރައްޔިތު އެންމެނަށް ގޮވައިވެސް ލެވުނެވެ. އެހެނަސް މި އިވެންޓު އޮންނަ ވަގުތަށް އެތަނަށް ގޮސް މިކަމުގައި ބައިވެރިވީ އެންމެ 83 މީހުނެވެ. އިވެންޓު ނިންމާލުމުން އެކަމާއި މަލާމާތްކޮށް، “ބަޔަކު ނިކުމެ އެއް ދުވަހުން މުޅި ފޮނަދޫ ސާފުކޮށްފިޔޭ” ކިޔާ މަލާމާތްކުރާނޭ ލައްކަ ގިނަ ބަޔަކު ތިއްބެވެ.

އެދުވަހު އަމިއްލަ ފަރުދީ ޒިންމާ އަދާކުރަން ނުނިކުމެ މަލާމަތްކުރި މީހުން މިއަދު އަނެއްކާވެސް ސްޓެޓަސް ޖަހަނީއެވެ. އޮތީ ރަނގަޅު ވާހަކައެކެވެ. ފޮނަދޫގައި ހުންނަ ކުނި ކޮށީގެ ވާހަކައެވެ. އެތަން ގޮނޑުވެ، މުޅި ސަރަހައްދު ގޮޑުވުމުން ލިބޭ އުނދަގުލުގެ ވާހަކައެވެ. ރައްޔިތު އެންމެން ނިކުމެ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ގޮނޑު ސާފުކުރަން ޖެހޭ ވާހަކައެވެ. މީހަކު އަޅޭ ހައިރާނެއް ނުވާނެ ހެއްޔެވެ. ފޮނަދޫ ކުނިއަޅާ ކުނިގޮނޑު ސަރަހައްދަކީ ވަކި ކޯޕަރޭޝަނަކުން ބަލަހައްޓާ ތަނެކެވެ. ވުމާއެކު އެތަން ސާފުކުރުމަކީ ފަރުދީ ޒިންމާއެއް ނަމަ އަޅުގަނޑުގެ ކޮޓަރި ސާފުކުރުންވެސް ވާނީ ރަށު ރައްޔިތުންގެ ފަރުދީ ޒިންމާއަށް ނޫންހެއްޔެވެ. މައްސަލައެއް ނެތެވެ. ގޮތް ދޫނުކުރާ މީހުނަށް އެކަން ދޫކޮށްލާނަމެވެ. ކުނިގޮނޑު ސާފުކުރުމަކީވެސް ފަރުދީ ޒިންމާއެއް ކަމަށް ބަލަމާ ހިނގާށެވެ.

ފޭސްބުކުގައި އެ ބުނާ ފަރުދީ ޒިންމާ އަދާކުރަން ރަށު ތެރެއިން ޒުވާން ކުދިންތަކެއް ނިކުތުމުން އެއްކަލަ އެބުނާ ފަރުދީ ޒިންމާ އަދާކުރާ ތަނެއް ނުފެނެއެވެ. އެންމެ ގަދަޔަށް އަނގަ ފަތައިކޮށްފައި ފަރުދީ ޒިންމާގެ ވާހަކަ ދެއްކި މީހާއަށް އެެކަމުގައި ބައިވެރިއެއް ނުވެއެވެ.

އަނެއްކާވެސް މިފަދަ އެހެން ކަމެއް ޚިއްސާ ކޮށްލާނަމެވެ. މިދިޔަ ހޮނިހިރު ދުވަހު ފޮނަދޫގައި ކައުންސިލާއި ހެލްތް ސެންޓަރާއި ފޮނަދޫ ޒުވާނުންތަކެއް އިސް ނަގައިގެން، ފޮނަދޫގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ޑެންގީ، ކޮންޓްރޯލް ކުރުމަށް ރަށުތެރެ ސާފު ކުރުމަށް ހަރަކާތެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. މިހަރަކާތުގައި ވުޒާރާތަކުން، ބަޔަކު ބައިވެރި ނަމަވެސް، ރަށުން މިކަމަށް ނިކުތީ މަދު ބައެކެވެ. ނިކުތް މީހުން ލައްކަ މަސައްކަތް ކުރިއެވެ. އެ މަސައްކަތުގައި އިސްކޮށް އަޅުގަނޑުވެސް ހަރަކާތްތެރިވެފައިވާތީ އެކަން ހަމަ ރަނގަޅަށް އެނގެއެވެ. ގޭގެއަށް ވަކިވަކިން ގޮސް ފެން ހެދިފައި ހުންނަ ތަކެތި ނައްތާލުމަށް އިރުޝާދުދީ ހެދިއެވެ. އަދި ފަޅު ގޯތިތަކުގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ބަލާ، އެތަންތަންވެސް ނައްތާލިއެވެ. މިހަރަކާތުގެ ތެރެއިން ޖުމްލަ 150 ގެއަކަށް އެދުވަހު ވަނެވެ. މަދިރި ފަނި އަޅާފައިވާ 20 ވަޅަކަށް މަސް އެޅުނެވެ. އެހެނަސް އިވެންޓު ނިންމައި ގެއަށް އައިސް ފޭސްބުކު ބަލާލިއިރު އަނެއްކާވެސް މިއޮތީ ވަރުގަދަ ކޮމެންޓެކެވެ.

މިބުނާ “ދަންނަ މީހާ” މިކުރި ކޮމެންޓުގައި އޮތީ މަދިރި އުފެދޭ ތަންތަން ކިޔައިދީފައެވެ. އަދި އެދުވަހުގެ އިވެންޓުގައި ސާފުކުރި ތަންތަން ކަމުނުދާ ވާހަކައެވެ. މީހަކުވާ ހައިރާނެއް ނުވާނެ ހެއްޔެވެ. އިވެންޓްގެ ތެރެއިން ސާފު ކުރީ، ސިއްޙީ މަރުކަޒުގެ ލަފައާއެކު ބޮޑަށް ޑެންގީ ހުން ފެތުރިފައިވާ ސަރަހައްދެވެ. ހަމަގައިމުވެސް މަދިރި އާލާވާތަންތަން މިދެންނެވި ބޭފުޅާއަށްވުރެ، ކަމުގެ މަޢުލޫމާތު އެނގޭ އެކަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެނގޭނެކަން ކަށަވަރެވެ. މިބުނާ ކޮމެންޓަށް މާ ގިނައިރެއް ނުވެ ރިޕްލައިތައް އޮހެން ފަށައިފިއެވެ. ރިޕްލައި ތަކުގައި އޮތީ މިމަސައްކަތް އެދުވަހު ކުރި މީހުނަށް ހަޖޫ ޖަހާ މަލާމާތް ކޮށްފައެވެ. ފަތިހާ ތެދުވެ، ނިދި ނަގާލާ، ކުރި މަސައްކަތަށް ފާޑު މިކިޔަނީ އަރާމު ނިދީގައި އޭސީ ކޮޓަރީގައި ތިބި މީހުނެވެ. މިކަންތައް ކުރި މީހުންނަކީ، “ކަން ދެއްކުމަށް” ކަމެއް ކުރި ކަމަށް ބުނާއިރު، އެއްކަމެއް ނުކޮށް ތިބެ، ކޮމެންޓްކުރާ މީހުން ފަރުދީ ޒިިންމާގެ ވާހަކަ ދައްކަން ލަދެއް ނުގަނޭ ހެއްޔެވެ؟ ދެން މި ބުނަނީ ޑެންގީ ކޮންޓްރޯލް ކުރުމަކީ ޞިއްޙީ މަރުކަޒުގެ ވާޖިބެއް ކަމަށެވެ. އެހެން ކަމަށް ވާނަމަ ކުނިގޮނޑު ސާފުކުރުމަކީވެސް އެ ކޯޕަރޭޝަނުގެ ވާޖިބެއް ނޫންހެއްޔެވެ؟

މި ވާހަކަތައް ކުރުކޮށްލާނަމެވެ. އެކަމަކު ބުނަމެވެ. އަމަލުން ނުދެއްކޭނަމަ ސްޓެޓަސް ނުޖަހާށެވެ. އަމަލުން ދައްކާ މީހުނަށް ސްޓެޓަސް ނުޖަހާށެވެ. ދިވެހިން ސްޓެޓަސް ނުޖަހާ ކަން ކުރަން ދަސްކުރަން އެބަޖެހެއެވެ. ފަރުދީ ޒިންމާއަކީ ސްޓެޓަސް ޖެހުމެއް ނޫނެވެ. ފަރުދީ ޒިންމާއަކީ ކަން ކުރުމެވެ. ދެންވެސް ސްޓެޓަސް ޖަހަންވާނީ ތިމާގެ ޒިންމާ އަދާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ