Follow us on
ބްރެއިލް – ލޯފަން މީހުނަށް ޚާއްސަ ލިޔުމުގެ ސިސްޓަމެއް!
| އުންމި_ޝް

“ބްރެއިލް” އަކީ ލޮލަށް ނުފެންނަ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ލިޔުމުގެ ސިސްޓަމެކެވެ.  މި ލިޔުމުގެ ވައްތަރުގައި ހައިރާން މަރކާއި ހުރިހާ ޕަންޗުއޭޝަން މާކުސް ވެސް ބޭނުން ކުރެވެއެވެ. މިހެން ލިޔެފައި ހުންނަ ލިޔުން ގަނޑު ކިޔަމުން ދާން ޖެހޭނީ ލިޔުން ގަނޑުގައި އަތް އުނގުޅައިގެންނެވެ. މިގޮތަށް ކިޔަމުން ދާއިރު ދެއަތް ވެސް ބޭނުން ކުރެވޭނެއެވެ. މިހެން ކިޔަމުން ގެންދެވޭނެ އެންމެ އަވަސް މިނެއް ކަމުގައި ފާހަގަ ކޮށްފައިވަނީ މިނެޓެއްގެ މައްޗަށް 125 ލަފުޒެވެ. އެހެން ނަމަވެސް 200 ލަފްޒު މިނެޓެއްގެ ތެރޭގައި ކިޔޭ މީހުން ވެސް އުޅެދާނެއެވެ.

މި ލިޔުންތެރި ކަމަކީ މިއަދު ވުޖޫދަށް އައި އެއްޗެއް ނޫނެވެ. މިއީ 1800 ގެ އަހަރު ތަކުގައި ޗާލްސް ބަރބަރ ނަމަކަށް ކިޔާ ފްރާންސްގެ ސިފައިންގެ މީހަކު އުފައްދާފައިވާ ލިޔުމުގެ ބާވަތެކެވެ. މި އުފެއްދުންތެރި އަކުރުތައް މިގޮތަށް ތަރައްޤީ ކުރެވިގެން ދިޔަ މައިގަނޑު ސަބަބަކީ ސިފައިންނަށް ރޭގަނޑުގެ ކަނު އަނދިރީ ގައި ވެސް ފަސޭހަ ކަމާއިއެކު މުއާމަލާތުކޮށް ހެދޭނެ މަގެއް ހޯދުމެވެ. މި ލިޔުމުގެ ބާވަތައް އެއިރު ދެވިފައިވާ ނަމަކީ “ނައިޓް ރައިޓިން” އެވެ. މި އުފެއްދުމުގައި ބޭނުންކުރަނީ އުފުލިފައި ހުންނަ ތިކި ތަކެކެވެ. އަދި މިއިން ކޮންމެ ތިއްކެއް ރަމްޒުކޮށްދެނީ ކޮންމެ ވެސް އަކުރެކެވެ. 180  އަކުރު މި ސިސްޓަމުގައި ވެއެވެ. އަދި މީގެ ތެރޭގައި ކުރުކޮށް ލިޔުމަށް ބޭނުންކުރާ 75 “ޝޯޓް ފޯރމް” އަކުރުތައް ވެސް ހިމެނެއެވެ. މިހެން ބޭނުންކުރެވޭ ޝޯޓް ކޯޑްސް އަކުރުތަކަކީ ޚަރަދު ކުޑަކުރުމާއި ގަނޑު ބޭނުން ކުރަންޖެހޭ މިންވަރު ދަށް ކުރުމަށް ހެދިފައިވާ އަކުރުތަކެވެ. އަދި މިކަމުގެ ސަބަބުން ލިޔެފައި ހުންނަ ލިޔުންގަނޑު ކުރު ވުމާއިއެކު، ކިޔަން ވެސް ފަސޭހަވެގެން ދާނެއެވެ.

ދުނިޔޭގެ ފެންވަރުގައި މި އަކުރުތައް ތަރައްޤީ ވުމުގެ ނަތީއްޖާއެއްގެ ގޮތުން މިއަދު ވަނީ ކޮމްޕިއުޓަރުން މި ލިޔުން ލިޔެވޭނެ މަގު ފަހިވެފައެވެ. މި ލިޔުންތެރިކަން ތަރައްޤީވެގެން އައީ ސިފައިންނަށް ފަސޭހައަކަށް ކަމުގައި ވީ ނަމަވެސް މި ލިޔުންތެރިކަން މުހިންމުވެގެން ދިޔައީ ނުކުޅެދޭ ކުދިންނަށް ޙާއްސަ އަކުރުތަކެއްގެ ގޮތުގައެވެ. މިގޮތުން ދުނިޔޭގެ އެކިއެކި ސުކޫލުތަކުގައި މި އަކުރުތައް ބޭނުން ކުރެވި ، ލޯފަން ކުދިންނާއި ބީރު ކުދިންނަށް ކިޔަވައިދިނުމުގައި މި އަކުރުތައް ބޭނުން ކުރެވެން ފެށުނެވެ. އަދި މިކަން ވެގެން ދިޔައީ އުންމީދު ގެއްލިފައި ތިބި އެތަކެއް މައިންނަށް ލިބުނު އުފާވެރި ކަމަކަށެވެ. ދިރިއުޅުމުގައި މަސައްކަތެއް ނުކުރެވޭނެ ކަމުގައި ދެކިގެން ތިބި އެތައް ދަރިންނަށް އެ ދަރިންގެ އުންމީދުތައް ފުރިހަމަ ކުރުމަށް ދިއްލުނު ހުޅުކޮޅަކަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގެ ތަފާތު ސުކޫލުތަކުގައި ނުކުޅެދޭ ކުދިންނަށް ކިޔަވައިދިނުމަށް “ބްރެއިލް” އަކުރުސެޓް ބޭނުން ކުރަމުން ދާއިރު، ދިވެހި ރާއްޖޭގައި ތިބި މިފަދަ ކުދިންނަށް ވެސް މި ފުރުސަތު ފަހިވެގެން ދިޔުމަކީ ހަމަ ކޮންމެ މީހަކު ވެސް އުންމީދު ކުރާނެ ކަމެކެވެ. ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވެދޭ ފަރާތްތަކުން މިކަމާމެދު ވިސްނާލުން މުހިންމެވެ. މިފަދަ ކަމެއް ތައާރަފް ކުރެވި އޭގެ ބޭނުން ފުރިހަމަ ގޮތުގައި ކުރެވިއްޖެ ނަމަ، އަޅުގަނޑުމެންނަށް އެ ކުރެވެނީ ހެޔޮ ކަމެކެވެ. ވެދެވެނީ އެހީއެކެވެ. ނެރެވޭނީ ޚިދުމަތްތެރި މަސައްކަތްތެރިންނެވެ. އާކޮށްދެވެނީ އެތައްބަޔެއްގެ އުންމީދެވެ.ފެނިގެންދާނީ އުފާވެރިކަމެވެ. ހާއްސަ އެހީއަށް ބޭނުންވެފައި ތިބި ކުދިން ވެސް ޤައުމަށް ބޭނުންތެރި ވަޒީފާތަކަށް ނެރެވިދާނެއެވެ. ހަމައެކަނި “ބްރެއިލް” ގެ އެހީ ހޯދި ނަމަވެސް މެއެވެ.

ޚިޔާލު ފާޅުކުރައްވާ