Follow us on
ދިވެހިންގެ އަވަށްޓެރި އިންޑިޔާގެ މަލިކު
| އަޙުމަދު އަނަސް

މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޖަޒީރާގެ ތެރޭގައި ހިމެނިފައިވާ 2 ވަނަ އަށް އެންމެ ބޮޑު ރަށެވެ. މި ރަށް އޮތީ ދިވެހިރާއްޖެ އަށް ވުރެ އުތުރުގައެވެ. އިނގިރޭސި ބަހުން މިރަށަށް ކިޔަނީ Minicoy އެވެ. މި ރަށާ އެންމެ ކައިރީގައި އޮތް ރަށަކީ ދިވެހިރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނެވެ. އިދާރީ ގޮތުން މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޓެރިޓަރީގެ ދަށުން ހިނގާ ރަށެކެވެ.

މަލިކު އަތޮޅު ނުވަތަ މިނިކޮއި އަތޮޅަކީ، ދުނިޔޭގައިވާ މުރަކައިގެ ޖަޒީރާތަކުގެ ތެރެއިން ބޮޑު ޖަޒީރާއެކެވެ. އެ ޖަޒީރާ އޮންނަނީ، ލަކްޝަދުވީޕު އިއްތިޙާދު ޓެރިޓަރީގެ ދެކުނުގަ އެވެ. ލަކްޝަދްވީޕަކީ އިންޑިއާގެ ބަޔެކެވެ. މަލިކު އޮންނަނީ، ކަލެޕެނީގެ ހުޅަނގު ދެކުނުން 201 ކިލޯމީޓަރ ދުރުގަ އެވެ. އަދި ދިވެހިރާއްޖޭގެ ތުރާކުނުގެ އުތުރުން 125 ކިލޯމީޓަރު ދުރުގަ އެވެ. މަލިކު އަތޮޅުގެ ދިގުމިނަކީ، 10 ކިލޯމީޓަރެވެ. އެ އަތޮޅުގެ އެންމެ ފުޅާ ހިސާބުގައި ހުންނަނީ، 6 ކިލޯމީޓަރެވެ. ޖޯގްރަފީގެ ގޮތުން ބަލާއިރު، އެއީ، އިންވެސްޓިގޭޓަރ ބޭންކް ފަދަ އަތޮޅެކެވެ.

މަލިކުގެ މީހުނާއި ދިވެހިންނާ، ދިރިއުޅުމުގެ ވައްޓަފާޅީގައި އަދި ވާހަކަދެއްކުމުގައިވެސް ވަރަަށް ބޮޑެތި އެއްގޮތް ކަމެއް ހުރެއެވެ. އެގޮތުން މަލިކު މީހުންވެސް ވާހަކަ ދައްކައި އުޅެނީ ހަމަ ދިވެހި ބަހުންނެވެ. ޒަމާނަށް އައި ބަދަލާއެކު ދިވެހިން ޔޫރަޕުގެ ވައްޓަފާޅި ކޮޕީކޮށް އެގޮތަށް އުޅެން ފަށައިފައި ވީނަމަވެސް މަލިކު މީހުން އެ ގޮތްގަނޑު ކޮޕީކޮށްފައި ނުވާކަން އެމީހުންގެ ދިރިއުޅުުގެ ވައްޓަފާޅި ބަލައިލުމުން އެނގިގެންދެއެވެ. އެމީހުންގެ ކިބައިގައި އަދިވެސް ހުރީ ހިންދޫއީ ފެޝަނެވެ. އެހެންކަމުން20 ވަނަ ގަރުނުގައި ދިވެހިންގެ އާދަކާދަޔާއި ގޮތްތައް މިހާރު ފެންނަނީ މަލިކުންނެވެ. އެހެންކަމުން އެމީހުންގެ ދިރިއުޅުމުގެ ހަމަތަކާއި އާދަކާދަތައް ދިރިއުޅުމުގެ ހުރިހާ ކަމެއް އޮންނަނީ އެވޭލާ ދިވެހިންގެ ދިރިއުޅުމާއި މުޅިން އެއްގޮތަށް ކަމަށް ބެލެވެއެވެ.

މަލިކު އަތޮޅަކީ، ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. ނަމަވެސް ޖޯގްރަފީ އާއި އިޖުތިމާޢީ ޙާލަތު ނިޔާކުރި ގޮތުން އެ އަތޮޅު ވަނީ ދިވެހިރާއްޖެއިން ވަކިވެފަ އެވެ. މީލާދީ ސަނަތުން 16 ވަނަ ޤަރުނުގެ މެދުތެރެއަށްވުރެ ކުރީގައި މަލިކު އަތޮޅު ތަމްސީލުކުރަނީ، ދިވެހިރާއްޖޭގެ އެންމެ އުތުރު ކޮޅުގެ ސަރަޙައްދެވެ. މިހާރު މަލިކު އަތޮޅު އޮންނަނީ އިދާރީ ގޮތުން އިންޑިއާގެ ލަކްޝަދުވީޕުގެ ދަށުގަ އެވެ. ދިވެހިރާއްޖެއިން ވަކިވެގެން އިންޑިއާގެ ދަށަށް ދިޔައީ މަލިކު މީހުން އަމިއްލައަށެވެ. އެމީހުން އެގޮތް ބޭނުންވީ، ދިވެހިރާއްޖެއިން އެމީހުންނަށް ކުރިމަތިވަމުންދިޔަ ބައެއް ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެވެ އެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރަސްމީ ގޮތުން ކަނޑައެޅި އެކަމުގެ މުޢާހަދާއަށް އެއްބަސްވެވުނީ، 1976 ވަނަ އަހަރުގެ ޑިސެމްބަރ މަހުގަ އެވެ. އެ މުޢާހަދާގައިވާ ގޮތުން މަލިކު ގޮސްފައިވަނީ، އިންޑިއާގެ ސަރަޙައްދަށެވެ. އެހެންކަމުން މިހާރު މަލިކު ހޯދަން ދިވެހިން ދަޢުވާކުރާނެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ކުރީގެ މިނިސްޓަރ އޮފް އެޓޯލްސް، ޢަބްދު ﷲ ޙަމީދު ވަނީ، މަލިކަކީ، ދިވެހިރާއްޖޭގެ ބައެއް ކަމަށް ބުނެފަ އެވެ. އޭނާ އެކަން އިޢުލާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، 26 ޖުލައި 1982 ވަނަ އަހަރު ވާހަކަދައްކަމުންނެވެ. އޭނާއަކީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ އެއްބަފާ އަޚެކެވެ.

ކޮންމެއަކަސް، ޙަމީދު ދެއްކި ވާހަކައިގެ ސަބަބުން އިންޑިއާ އާއި، ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީ މައްސަލައެއް އުފެދުނެވެ. އެމައްސަލަ ޙައްލުކުރުމަށްޓަކައި، ރައީސް މައުމޫނު، އޭނާގެ ކޮއްކޮ ޙަމީދުގެ ވާހަކަ ތަރުޖަމާކުރަން މަޖުބޫރުވި އެވެ. މައުމޫނު ތަރުޖަމާކުރި ގޮތުގައި، އޭނާގެ ކޮއްކޮ ޙަމީދުގެ މަޤުޞަދަކީ، “ދިވެހިރާއްޖެއާއި މަލިކާ ދެމެދުގައި، ބަހާއި، ސަގާފަތާއި، ދީނުގެ ގޮތުން ގުޅުންތަކެއް ވާކަމެވެ. މަލިކު ހޯދުމަށްޓަކައި ދަޢުވާއެއް އުފުލާކަށް ދިވެހިރާއްޖެއަކުން ނޫޅޭނެ އެވެ.” ރައީސް މައުމޫނުގެ މި ތަރުޖަމާއިން އެ މައްސަލަ ނިމުމަކަށް އަޔެވެ.

ޚިޔާލު ފާޅުކުރައްވާ