Follow us on
ރޯދަމަހުގެ މެންދުރު މުޅި ރަށުތެރޭގައި ތައުފީގުގެ އަޑު!
| އަޙުމަދު އަނަސް

ރަށުތެރެއިން ހިނގާފައި ދިޔައިރު އިވެނީ އެއް އަޑެކެވެ. ހަނދާނަށް އަންނަނީ މީގެ 8 ވަރަކަށް އަހަރު ކުރީގެ ހަނދާނެކެވެ. މިއީ އަދިވެސް ދިވެހިންގެ ތެރެއިން ބަދަލުނުވާ ކަމެއްކަން ޔަގީން ކަށަވަރެވެ.

މި ދެންނެނެނި 8 އަހަރު ކުރީގެ ވާހަކައަށް އަލިއަޅުވާލާނަމަވެ. އޭރު އަހަރެންގެ އުމުރުން ވާނީ 9 ވަރަކަށް އަހަރެވެ. ރޯދަ ހިފާނީ ދެދުވަހުން އެއް ދުވަހުއެވެ. ގޭގައި ރޯދަ ވީއްލަން އެއްޗެހި ހަދާއިރު، ރޯދަ ނޫން ދުވަސް ދުވަހު މާމަ މެން ކައިރީގައި އުޅެމެވެ. މާމަ އާއެކު، ނުވަތަ ކާފަ އާއެކު ފިހާރައަށް ދަމެވެ. ފިހާރައަށް ދާ މަގުމަތީގައިވެސް މުޅި ރަށުތެރޭން އެ އަޑު ނީވޭ ހިސާބެއް ނުދާނެއެވެ. މާމަ މެން ހެދިކާ ހަދާ ތަނުގައި ހުންނަ ރޭޑިޔޯއިންވެސް އެވަގުތުގައި އަންނާނީ އެ ޕްރޮގްރާމެވެ. އޭރު ކުޑަކަމުން އެއީ ކޯއްޗެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭގެން އެ ކިޔަނީ ރަސޫލު ޒަމާނުގެ ވާހަކަތައް ކަމެވެ.

އޭގެ8 އަހަރު ފަހުން މިއަދުވެސް، ރަމަޟާން މަހުގެ މެންދުރު ގަޑީގައި މުޅި ރަށުތެރެއިން އެ އަޑު ކެނޑިގެން ނުދެއެވެ. އާދޭހެއެެ. އެއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކީރިތީ ރަސޫލާގެ ސިޔަރަތުގެ އަޑެވެ. ހާޖަރާގޭ ތައުފީގުގެ އަޑެވެ. މީގެ24 އަހަރުކުރިން މި ރީތި ރަން އަޑުގެ ވެރިޔާ، ހާޖަރާގޭ މުހައްމަދު ތައުފީގު ދުނިޔެއާއި ވަކިވެފައިވީ ނަމަވެސް އަދިވެސް ތައުފީގުގެ އަޑު ކެނޑިގެނެއް ނުދެއެވެ. ރަމަޟާން މަހުގެ “ފީލް” ދިވެހިންނަށް ގެނެސްދެނީ މި ރަން އަޑުންނެވެ.

ސިޔަރަތުގެ ރެކޯޑިން ޓޭޕެއް. — ފޮޓޯ: ޕީއެސްއެމް

ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީން ތަރުޖަމާކުރައްވައި ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތު އެންމެ ފުރަތަމަ އެހުންތެރިންނާއި ހަމއަށް ގެނެސްދީފައިވަނީ ލައިވްކޮށެވެ. އަދި އޭގެ ފަހުން ރޭޑިޔޯގެ ވެރިން ބޭނުންވެގެން ސިޔަރަތު ރިކޯޑުކުރީއެވެ. މިހާރު ރޭޑިއޯއިން ގެންނަ ސިޔަރަތަކީ ދިވެހިރާއްޖޭގެ އަޑު ހިންގެވުމުގައި ސަމަރުބުލޫ އިބްރާހިމް މަނިކު ހުންނެވި ދުވަސްވަރު ތައުފީގު ކުރެއްވި މަސައްކަތެކެވެ. ތައުފީގުގެ އަރިހުން އަގެއް ވިދާޅުވުމަށް ރޭޑިއޯގެ ވެރިން އެއްސެވުމުން ތައުފީގު ވިދާޅުވީ އެކަމަށް އަގެއް ނުނަގާނެ ކަމަށާއި، އަދި އެއީ ގައުމީ ހިދުމަތެއް ކަމަށެވެ.

އަދުގެ ދިވެހި ޒުވާނުންނަށް ލިޔެފައި އޮންނަ ސިޔަރަތު ކިޔަން ނޭންގުނަސް ހާޖަރާގެ ތައުފީގުގެ އަޑުން ރިކޯޑު ކޮށްފައި އޮތް ސިޔަރަތު އަޑު އަހަނީ ހިތަށް ހަމަޖެހުން ގެންނާތީއެވެ. ކިޔުމުގައު ހުންނަ ދޫފަރިތަކަމާއި، ކިޔުމުގެ ސާފުކަމުން ކޮންމެ މީހަކުވެސް އަޑު އަހާ ހިތްވާނެ ކަން ޔަގީނެވެ.

ތައުފީގު އަވަހާރަވީ 1995 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ. އެހެނަސް މިއަދާއި ހަމައަށްވެސް ހުއްޓުމެއް ނެތި ކޮންމެ ރަމަޟާން މަހެއްގައިވެސް ދިވެހި ގެތަކުން މެނދުރު ގަޑީގައި ތައުފީގުގެ އަޑު އިވެއެވެ. މާތް ރަސްކަލާންގެ އިރާދަފުޅާއެކު ތައުފީގުގެ ރަން އަޑުން ސިޔަރަތު، ދުނިޔެ އޮތްހާ ހިނދަކު އިވިއިިވި އޮންނާނެއެވެ. މާތްﷲ ތަޢުފީގަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން.


މަޢުލޫމާތު: ހާޖަރާގޭ ތައުފީގު: ރޯދައިގެ ފަނޑުނުވި އަޑު! | ސަން.އެމްވީ

ޚިޔާލު ފާޅުކުރައްވާ