Follow us on
ކޮއްކޯއެވެ. ވަގުތު ފާއިތު ނުވަނީސް ބާއްޖަވެރިއެއް ކަމުގައި ވާށެވެ.
| ވިފާން

ކޮއްކޯއެވެ. ވިސްނާ ފިކުރު ކުރާށެވެ. އަދި ތިޔަ އުޅެވެނީ މުޅިން ރަނގަޅު ދިރިއުޅުމެއް ނޫނެވެ. އަހަރެންނަކީ ވެސް ކޮއްކޮ ފަދައިން ދިރިއުޅުން ބިނާ ކުރަމުންދިޔަ މީހަކެވެ. އަހަރެންގެ ހަޔާތަކީ ވެސް “ޗިލް ލައިފް” އެއްކަމަުގައި ދުށީމެވެ. ކޮއްކޮ ވެސް ތިޔަ ދެކޭ ބީދައިންނެވެ.

ބޭކާރު ގޮތުގައި އެތައް ވަގުތެއް ހަޔާތުގައި ވޭތުވެ ދިޔައެވެ. އަހަރެންނަށް ވެސް ހެނދުނުގެ އިރެއް ނާރައެވެ. ކޮއްކޮ ވެސް ތިޔަވަނީ އެފަދަ ދިރިއުޅުމަކަށް ހޭނިފައެވެ. ކޮއްކޯއެވެ. އަޑުއަހަން ހެއްޔެވެ. އިންސާނުންގެ ތެރޭގައި ބުޅަލުގެ އުސޫލު އޮންނަ ވާހަކަ، ކޮއްކޮ ވެސް ހޭނިފައި ތިޔަ އޮތީ ބުޅަލުގެ އުސޫލަށްށެވެ. ‘މޯނިންގ” ތިޔަވަނީ އިރު އޮއްސޭ ފަހުންނެވެ. ދަންވަރުގެ ހަމަހިނމޭން ވަގުތުގައި ރަށުތެރެއަށް ގިނަވެގެން ކުރެވޭ ކަންކަމާއި މެދު ވިސްނާލަބަލާށެވެ. މީހުންގެ މުދަލަށް ގެއްލުން ދިނުމާއި، ވައްކަމާއި ފޭރުމުގައި މުޅި ހަޔާތް އޮޔާލަނީ ހެއްޔެވެ.

އަހަރެންނަށް ހޭލެވޭ ގޮތަށް އަތުގައި އޮންނަ ސްމާޓް ފޯނުގެ ތެރެޔަށް މުޅި މީހާ ގެންބިގެން ދިޔަ ދުވަސްތައް މާޒީ އާއި އެކުވެ ހިނގައްޖެވެ. މޯބައިލް ގޭމް ތަކުގައި އެތައް ވަގުތެއް ބޭކާރު ކުރީމެވެ. މުދިންބެ ގޮވާ ބަންގީގެ އަޑު ވެސް އިވެއެވެ. އެހެން ނަމަވެސް ޢާފިލު ކަމުގެ ނިދީގައި ވަރުގަދަ އަށް ނިދިފައިވީއެވެ. ސޯސަލް މީޑިޔާގެ ތެރޭގައި ކޮއްކޮ ފަދައިން އެތައް ބަޔަކު ރުޅި އަރުވައި ޖެއްސުން ކުރުމަކީ އަހަރެންގެ އުފަލެއް ކަމުގައިވިއެވެ. އޭރު އަހަރެންގެ އެކުވެރިން ވެސް ގިނައެވެ. އެއީ އޭރު އަހަރެން ދެކޭ ގޮތުގައި ވަރަށް ރަނގަޅު އެކުވެރީންނެވެ. އެހެންނަމަވެސް ރަނގަޅު އެކުވެރިންނަކީ ފަސް ވަގުތު ނަމާދު ކުރަން ބުނާނެ ބައެކެވެ. ﷲ ބާވަލެއްވި ފޮތް ކިޔަވަން ބާރު އަޅާނެ ބައެކެވެ. ރަސޫލާ ﷲޞައްލަ ޢަލައިހި ވަސައްލަމްގެ ސުންނަތަށް އަމަލުކުރަން ހިތްވަރު ދޭނެ ބައެކެވެ.

ކޮކޯއެވެ. ރިސޯޓް ތަކަށް ގޮސް ބިރެއް ނެތި ފާހިޝް އެތައް އަމަލެއް ހިންގުނީ ލިބިފައިވި ތަރުބިއްޔަތުންނޭ ބުނާކަށް ނެތީމެވެ. އެއީ އަހަރެންގެ ސިކުނޑިން ގޯސް ކަންކަން ކަމުގައި ދެކެން ބޭނުން ނުވާތީއެވެ. ކޮއްކޯއެވެ. ވަގުތާއި ހާލަތަކީ ބަދަލުވާނެ އެއްޗިއްސެވެ. ކޮއްކޮގެ ހާލަތު ބަދަލުކުރެވޭނީ ކޮއްކޮގެ އަމިއްލަ މަސައްކަތުންނެވެ. އިސްލާހު ވުމުން ބަޔަކު ކިޔާފާނެ އެއްޗަކަށް ފަސްނުޖެހޭށެވެ. އާނއެކެވެ. މަލާމާތް ކުރާބަޔަކު ކުރާނެއެވެ. އެމީހުންނަށް ނުވިސްނެނީއެވެ. މިއަދު ކޮއްކޮ އަށް ލިބޭނީ މީހުންގެ ނަފުރަތެވެ. އޭރު އަހަރަރެންނަށް ވެސް ލިބުނީ މީހުންގެ ނަފުރަތާއި ބަދު ދުޢާއެވެ. އެހެން ނަމަވެސް މިއަދު އެތައް ބައެއްގެ ލޮއެއްބާއި އިހުތިރާމް ލިބިގެން، ވޭތުވެގެން މިދަނީ އުފާވެރި ދުވަސްތަކެކެވެ.

ކޮއްކޯއެވެ. އަދިވެސް ވިސްނާލަން ނުވަަނީތޯއެވެ. ކައްވަޅުގެ އަނދިރީގައި ތިޔަ ކުޅޭ ގޭމް ތައް ކުޅެވޭނެ ކަމަށް އުއްމީދު ކުރަނީހެވެ. ތިޔަ ޖާހިލް ދިރިއުޅުން ތާއަބަދު އުޅެވިދާނެ ކަމަށް ހީކުރަނީހެއްޔެވެ. ކޮއްކޯއެވެ. ތިޔައީ ކުންހީއެކެވެ. ތިޔަ ޢާފިލް ކަމުގެ ނިދިން ހޭލާށެވެ. ވަގުތު ފާއިތު ނުވަނީން ދުނިޔޭގައިވާ ހަގީގީ އުފާތައް ހޯދަން ﷲ އެންގެވި މަގަށް އެނބުރޭށެވެ. ފުރުސަތު އެބައޮތެވެ. ދޮރުވަނީ ހުޅުވިފައެވެ. މަގު ވަނީ އަމާން ކަމާއި ބާއްޖަވެރި ކަމުގައެވެ. އަހަރެން ވެސް ބަދަލު ވެއްޖައީމެވެ. ﷲ ގެ މަގު މިވަނީ އިހުތިޔާރު ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ