Follow us on
ހަހުރަޔާ
| އުންމި_ޝް

ބޭނުންވަނީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ކޮންމެ މީހަކާ ސުވާލު ކޮށްލި ނަމަވެސް ލިބޭނީ އެއް ޖަވާބެކެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. މި އުފާވެރި ކަމަކީ ކޮންމެ މީހަކަށްމެ ނުލިބިދާނެ ކަމެކެވެ. އެހެނަސް އިންސާނާ މަސައްކަތް ކުރަމުން މި ދަނީ އެއް އަމާޒަކަށެވެ. އުފާވެރިކަން ހޯދުމެވެ. ހިތްހަމަޖެހުމާއި އަރާމުގައި ދުނިޔޭގައި އުޅެލުމެވެ. ސުވާލަކީ މި އުފާވެރިކަމާ ހަމައަށް ވާސިލް ވެވެނީ ކިތަށް މީހުންނަށް ބާއެވެ؟ ނުވަތަ އެ އުފާވެރިކަން ނުލިބުމުން، އެ އުފާވެރިކަން ހާސިލްވެފައިވާ މީހުންނާއި މެދު ތިބާއަށް ދެކެވެނީ ކޮން ގޮތަކަށް ބާއެވެ؟

ތި ވިސްނުނީ ރަނގަޅަށެވެ. އެއް އިންސާނަކަށް މާ ރަނގަޅު، މޮޅު ގޮތެއް ފެނުމުން އަނެއް އިންސާނަކަށް އެކަމާ ނުރުހެވެއެވެ. ތިމާ ބޭނުން އެއްޗެއް ތިމާ އަށް ނުލިބި އެހެން މީހަކަށް ލިބުމަކީ އެއްވެސް މީހަކަށް ބަލައިގަންނަން ފަސޭހަކަމަކަށް ނުވެއެވެ. މި ފަދަ އިހުސާސްތަށް ތިބާއަށް ކުރެވެނީ ކީއްވެ ހެއްޔެވެ؟ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ އިހުސާސް ކުރެވުމަކީ، އެމީހަކު އެކަމަކާ ވިސްނާކަން ނުވަތަ އެކަމަށް ސަމާލުކަން ދޭކަން ހާމަކޮށްދޭ ކަމެކެވެ.

ބަސް ފޮތުގައި ވާގޮތުން ހަހުރަޔާގެ މާނައަކީ ހަސަދަވެރިޔާ އެވެ. ހަސަދަވެރި ވުމަކީ މީހަކަށް ލިބޭ ކުރިއެރުމަށް ތިބާ ހިތްހަމަނުޖެހުމެވެ. ނުވަތަ ތިމާ ލޯބިވާ މީހަކު ތިބާ ނޫން އެހެން މީހަކަށް ލިބެން ނޭދުމެވެ. ނުވަތަ ތިބާއަށް ނުލިބޭ އެއްޗެއް އެހެން  މީހަކަށް ލިބުމަށް ނޭދުމެވެ. މީ ވަރަށް ގިނަ ބަޔެއްގެ ކިބައިގައި ހުންނަ ސިފައެކެވ. އަދި މިކަމަށް ކުރެވޭނެ މާބޮޑު ކަމެއް ވެސް ނޯވެއެވެ.

ސައިންސްވެރިން ހާމަކުރައްވާ ގޮތުގައި އެއީ ތަބީޢީ ކަމެކެވެ. ތިބާ ހިތްވަރާއި އެކު ކުރިމަތިލާ ކަމެއް ތިމާއަށް ނުވެ، އެހެން މީހަކު އެކަން ހާސިލް ކުރާތަން ބެލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އަދި ވެސް ސައިންސްވެރިން ދެކޭ ގޮތުގައި ހަސަވެރި ކަމެއް އެމީހުންގެ ހިތުގައި ނުވާ މީހުން ވެސް ، އެމީހަކަށް ލިބި ލިބި ހުންނަ އެއްޗެއް ބީވެ ހިނގައިދާނެ ކަމުގެ ބިރު އޮވެމެ، އެހެން މީހެއްގެ އަތް މައްޗަށް އެ އެއްޗެއް ދާ ތަން ބަލަން އުނދަގުލެވެ. އެހެންކަމުން ، ހަސަދަވެރިނުވާ ނަމޭ ހިތުގައި އޮންނަ މީހާވެސް ވަކި ހިސާބަކުން މިފަދަ އިހުސާސްތަކާއި ކުރިމަތި ލައެވެ. ވިސްނަންވީ އެންމެ ކަމެކެވެ. އެހެން ހިތަށް އެރި ނަމަވެސް މި ވަނީ ކިހިނެއްކަން ތިބާއަށް މިހާރު އެނގުން މުހިންމެވެ. މި ވެވެނީ ހަސަދަވެރިކަން އެނގުމުން އެފަދައިން ނުވިސްނުން ބުއްދިވެރިއެވެ.

އެހީތެރިކަމެއް ބޭނުން ހެއްޔެވެ؟ ކުރިން ބުނެވިދިޔަ ޚިޔާލުތައް ތިބާގެ ސިކުނޑިއަށް ވެރިވާ ހިނދު އަމަލު ކުރަންވީ ކިހިނެއް ހެއްޔެވެ؟ ސައިންސްވެރިން މިކަމަށް ހައްލެއް ލިބޭނެ ގޮތްތައް ކަމަށް ފާހަގަ ކުރަނީ ތެދުވެރިކަމެވެ. ވާހަކަ ދެއްކުމެވެ. ހިތްހަމަ ނުޖެހި ހިތްނުތަނަވަސްވެ، ގުޅުން ކެނޑުމުގެ ކުރިން ވާހަކަ ދައްކައިގެން ހިތްހަމަޖެހުން ހޯދާށެވެ. ތެދުވެރި ކަމާއިއެކު، ވާހަކަދެއްކުމުން ހުރިހާ ކަމަށް ހައްލު ލިބޭނެއެވެ. ކޮންމެ ކަމަކީ ހައްލު ނުވެދާނެ ކަމެއް ކަން ދަންނާށެވެ. އެހެނަސް ތެދުވެރި ކަމާއިއެކު ވާހަކަ ދައްކައިފިނަމަ، އެކަމުން ތިބާއަށް ހިތްހަމަ ނުޖެމެއް ނުލިބޭނެއެވެ. މިއީ ކޮންމެ މީހަކަށް އެހާ ފަސޭހަކަމަކަށް ވެސް ނުވެ ދާނެއެވެ. ނަމަވެސް މިފަހަރު މިކަން ވެސް ތަޖުރިބާ ކޮށްލާށެވެ.

ދެންވެސް ތިބާ އަށް މީހަކާއިމެދު ހަސަދަވެރި ވެވޭނަމަ، ވިސްނާށެވެ. މީހުން ބުނަނީ، ދެން ޖެހޭނީ އަނެއް މީހާގެ ބޫޓަށް އަރައިގެން ވިސްނާށެވެ. އާނއެކެވެ. ތިބާވެސް ބޭނުން ވަނީ އުފާވެރި އަރާމު ދިރިއުޅުމެކެވެ. އަނެކާ ވެސް ބޭނުން ވާނީ އެގޮތެވެ. ތިބާ ބޭނުންވަނީ ތިބާއަށް ހުރިހާ އުފަލެއް ލިބޭށެވެ. އަނެކާވެސް ބޭނުން ވާނީ އެގޮތެވެ. ތިބާ ހިތްވަރާއިއެކު މަސައްކަތް ކުރަމުން ގެންދަނީ ދިރިއުޅުމުގެ އަމާޒަށް ވާސިލް ވާށެވެ. އަނެކާވެސް ހަމަ އެފަދަ އެވެ. ތިބާއަށް ލިބިފައިވާ ނިއުމަތެއް ބީވެދާކަށް ތިބާ ނޭދޭނެތެވެ. ވީއިރު އަނެކާއަށް ލިބެމުންދާ ނިއުމަތަކާއިމެދު ތިބާ ހަސަދަވެރި ވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ.؟

ޚިޔާލު ފާޅުކުރައްވާ