Follow us on
ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެއް ބޯނީ ކާކު؟
| ޒިދާން މުޙައްމަދު

ބޮލުގައި ރިއްސީމަވެސް ޖަހާލަނީ ސިނގިރެޓެކެވެ. މަޖަލަކަށް ވެސް ޖަހާލަނީ ސިނގިރެޓެކެވެ. ކަމަކާ ފިކުރުބޮޑުވެ، ބޯ ހަމަޖައްސާލަން ވެސް ދަމާލަނީ ސިނގިރެޓެކެވެ. ހާސްވެ ކަންބޮޑުވީމަވެސް ހައްލަކީ ސިނގިރެޓެއް ބޯލުމެވެ. ސިނގިރިޓެއް ބޯލުމަކީ އެ ބޯމީހުންނަށް، ހިތްޖަމަޖެހުމާއި އުފާ ލިއްބައިދޭ ކަމެކެވެ. އެވެރިން ކިޔާ ގޮތުންނަމަ “ފެގެއް” ބޯލީމަަ ހުރިހާ ކަމެއް ހަމަވީއެވެ. ސިނގިރެޓަކީ އެމީހުންގެ އެއް އަތް ކަހަލައެވެ.

ނަމަވެސް ދަންވަންތޯއެވެ؟ ސިނގިރެއް ބޯވަގުތު ތިބާއަށް ލިބެނީ ވަގުތީ ރާހަތެކެވެ. ސިނގިރެޓަކީ ދާއިމީ ގޮތެއްގައި ހަށިގަނޑަށް ފައިދާއެއް ލިއްބައިދޭނެ އެއްޗެއް ނޫނެވެ. އެހެނަސް މީގެ ގެއްލުން އިންތިހާ ދަރަޖައަށް ބޮޑެވެ. އެގޮތުން، ހަށިގަނޑަށް އެތައް ނުރައްކާތަކެއް ކުރިމަތި ކުރާ އެތައް ހާސް ވިހަ ކެމިކަލް މާއްދާތައް ސިނގިރެޓްގައި އެކުލެވޭކަން ސައިންސްގެ ދިރާސާތަކުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ހާމަވެއެވެ. މާކެޓްގައި ލިބެން ހުންނަ މުދަލުގެ ތެރެއިން ސިނގިރޭޓަކީ އެ ބޭނުން ކުރަން ޖެހޭ އަސްލު ގޮތުގައި ބޭނުން ކުރުމުން ތިމާ ބަލިކޮށްލާ ނުވަތަ މަރާލާ ހަމައެކަނި އެއްޗެވެ. އެމޯނިއާ، އެސްޓޯން، ބެންޒީން، ހައިޑްރިޖަން އަދި ސައިނައިޑް ފަދަ ސިނގިރޭޓް ދުމުން ކޮންމެ ދުވަހަކު އަޅުގަނޑުމެން އެތެރެއަށް ނޭވާލާ މާއްދާތަކެވެ.

ސިނގިރެޓް ބުއިމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި ދުވާލަކު އެންމެ މަދުވެގެން 1،200 މީހުން މަރުވެއެވެ. މިއީ ދުވާލަކު 3 ޖަމްބޯ ޖެޓް ވެއްޓި އޭގައި ތިބި އެންމެން މަރުވުން ފަދަ އެވެ.

ސިނގިރެޓް ދުމަކީ ހަމައެކަނި ފުއްޕާމޭގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބު އެކަނި ނޫން ކަމާއި ނަމަވެސް ސިއްހީ އެހެނިހެން ގިނަގުނަ ނުރައްކާތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން، މި ކަން ނޭނގޭ ގިނަ ބަޔަކަށް އެނގުމުން ސިހިދާނެއެވެ. ގޫގްލް ނުވަތަ ޑަބްލިޔު.އެޗް.އޯގެ ވެބްސައިޓަށް ޒިޔާރަތްކޮށް، ކަމާ ގުޅޭ ގޮތުން ތިމާއަށް އިތުރަށް އަދިވެސް ހޭލުންތެރި ވެވިދާނެއެވެ.

ވިސްނާށެވެ. ސިނގިރެޓަކީ ފައިދާއެއް ނެތް އެހެނަސް ގެއްލުން ހުރި އެއްޗެކެވެ. ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެއް ބޯނީ ކާކު ހެއްޔެވެ؟ މޮޔައެކެވެ. އެހެންކަމުން ސިނގިރެޓާ ދުރުވާން މަސައްކަތް ކުރަމާހެއްޔެވެ؟ ތިމާއާއި ތިމާ ލޯބިވާ މީހުން މިކެހިވެރިޔާގެ ދަންތުރައިން ސަލާމަތްކުރާށެވެ.

ޚިޔާލު ފާޅުކުރައްވާ