Follow us on
ވަން ބަރާސިލް ބޮޑު ރޯދަ ވީއްލުން މިފަހަރު ބޭއްވީ ސަޅި ގޮތަކަށް!
| އަޙުމަދު އަނަސް

2014 ވަނަ އަހަރުން ފެށިގެން ލ.ފޮނަދޫ ބަރާސިލް އަވަށުގެ ހުރިހާ ޒުވާނުން އެއްކޮށް، ކޮންމެވެސް ހޮޓަލަކަށް ރޯދަ ވީއްލަން ދިޔުމަކީ ކުރާ ކަމަކެވެ. އަދި އެއާއެކު އެންމެން އެކުގައި ސައިކަލު ބުރު ޖަހަން ދިޔުމަކީވެސް ކުރާ ކަމެކެވެ. އެހެނަސް މިއަހަރު ބަރާސިލް ބޮޑު ރޯދަ ވިއްލުން ބޭއްވީ ތަފާތު ގޮތަކަށެވެ. ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

މިފަހަރު ރޯދަ ވީއްލުމަށް ކޮންމެ ގެއަކުންވެސް ގެންދަން ޖެހެނީ ކުޅި، ފޮނި ދެ ވައްތަރުން ހެދިކާ އާއި ފަނި ފުޅިއެކެވެ. އިތުރު ހުރިހާ އިންތިޒާމެއް ކުރީ ބަރާސިލް އަވަށުގެ ރައްޔިތުންނެވެ. ޚާއްސަކޮށް ނޫކަށިފުރައިގެ ޒުވާނުންނެވެ.

ހަވީރު ފަހެއް ޖެހުމާއެކު ފުލުހުންގެ އެހީތެރިމާއެކު ލިންކު ރޯޑުން ބައެއް ބަންދުކޮށްލެވި، މަގުގެ މެދުގައި މޭޒުތައް ޖަހަށް ފެށުނެއެވެ. ހަމަ އޭއާއެކު ގޭގެއިން އަންހެނުންނާ ފިރިހެނުން ތަށިތަކަށް ހެދިކާ އަޅާ، އެއާއެކު ފަނިފުޅިތައް ހިފައިގަން އަންނަން ފަށައިފިއެވެ. ހެދިކާ ގެންނަ ވަރަކަށް ޒުވާން ފިރިހެން ކުދިން ދިޔައީ އަންބާ ކިޔާފައި ރޯދަ ވިއްލުން ޕެކްތައް ތައްޔާރުކުރަމުންނެވެ. އަނެއް ބަޔަކު ދިޔައީ ފެންފުޅިތައް ނަގާ މޭޒުތަކުގެ މަތީގައި އަތުރަމުންނެވެ. ދައްކަމުން ދިޔައީ އެކުވެރިކަމާއި، އެއްބައުވަންތަ ކަމެވެ. ވަކީ މީހަކަށް، ވަކި ފިކުރަކަށް ބެލުމެއް ނެތި އެންމެން މަސައްކަތްކުރަމުން ދިޔައީ ހިނިތުންވުމަކާއި އެކުގައެވެ.

ރޯދަ ވީއްލުމަށްް ތައްޔާރުވަނީ — ފޮޓޯ: ތްރީ ބައި ތްރީ | ވަން ބަރާސިލް

އެންމެން އެކުގައި އެއް ރޫޙެއްގައި ކުރި މަސައްކަތުން މާ ގިނަ އިރުތަކެއް ނުވެ ރޯދަ ވީއްލުން ޕެކްތައް ތައްޔާކުރެވި، ކަދުރު ޕެކްތަކާއި ފެންފުޅިތައްވެސް އަތުރާލެވި، ސުފުރާމަތި ތައްޔާރު ކޮށްލެވުނެވެ. އޭރުވެސް އުޑުމަތި އޮތީ ބަނަކޮށެވެ. ސުފުރާމަތި ތައްޔާރުކޮށްލެވުނު އިރަށް އެ ވެހެން ފެށީ ވާރޭއެވެ. ބަންގި ގޮވަން ފަސް މިނެޓަށް ވަންދެން ހުއްޓުމެއްނެތި ވާރޭ ވެހެމުން ދިޔައެވެ. އެހެނަސް އެހިސާބުން ފަހަތަށް ޖެހުނީކީ ނޫނެވެ. ވާރޭ ވެހުނު އިރުވެސް ވާރޭގެ ތެރޭގައިވެސް ޒުވާނުންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ދިޔައެވެ. އަދި ވާރޭ ހުއްޓުމާއެކު ހިތްވަރު އާވެ، ކުޑަ ވަގުތުކޮޅެއްގެ ތެޜޭގައި އަނެއްކާވެސް ސުފުރާ މަތި ތައްޔާރު ކޮށްލެވުނެވެ.

ވާރޭގެ ސަބަބުން ކުޑަކުޑަ ފަނޑުކަމެއް އައި ނަމަވެސް ބަރާސިލް އަަވަށުގެ ކުދި ބޮޑު އެތައް ބަޔަކު ނިކުމެ ރޯދަ ވީއްލީ އެއް ސުފުރާއެއްގެ މަތީގައެވެ. އެކުވެރިކާމާއި އަހުވަންތަކަމާ އެކުގައެވެ. ބަރާސިލް އަވަށުގެ ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ދައްކުވައިދިނީ އެކުވެރި ކަމާއި، އެއްބައިވަންތަ ކަމާ، އަހުވަންތަކަމުގެ ގުޅުމުގެ ރީތި ނާމުނާ މަންޒަރެކެވެ. ބަރާސިލް އަވަށު ޒުވާން ޓީމުން ދައްކުވައިދިނީ “ތަފާތު ސަޅި” ރޯދަ ވީއްލުމެކެވެ.

ކޮންމެ ކަމެއް ކުރުމުގައިވެސް ލައްކަ ގިނަ ގޮންޖެހުންތަކާއި ކުރިމަތި ވާނެއެވެ. ބަޔަކު ކުރިމަތި ކުރުވާނެވެސް މެއެވެ. ޚިޔާލު ތަފާތުވުންތައްވެސް އުފެދޭނެކަން ކަށަވަރެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް އެކަންކަން ހައްލުކޮށް، ކުރިމަތިވި އެންމެހާ ގޮންޖެހުންތަކަށް ބެލުމެއްނެތި މިފަދަ ކަންކަން ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެނަސް ކޮންމެ ކަމެއްވެސް ޚާސިލްވާނީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްގެނެވެ. އެއް ރޫޙެއްގައި، އެއް އަޑެއްގައި މަސައްކަތް ކޮށްގެންނެވެ.

ޚިޔާލު ފާޅުކުރައްވާ