Follow us on
މަލީކް ރައީސަށް: ކޮންތާކަށް ތި ދަނީ؟
| އަޙުމަދު އަނަސް

މިއީ ރޭގެ ވަގުތެއްގައި މީސް މީޑިޔާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަނެފައިވާ ވީޑިޔޯއެކެވެ. މި ވީޑިޔޯއިން ފެންނަނީ ހުކުރު މިސްކިތުން ތަރާވީސް ނަމާދު ނިންމެވުމަށް ފަހު ނުކުމެވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކުޑަކުޑަ ކުއްޖަކު ވާހަކަ ދެއްކި މަންޒަރެވެ.

ރައީސް ސޯލިހް މިސްކިތުން ނިކުމެ ވަޑައިގެން، މީހުނާއި ސަލާމް ކުރަމުން ގެންދެވި އިރު އެތަނުގައި މަލީކް ވެސް ހުރިއެވެ. އަދި ރައީސް، މަލީކް އާއި އަރާ ހަމަވުމުން “އައްސަލާމް އަލައިކުމް” ކިޔާ ރައީސް އާއި ސަލާމްކުރިއެވެ. އެއަށްފަހު ރައީސް އާއި މަލީކް ސުވާލެއް ކުރެއްވިއެވެ. “ކޮންތާކަށް ތި ދަނީ؟” ހީވީ އެކުގައި ކުޅެއް އުޅޭ އެކުވެރިޔަކާއި ސުވާލު ކޮށްލިހެނެވެ. އެހާވެސް އެކުވެރި ރާގަކަށެވެ.

މަލީކް ހަމަ ސުވާލު ކޮށްލިއިރަށް ރައީސް ހިނިތުންވުމާއެކު ޖަވާބު ދެއްވިއެވެ. “މިދަނީ ގެއަށް ދާންވެގެން”. ރައީސާއި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބި، އެކަމާއި ހެވި ދިލިފައި ހުރި މަލީކް އޭރުވަނީ އޭނާގެ އަނެއް ސުވާޅު ދުލުގެ ކުރިޔަށް ގެނެސް، ތައްޔާރުކޮށްލާފައެވެ. ރައީސް ގެ ޖަވާބާއެކު އަނެއްކާވެސް މަލީކް އެހިއެވެ. “ކޮންނަމެއް ކިޔަނީ ގެއަށް؟”. ހެވިފައިހުރެ ރައީސް ސޯލިހު ސަމާސާ ރާގަކަށް ވިދާޅުވިއެވެ. “އެނގޭނެ މިހާރު”. ހަމަ އެހެން ބުނުމާއެކު އަނެއްކާވެސް މަލީކް ބުނެފިއެވެ. “މުލިޔާގެ. ހަހަހަހަ”. އެއަށްފަހު ވަރަށް މަޖާ ހިނިގަނޑެއް ޖަހާލައެވެ. އެ ހިނިގަނޑާއެކު އެތަނުގައި ތިބި އެންމެން އަދި ވީޑިޔޯ ބަލާ އެންމެންވެސް ހެއްވާލައެވެ.

މި ވީޑިޔޯއަށް ފަހު އަނެއްކާވެސް ވަނީ މަލީކުގެ އެހެން ވީޑިޔޯއެއް އާންމުވެފައެވެ. މިދިޔަ ނޮވެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިން ޔޫރަޕްގެ ޓޫރިސްޓަކާ އެކު އެ ކުއްޖާ ވާހަކަ ދެއްކި ވީޑިއޯއެކެވެ. އެ ވީޑިޔޯއިން މަލީކު ދައްކަމުން ދިޔައީ ސެކިޔުރިޓީއާއި ބެހޭ ވާހަކައެކެވެ. އަދި އެތަނުން މީހަކު މަލީކް އާއި ސުވާލެއް ކުރުމުންވެސް މަލީކު ވަނީ ފަސޭހަކަމާއެކު ޖަވާބެއް ދީފައެވެ. “ވަރަށް ލޯބިވެއެއްނު މަލީކް ދެކެ ޕޮލިސް ވެސް ދޯ، ފަތުރުވެރިން ވެސް. އަދި އެތިބީ ސިފައިން ވެސް، އެމީހުން ވެސް ލޯބިވޭ.”

Maleek Helping a Tourist at airport

Posted by Mohamed Auxam Yujin on Tuesday, 28 May 2019

މި ވީޑިޔޯ އާންމުވެގެން ދިޔުމާއެކި ފުލުހުންވަނީ ހާއްސަ ޓްވީޓެއްކޮށްފައެވެ. އެ ޓްވީޓްގައި ބުނީ ފުލުހުން ވެސް މަލީކް ދެކެ ވަރަށް ލޯބިވާ ކަމަށާއި، އަދި ޕޮލިސް ހެޑްކުއާޓާޒަށް މަލީކް އަންނަންވީ ނޫންތޯ ވަނީ މި ޓްވީޓުގައި ސުވާލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ނުބުނާނަން

    ރައީސް އިބޫ އަކީ ހިތްހެޔޮ އެކުވެރި ރައީސެއް