Follow us on
ހައްދުންމަތީ މެރަތަން: ރާއްޖޭގައި އާންމުނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އެންމެ ފުރަތަމަ އަލްޓްރާ މެރެތަން
| އަޙުމަދު އަނަސް

ދިވެހިރާއްޖޭގައިވެސް މިހާތަނަށް އެތައް ބައިވަރު ދުވުމުގެ އިވެންތް ތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެހެނަސް އެންމެ ބޮޑު ރޭހެއްގެ ގޮތުގައި ރާއްޖޭގައި މިހާތަނައް އަދި ބާއްވާފައިވަނީ މެރަތަން ރޭސްތަކެވެ. އެއީ 42 ކިލޯމީޓަރަށް ދުވުމުވެވެ. އެހެނަސް މިފަހަރު މިއޮތީ އަލްޓްރާ މެރަތަންއެކެވެ.

މިއީ މިހާތަނަށް ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އާންމުނަށް ހުޅުވާލައިގެން އަލްޓްރާ މެރެތަން ރޭސް އޮންނަ ފަހަރެވެ. 60 ކިލޯމީޓަރު ދުވުމާއެކު އާންމުނަށް ހުޅުވާލައިގެން ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ އަލްޓްރާ މެރަތަން އޮންނަ ދުވުން، ހައްދުންމަތީ މެރަތަން ރޭސް އޮންނާނީ މިމަހުގެ 14 ވަނަދުވަހުއެވެ.

ހައްދުންމަތީ މެރެތަންގައި މިއަހަރު ޖުމްލަ 550 ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން 350 ދުވުންތެރިންނަކީ ލ.އަތޮޅަށް ނިސްބަތްވާ މީހުނެވެ. ބާކީ 200 މީހުންނަކީ އަތޮޅުން ބޭރު މީހުންނެވެ. ހައްދުންމަތީ މެރެތަންގައި މިއަހަރު ދިވެހިންގެ އިތުރުން އިތުރު ނުވަ ގައުމެއްގެ ދުވުންތެރިން ބައިވެރިވެއެވެ. އެއީ ބަންގްލަދޭޝް، ޗައިނާ، ނެދަލޭންޑް، ރަޝިޔާ، ފެޑެރޭޓިއޯ، ނޭޕާލް، ސްޕައިން އިންޑިޔާ އަދި ފިލިޕީންސްގެ ދުވުންތެރިންނެވެ. ހައްދުންމަތީ މެރަތަންގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އާތިފް ވެސް ބައިވެރިވާނެއެވެ.

ލާމުގެ ރީތި މި ހިތްގައިމު ބޮޑު މަގުގައި ހައްދުންމަތީ މެރަތަން އޮންނަ މިއީ އެންމެ ފުރަތަމަ ފަހަރެވެ. ހައްދުންމަތީ މެރަތަންގައި ދުވުންތެރިން ދުވަމުން ދާނީ ފެހި ގަސްތަކުގެ ދަށުންނެވެ. ދުވުންތެރިންނަށް ލާމުގެ ސާފު ވައިގައި ނޭވާލާ ހަމަޖެހިލެވޭނޭ ރޭހަކަށް މި ރޭސް ވެގެންދާނެއެވެ.

މިއަހަރުގެ މެރަތާން ގައި ހިމެނޭނީ 10 ރޭހެކެވެ. އެއީ އަލްޓަރާ މެރެތަން، މެރަތަމް، ހާފް މެރަތަން، 10 ކޭ، 5 ކޭ، ކިޑްސް ސްމައިލް 3.2 ކޭ، ކިޑްސް ސްމައިލް 1.6 ކޭ، ކިޑްސް ސްމައިލް 0.8 ކޭ އަދި ސީނިޔާ ވޯކް 3.2 ކޭއެވެ.

މި މެރަތަންގެ ރޭސްތައް ފެށޭނީ މި މަހުގެ 14 ވާ ހުކުރު ދުވަހުގެ ދަންވަރު 00:00 ގައެވެ. އެންމެ ފުރަތަމަ އޮންނާނީ އަލްޓްރާ މެރަތަން ރޭހެވެ. އެއަށްފަހު ދަންވަރު 2:00 ގައި މެރަތަން ރޭސް ފެށޭނެއެވެ. އަދި ހާފް މެރެތަން ރޭސް ފެށޭނީ ފަތިހު 5:30 ގައެވެ. ހައްދުންމަތީ މެރަތަންގެ 10 ކިލޯމީޓަރ ދުވުން ފެށޭނީ ހެނދުނު 6:30 ގައެވެ. އަދި 5 ކިލޯމީޓަރ ރޭސް ފެށޭނީ ހެނދުނު 7:30 ގައެވެ. މި ރޭސްތައް ނިމި، ރަން ވިލެޖް ބަންދުކުރާނީ ހެނދުނު 9:00 ގައެެވެ.

އެއަށްފަހު ދެން އަލުން މެރަތަން ވިލެޖް ހުޅުވާނީ މެންދުރުން އަނބުރާ 14:30 ގައެވެ. މެންދުރު ރޭސްތައް ފެށޭނީ 15:30 ގައެވެ. އެންމެ ފުރަތަމަ އޮންނާނީ ކިޑްސް ސްމައިލް 3.2ކޭ އެވެ. އަދި ހަމަ އެގަޑީގައި ސީނިޔާ ޕަވާ ވޯކް، ކިޑްސް ސްމައިލް 1.6ކޭ އަދި ކިޑްސް ސްމައިލް 800 މީޓަރ ރޭސް ވެސް އޮންނާނެއެވެ. ހައްދުންމަތީ މެރަތަންގެ ކްލޯސިންގ ސެރެމޮނީ އޮންނާނީ ހަވީރު 17:15 ގައެވެ.

މި މެރަތަންގެ ހޯސްޓިންގ ޕާރޓްނާ އަކީ ލ.ގަން ކައުންސިލްއެވެ. އިވެންޓް އޯގަނައިޒާ އަކީ އައިރަނާސް އެވެ. ރެޖިސްޓްރޭޝަން ޕާރޓްނާ އަކީ ރަން ބަޑީސްއެވެ. އޮފިޝަލް ސްޕޯޓްސް ޝޮޕް އަކީ ދަ މެރަތަން ޝޮޕެވެ. އެންވަޔަރަމެންޓަ ޕާރޓްނާ އަކީ ސިކްސް ސެންސް ލާމެވެ. ހޮޓެލް ޕާރޓްނާ އަކީ ރިވަރިސް ޑައިވިންގ ވިލެޖެވެ. ކެފޭ ޕާރޓްނާ އަކީ ކެފޭ 20 އަދި މީޑިޔާ ޕާރޓްނާ އަކީ ފާނޫޒެވެ.

ޚިޔާލު ފާޅުކުރައްވާ