Follow us on
ކުށަކީ ކޮބާ
| ވިފާން

އެންމެން ވެސް ބުނާތީ އަޑު އަހަމެވެ. މަންމަ އަކީ އޯގާތެރި ލޯބި ދޭ މީހެކެވެ. މަންމަ އަށް އަޅާލަން ވާނެއެވެ. އަހަރެންނަށް މަންމަ ނުފެނި އެތަށް އަހަރެއް ފާއިތުވެ ދަނީ އެވެ. ދިރިއުޅެނީ އެއް ފަސްގަނޑެއްގައެވެ. ތަފާތަކީ ދިރިއުޅެނީ ދެ ގެޔެއްގައި ކަމެވެ. ހަޔާތުގައި މާގިނަ ހަނދާންތަކެއް މަންމަ އާއި އެކު ނުވެއެވެ. އެންމެ ކުޑައިރު ވެސް ކައިރީގައިވާ މީހަކީ ބައްޕަ ފަރާތު މާމައެވެ. ބައްޕަ އާއި މަންމަގެ ހަމައެކަނި ހުރި ދަރިޔަކީ އަހަރެންނެވެ. އެހެނަސް އުޅެންޖެހިފައި މިވަނީ ހާދަހާ މާޔޫސީ ދިރިއުޅުމެކެވެ.

އަހަރެންގެ ހަޔާތުގެ އެންމެ ދުރު ހަނދާނެވެ. މަންމަ އާއި ބައްޕަ ވަކިވެ ދިއުން އެއީ އަހަރެންނަށް ލިބުން ވަރަށް ބޮޑު ނިކަމެތިކަމެކެވެ. މައިންބަފައިންގެ ގެދޮރު ހުރެ އެއްތާކުން ވެސް ބޯހިޔާވަހިކަމެއް ނުލިބި މާމަ ގާތަށް ދިރިއުޅުން ބަދަލަކުރީމެވެ. އުމުރުން އެންމެ އަށް އަހަރުގައި މުސްކުޅި މާމަ ކައިރިއަށް ބަދަލުވީ ހިތާ ދެކޮޅަށެވެ. ބައްޕަ އަކީ ރަށުގައި އުޅޭ މީހަކަށް ނުވާތީ ބައްޕަ ކައިރީގައި ހުރުން އެއީ ކުރެވޭނެ ކަމަކަށް ނުވިއެވެ. މަންމަ ހުއްޓަސް އެއީ ނެތް މީހެކެވެ. މަންމަ ގާތު އަހަރެން ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ބޭކާރު ހަރަދުތަކެއް ކުރަން ޖެހިދާނެ ކަމަށް ބުނެ ބައްޕަގެ ބޮލަށް ޖެހީއެވެ.

މާޒީވެދާ ކޮންމެ ދުވަހަކީ މަންމަގެ އެހީތެރިކަމެއް ލިބޭނެ ކަމުގެ އުއްމީދު ކުރެވޭ ދުވަހެކެވެ. ބައްޕަގެ ބުރަ މަސައްކަތުން ލިބޭ އާމުދަނީ އިން އަހަރެންގެ ކަންކަން ބެލެހެޓުމުގައި ސަކުވާއެއް ނެތި އުފުއްލާ ބުރަ މަންމަ އަށް އިހުސާސް ވެސް ނުކުރެވޭނެކަން ޔަގީނެވެ. ރަށުން ތައުލީމު ލިބެން ހުރި ފެންވަރަށް ތައުލީމް ހޯދުމަށްފަހު އަބަދުވެސް ކުރިޔަށްދާން ބޭނުންވާ ދައިރާއިން ކުރިޔަށް ދިއުމަށް އެ ފަންނުން ކިޔެވުމަށްޓަކައި އުފަންވި ފަސްގަނޑު ދޫކޮށް މާލެ އަށް ބަދަލުވީ ރަށާއި ދުރުގައި އުޅެން ހިތް އެދޭތީކީ ނޫނެވެ. އަހަރެންގެ ކުރިމަގަށްޓަކައެވެ. ގްރެފިކްސް ގެ ދާއިރާއިން ކިޔެވެން އޮތް އެންމެ މަށްޗަށް ކިޔަވާ ނިންމާލުމަށްފަހު އެނބުރި ރަށަށް އާދެވުނު އިރު ދިރިއުޅުނު ގެ ވަނީ ވީރާނަވެފައެވެ. އެގޭގައި އަހަރެންނާއި އެކު ދިރިއުޅުން މާމަ މި ދުނިޔެއާއި ވަކިވެ ދިޔައީ އަހަރެންގެ އިމްތިހާން ދުވަސްވަރުއެވެ. މާމަގެ މޫނު އެންމެ ފަހު ފަހަރަށްވެސް ދެކިލުމުގެ ނަސީބު ލިބިގެން ނުދިއުން އެއީ ތަގުދީރުގައި ލިޔެވިފައިވި ގޮތް ކަމުގައިވީއެވެ.

ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެދާނެ ކަމުގެ ބިރު ހީވިޔަސް މަންމަ ގެ ކިބައިން އެހީއަކަށް އެދެން ބޭނުމެއް ނޫނެވެ. މަންމަ ދެކެ ލޯބި ނުވަނީކީ ނޫނެވެ. މަންމަ ގެ ދަރިއެއް ކަމުގައި ވިޔަސް އެކަން ގަބޫލު ކުރަން މަންމަ ބޭނުން ނުވެދާނޭ ހިތަށް އަރާފައި މަންމަ ގާތަށް ދާން ޖެހިލުންވަނީއެވެ. ދެންވެސް ހުރި މީހަކީ ބައްޕައެވެ. މިއަދު ބައްޕަ ވެސް އިތުރު ކައިވެންޏެއް ކޮށް ދިރިއުޅެމުން ދަނީ ދޮންމަންމަ ގެ ރަށުގައެވެ. އެތަނުގައި އަހަރެންނަށް ހިތްހަމަޖެހުމެއް ނެތެވެ. ބައްޕަގެ ލޯބި ނުލިބޭނީތީއެއް ނޫނެވެ. ދިރިއުޅެންޖެހޭނެ ހާލަތު އިހުސާސްވާތީ އެތަނަށް ދާން ހިތް ނޭދެނީއެވެ. ކުޑަ ކުޑަ ގެއެއްގައި ބައްޕަ އާއި ދޮންމަންމަގެ އާއިލާ ދިރިއުޅޭ ތަނަކަށް އަހަރެން ގޮސްފިނަމަ ނުކުމެދާނެ މައްސަލަތަކެއް ހުރެދާނެތީއެވެ.

ރަށް ދޫކޮށް މާލެ ބަދަލުވާން ތައްޔާރުވަމުންދާ، ބައްޕަފަރާތު ބޮޑުދައިތަ ކިބައިން އެހީތެރިކަމަށް ފުރަތަމަ ފަރަށްވެސް އެދެން މަޖުބޫރުވީއެވެ. ރަށު ސުކޫލުއިން ލިބިފައި އޮތް ވަޒީފާ ގެއްލެން ބޭނުން ނުވާތީއެވެ. ބޮޑުދައިތަ ދިން ހިޔާލަށް އަމަލުކުރަން ޖެހިލުންވެ ހުރެ މަންމަ ގާތަށް ދިޔައީ ތެޅިތެޅި އޮތް ހިތަކާއިގެންނެވެ. މަންމަ އަކީ ރުންކުރު ޒީލަތްގަދަ އަންހެނެކެވެ. އިތުރު ކައިވެންޏެއް ކޮށްގެން ފިރިމީހާގެ ގޭގައި އުފަލާއި ހިތްހަމަޖެހުމުގައި ދުވަސްތައް ވޭތުކުރަމުންދާއިރު މަންމަގެ މި ދަރިފުޅު ކޮބައިތޯ އެއްފަހަރު ވެސް ބަލައި ނުލައެވެ. އުމުރުން ވިހި އަހަރު ވީއިރު އެންމެ ފަހުން މަންމަ ފެނުނީ ވެސް އުމުރުން ބާރަ އަހަރުގައި ސުކޫލުން އަންގައިން ބައްދަލުވި ދުވަހެއްގައެވެ. ސަލާމް ގޮވާލުމުން ގެއިން ނުކުމެގެންއައި އަންހެން މީހާ އަށް ރަނގަޅަށް ނަޒަރު ހިންގާލީމެވެ. އެއީ ހަމަ އަހަރެންގެ މަންމަ ބާއެވެ. މިހާރުގެ ޒުވާން އެންހެން ކުދިން ފަދައި ބާރު ޖީންސަކާއި ޓޮޕް ކޮޅެއް ލާފައި ހުރި އިރު މޫނުމަތީގައި އެންމެ ރުލެއް ވެސް ފެންނާކަށް ނެތެވެ. ބޮލުގައި ހުދު އެންމެ އިސްތައްޓެއްވެސް ނެތީއެވެ. އުމުރުން ސާޅީސް އަހަރު ވެފައި ހުއްޓަސް ބަލާ މީހަކަށް އެވަރު ބުނެލާން ވެސް ނޭނގޭހައި ޗާލު މޭކަޕެއްގެ ފަރުދާގައި ފޮރުވިފައި އެވަނީ ހަމަ އަހަރެންގެ މަންމައެވެ. މަންމަ ފެނުމުން ލަދުގަތަސް އަހަރެންގެ ފަރާތުން އެކަމެއް ނުދައްކަމެވެ. ބޭނުންވެގެން އައި ކަންތައް ނުވެދާނެތިއެވެ.

މަންމަ ގާތަށް އަންނަން ޖެހުނީ ކީއްވެކަން މަންމަ އަށް ތަފްސީލް ކޮށްދިނީމެވެ. އެތަށް އާދޭހަކަށްފަހު ސަރުތެއް ކުރުވާފައި މަންމަ ގާތު ބެހެއްޓުމަށް އެއްބަސްވިއެވެ. ކޮންމެ މަހަކު ދެހާސް ރުފިޔާ ދައްކައިގެން ކުއްޔަށް ހުރެވިދާނެ ކަމުގައި ބުނުން ވެގެންދިޔައީ އަހަރެންގެ ހިތް އިތުރަށް ނުތަނަވަސް ކުރުވި ކަމެކެވެ. މަންމަގެ ދަރިއަކަށްވެހުރެ ކުލީގެ އަޅަކަށް ވުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އެޔަށްވުރެ ކުޑަ އަގެއްގައި ވެސް އެހެން ތަނެއް ރަށުން ލިބިދާއެވެ. މަންމަ ހުއްޓަ ކުއްޔަށް އެހެންތާކު ދިރިއުޅުން އެއީ ރީތި ގޮތެއް ކަމުގައި ނުވާތީ މަންމަ ގެ ނިންމުމަށް އިހުތިރާމް ކުރީމެވެ. ކޮންމެފަދަ ހާއްލެއްގައި ވިޔަސް މަންމަގެ އޯގާތެރިކަން ކޮންމެވެސް ދުވަހަކުން ލިބިދާނެކަމަށް އުއްމީދު ކުރީމެވެ. އަހަރެންގެ ކުށަކީ ކޮބައިކަން ނޭނގުނަސް ހަޔާތުގެ ހުޅުކޮޅު އަހަރެންގެ ދެ އަތުން ނިއްވައެއް ނުލާނަމެވެ. އާއިލާ ރޫޅިފައިވި ކޮންމެ އާއިލައެއްގެ ވެސް ހާލަތަކީ މިއީބާއެވެ. މިނޫން ދިރިއުޅުމެއް އަހަރެން ފަދަ ކުދިންނަށް ނެތީބާއެވެ.

ޚިޔާލު ފާޅުކުރައްވާ