Follow us on
1433 ގެ އަޟްހާ ޢީދުގެ ހަނދާންތައް. އެ ޢީދު އަލުން އަނބުރާ ގެންނަން ބޭނުން!
| އަޙުމަދު އަނަސް

އަވަށު ފޭސްބުކު ޕޭޖުގައި ޢީދަށް ތައްޔާރުވާ ފޮޓޯތައް ޝެއަރ ކުރުން ފެށުމާއެކު އަހަރެންގެ ހިތަށް އަންނަނީ މީގެ އެތައް އަހަރެއް ކުރީގެ ހަނދާން ތެކެކެވެ. އެއީ އަހަރެން ވަރަށް ކުޑައިރުގެ ހަނދާންތަކެކެވެ. އެހެނަސް އެ ހުރިހާ ކަމެއްވެސް އިއްޔެ ހިނގާ ދިޔާ ކަންތައްތަކެއް ހެން ހަނދާނުގައި އެބަހުއްޓެވެ. އެ ހަނދާންތަކަކީ ހަމަ ޔަގީނުންވެސް އަހަރެންގެ ހިތުން އެހާ ފަސޭހަފައިން ފިލައިގެން ދާނޭ ވާހަކަތަކެއް ނޫނެވެ. މިއަދި މި ހިއްސާ ކޮށްލަނީ 1443 ވަނަ އަހަރު (2012 ވަނަ އަހަރު) އަޟްހާ ޢީދުގައި އަހަރެންގެ ތަޖުރިބާއެވެ.

ޢީދުގެ ވާހަތައް ދައްކަން ފެށި ހިސާބުން އެންމެ ފުރަތަމ ފެނުނީ ތަފާތު މަންޒަރެކެވެ. އަހަރެން އެންމެ ކުޑަ އިރުއްސުރެ އެދި އެދި ހުރި ކަމެއްގެ ފެށުމެވެ. އަވަށަށް ޚާއްސަ ޓީވީ ޗެނަލެއް އުފެއްދި ތަނެވެ. އޭރު ޓީވީ ދޫކޮށްފައި ހުންނަނީ އަވަށުގެ ވަކި ހާއްސަ ކޯޕަރޭޝަނަކުން ކަމަށް ވުމާއެކު ޓީވީ ޗެނަލެއް ދޫކުރުމަކީ އެކަން ކުރި މީހުނަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އަވަށާއި، ޢީދާއި ބެހޭ އެތަކެއް މަޢުލޫމާތު ތަކެއް އެ ޗެނަލުން ދައްކަމުން ދިޔައެވެ. ގިނަ ވަގުތުތަކެއް ޚުދު އަހަރެންވެސް އެ ޗެނަލް ބަލަން ހޭދަކުރަމެވެ.

ޢީދަށް ތައްޔާރުވަމުން ދިޔައިރު ފެނުނީ އެއްކަލަ ނަމޫނާ “ފޮނަދޫ ބަރާސިލް” އަވަށުގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ. ކުޑެއް ބޮޑެއް ނުބަލާ އެންމެ އެކުގައި ނިކުގެ ޢީދައް ތައްޔާރީތައް ވަމުން ދިޔަ މަންޒަރެވެ. އަހަންނަށް މި މަންޒަރުތައް ފެނި އާޝޯހެއް ނުވިއެވެ. ސަބަބަކީ އެކުވެރިކަމާއެި އެއްބައިވަންތަކަމަކީ ބަރާސިލް އަވަށު ޒުވާނުން އަަބަދުވެސް ދައްކަމުން އަންނަ މަންޒަރަކަށް ވާތީއެވެ.

ޢީދު ކައިރިވަމުން އައި ވަރަކަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކޮށް، ސްޕޮންސާ ހޯދާ، އަވަށް ގުރޫޕުތަކަށް ބަހާ، ކުޅިވަރުތައް ރާވާ، އީދު ކުޅިވަރުތައް ކުޅޭނޭ ސަރަހައްދު ތައްޔާރުވަމުން ދާކަނަށް އަވަށު ޓީވީ ޗެނަލް، ބައްރު ހެލްޕްލައިނުން ގޮވަމުން ދާތީ، އަވަށުގެ އެންމެނަށް އެކަންކަން އެނގެމުން ދެއެވެ. ޢީދުގައި ކުރިޔަށް ގެންދާނޭ ހަރަކާތްތަކުގެ ވާހަކަތައް ދައްކަން ފެށި ހިސާބުން އަހަންނަށް އެނގެންފެށީ އަލަށްވެސް އަދީ ނޭނގޭ އެތައް މަޢުލޫމާތު ތަކެވެ. މި ފަހަރުގެ ޢީދުގައި “ޢީދު ވެދުމާ ދިޔުން” އޮންނާނެޔޭ ބުނުމުން އެއީ ކޮންބަޔަކު ކިހިނެއް ކުރާ ކަމެއް ކަން އަހަންނަކަށް ނޭނގެއެވެ. އުޟްހިޔާ ކަތިލާ ވާހަކަ ބުނުމުން ނުހަނު އުފާވިއެވެ. ސަބަބަކީ އޭގެ ކުރިން އަދި ދުވަހަކުވެސް ބަކައްޓެއް ކަތިލި މަންޒަރު އަހަންނަށް ފެނިފައި ނުވާތީއެވެ. ޢީދު ކޮށި އެޅި ވާހަކައާއި، ވަށާނާ، ދިގުދަނޑި، އަދި ތެއްލަ ކުޅޭ ވާހަކަތައްވެސް އަހަންނަށް ވެގެން ދިޔައީ މުޅިން އާ ވަހަކަތަކަކަށެވެ.

1433 ވަނަ އަހަރުގެ އަޟްހާ ޢީދައް ތައްޔާރުވަނީ | ވީޑިޔޯ: ބައްރު ހެލްޕްލައިން:-

ޢީދު ދުވަހަށް ދެ ދުވަހަށް ވީ ހިސާބުން، ޢީދު ދުވަހުގެ ހެނދުނުގެ ސައި، އަވަށު އެންމެނ އެއް ތަނެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދު ތައްޔާރުކުރަން ފަށައިފިއެވެ. އެ ސަރަހައްދު ހިޔާކުރަން ފަށައިފިއެވެ. “ބައްރު ހެލްޕްލައިން” އިން އެ މަންޒަރުތައް ގެންނަން ފަށައިފިއެވެ. “އެއް އަވަށެއް، އެއް އަޑެއް، އެއް ރައްޔިތެއްް. ބަރާސިލް އެކުވެރު ރައްޔިތުން.” މިހެން ކިޔާ އަޑު އެ ޗެނަލުން މެދު ނުކެނޑެއެވެ.

ހައްޖު ދުވަހު އިރު އެރުމާއެކު ޢީދު ޝެޑިއުލް އާންމު ކޮށްފިއެވެ. ޢިދު ފެށުން މިއޮތީ “ބޮޑުބޭ ރޮއެކުރުމުން” ނެވެ. އެއަށްފަހު އީދު ދުވަހު ހެނދުނު އީދު ނަމާދަށްފަހު ދެން މިއޮތީ މި ބުނާ “ޢީދު ވެދުމާ” ދިޔުމެވެ. އެންމެ ފުރަތަމަ އިވެންފެށީ ލަވައިގެ އަޑެވެ. “އަޟްހާ ޢީދުގެ ވެދުމާއި ސަލާމް ފޮނުވާ އުފަލުން…” މަންޒަރު ފެންނަންފެށީ މާފަހުންނެވެ. ކުރީގައި ރަށު މެޖިސްޓްރޭޓް ބަހައްޓާ، ކުޑަޔަކުން އޭނާ ހިޔާކޮށް، ސިލޭރި ހިފައގެން ތިބި ދެ ބަދަވީން ދެފަރާތުގައި ތިބެގެން، ބެރުޖަހާ ލަވަކިޔާފައި އިއްޒަތުގައި އޭނާ ގޮވައިގެން އެ އަންނަނީއެވެ. އަވަހަށް އަހަރެންގެ އަތުގައި އޭރު އޮތް ވީޑިޔޯ ކުރެވޭ ފޯނުން ނެގުނު ވަރަކަށް ވީޑިޔޯ އާއި ފޮޓޯނަގަމުން އަހަރެން ދިޔައިމެވެ. މިފަދަ މަންޒަރެއް މިފެނުނީ އަދަ އަލަށް ކަމަށްވުމުން އަހަންނަށް މާ ރަނގަޅަށް އޭރު އަދި ވާނުވާ އެއްވެސް ނޭނގެއެވެ. އޭނާ ކުރި ކަމަކީ އައިސް އެންމެނަށް ޢިދު ކުޅުމަށް ހުއްދަ ދިނީއެވެ. އަދި އެއަށްފަހު އެންމެން އެކުގައި އެ ދުވަހުގެ އެ ބޮޑު ސައި ފެށިގެން ދިޔައެވެ.

1433 ވަނަ އަހަރުގެ ޢީދު ވެދުމާ ދިޔަ ވީޑިޔޯ:

ޢީދު ތެރޭ ކޮންމެ ރެއަކުވެސް ސްޓޭޖް ޝޯތައް ކުރިޔަށް ދިޔައެވެ. ލަވަކިޔާ، ނަށާ ހަދަމުން ދިޔައީ ހަމަ އަވަށަށް ނިސްބަތްވާ މީހުންނެވެ. އެކި އެކި ހަރަކާތްތަށް ހުށަހަޅަމުންދިޔައީ ފަހަރަކު ގުރޫޕަކުން ހަރަކާތެކެވެ. އޭރުގެ ސްޓޭޖް ޝޯތަކުގެ ވީޑިޔޯތައް މިއަދު އަހަރެން ބަލާލުމާއެކު ހަމަ ހަގީގަތަށްވެސް ލޮލުން ކަރުނަ އައެވެ. އެ ސަބަބުތައް އަދި މި ލިޔުމުގެ ފަހުކޮޅުގައި ކިޔާދިނުމުގެ އުންމީދުގައި ކުރިޔަށް ދާނަމެވެ.

1433 ވަނަ އަރުގެ ޢީދު ސްޓޭޖް ޝޯއެއްގެ ތެރެއިން:

ކޮންމެ ޢީދު ދުވަހެއްގެ ހަވީރު، އަވަށުތެރެ ފަޅުފިލުވާދެނީ އަވަށު ލަނގިރި ގުރޫޕުގެ ރީތި ނެށުންތަކުންނެވެ. އައްޅޮބޭގެ “ކަލާގެ އަސަރުގާ” އާއި، ލަނގިރި ޖަހަންތިބޭ ފިރިހެންވެރުން އެ ހަދާލަ ކުޅި ފެނިފައި ކޮންމެ މީހަކުވެސް އާޝޯހުވާނެއެވެ. ދަފި ނަގާ މަންޒަރު ފެންނަ މީހާ އިހުގެ މާޒީއަށް ދެވުނުހެން ހީވާނެއެވެ. އެެހެނަސް ހިތާމައަކީ މިހާރު ޢީދުގައި ލަނގިރި ޖެހުންވެސް މިއޮތީ ހުއްޓިފައެވެ. މިއަހަރުގެ ޢީދުގައިވެސް ލަނގިރި ޖަހާތަން ދެކެން އަހަރެން ބޭނުނެމެވެ. އެހެނަސް އެއީ ވާނެ ކަމެއް ނޫންކަން ޔަގީނެވެ.

1433 ވަނަ އަހަރުގެ އަޟްހާ ޢީދަކީ ހަމަ ޔަގީނުންވެސް އެތައް އާ ކަމެއް ފެނިގެން ދިޔަ ޢީދެކެވެ. ޢިދު ވެދުމާއި ދިޔަތަން އަލަށް ފެނުނީ އެ ޢީދުގައެވެ. އިހުގެ ކުޅިވަރުތައް އެނގިގެން ދިޔައީ އެ ޢީދުގައެެވެ. އެންމެ ފުރަތަމަ ކޯޑި ކެނޑިތަން ފެނުނީ އެ ޢީދުގައެވެ. އަވަށުގެ އެކުވެރިކަން އެންމެ ފުރިހަމައަށް ފެނިގެން ދިޔައީ އެ ޢީދުގައެވެ. ނުވިތާކަށް “ބޭ އެރުން” މާލި ވާހަކައެއްގެ ގޮތުގައި ޞަގާފީ ގޮތަކަށް ކުރިޔަށް ގެންދިޔައީ އެ ޢީދުގައެވެ.

1433 ވަނަ އަހަރުގެ ޢީދުގައި ކުޅެވުނު މާލި ވާހަކަ | ވީޑިޔޯ: ރިކާޒް ސްޓޫޑިޔޯ:

1433 ވަނަ އަހަރުގެ އަޟްހާ ޢީދުގައި ލ.ފޮނަދޫ ބަރާސިލް އަވަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އުފާވެރި މަންޒަރެކެވެ. ކުޑަ ކުއްޖަކަސް ބޮޑު މީހަކަށް، މަހުޖަނަކަސް ފަގީރަކަސް ކޮންމެ ޕާޓީއަކަށް ތާއީދުކުރާ ކޮންމެ ފިކުރެއްގެ މީހަކަސް އެންމެ އެކުގައި ނިކުމެ ހީ، މަޖާކޮށް ޢީދު ފާހަގަކުރި މަންޒަރެވެ. އެހެނަސް މިއަދު މިކަން މިވަނީ ބަދަލުވެފަައެވެ.

އެންމެ ފަހުން ފާހަގަ ކުރި ފިޠުރު ޢީދުވެސް އެ ނިމިގެން ދިޔައީއެވެ. އޭރު، 1433 ވަނަ އަހަރުގެ ފެނުނު ވަރުގެ އެއްބައިވަންތަކަމެއް ނުފެނުނީ ކީއްވެގަން ބާއޭ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ. މިއަދު މި ފެންނަނީ އޭރު އެ ފެނުނު މީހުން ނޫންބާއޭ އަހަރެންގެ ހިތަށް އަރައެވެ. އޭރު ނެތް ފެންވަރެއް މިހާރު ލިބިފައިވީ ނަމަވެސް، ނުވަތަ ސިޔާސީގޮތުން ފިކުރު ތަފާތުވީ ނަމަވެސް، “އެއް އަވަށެއް، އެއް އަޑެއް، އެއް ރައްޔިތެއްް. ބަރާސިލް އެކުވެރު ރައްޔިތުން.” ގެ އަޑު މަޑުވެގެން މިދަނީ މިފަދަ ސަބަބުތަކާއި ހުރެ ނޫންހެއްޔޭވެސް ހިތަށް އަރާ، ފައިބަމުން ދެއެވެ. މިއަދު ޢީދު ކުޅޭއިރު މި ފެންނަނީ ވަކި ބައެކެވެ. ބާކީ ތިބި މީހުން ޢީދު ކުޅިވަރުގައި ބައިވެރވާން ނިކުންމަ މަންޒަރު ނުފެންނަނީ ކީއްޗެގެން ހެއްޔެވެ؟

އަހަރެން އެދެނީ އަދި އެއްފަހަރު 1433 ގެ އަޟްހާ ޢީދު އެނބުރި އަންނާށެވެ. ސްޓޭޖް ޝޯތަކުގައި ނެށި މީހުންގެ ހަރަކާތްތައް ފެންނާށެވެ. ލަނގިރިއާއި ބޮޑުވެރު ޖަހާ މަންޒަރު ބަލާލާށެވެ. ޢިދު ވެދުމާއި ދާތަންވެސް ދެކިލާށެވެ. ކޯޑި ކަނޑާ، މާލި އަރާތަންވެސް ދެކި، އަދި އެއްފަހަރު އިހުގެ އެ ޢީދު ތަޖުރިބާ ކޮށްލާށެވެ. ޢީދުގައި އޭރު ފެނުނު މޫނުތައް މިއަހަރުގެ ޢީދުގައި ފެންނާނެކަމީ އަހަރެންގެ ވަރަށް ބޮޑު އުންމީދެކެވެ.

ޚިޔާލު ފާޅުކުރައްވާ