Follow us on
އިނާމްތަކަކާއެކު ލާމުގެ އެންމެ މޮޅު ފޮޓޯ ގްރާފަރ ހޮވަނީ
| އަޙުމަދު އަނަސް

ލާމު އަތޮޅު ޕްރަމޯޓް ކުރުމަށް ހަރަކާތްތެރިވާ ވިޒިޓް ލާމު އާއި ލާމު އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ސިކްސް ސެންސަސް އިން ހިންގަމުން އަންނަ މޯލްޑިވްސް އަންޑަރވޯޓަރ އިނިޝިއޭޓިވް އާއި ގުޅިގެން ލާމު އަތޮޅުގައި ފޮޓޯ ގްރަފީ މުބާރާތެއް ފަށައިފިއެވެ.

“ފާނޫޒް” އަށް މަޢުލޫމާތު ދެމުން ވިޒިޓް ލާމު އިން ބުނެފައިވަނީ މިމުބާރާތަކީ ލާމު އަތޮޅުގެ ރީތިކަން ފޮޓޯތަކުން ދައްކަމުން އަންނަ ފޮޓޯ ގްރާފަރުންނަށް އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ހިންގާ ހަރަކާތްތެއް ކަމަށެވެ.

ޖުމްލަ 4 ދާއިރާއަކުން އެއްވަނަ ހޮވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުށަހަޅާލާފައެވެ. މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު އެކި ފަންނު ތަކުގެ ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެެވެ. މިމުބާތުގައި 4 ހޮވުމަށް ހަމަޖެހިފައިވަނީ، ހުރިހާ ގޮތަކުން އެންމެ ރީތި ފޮޓޯ ނަގާ ފޮޓޯ ގްރާފަރަކަށް “ލާމު ފޮޓޯ ގްރަފަރ އޮފް ދަ އިޔަރ” އާއި ތާރީޚީ ފޮޓޯ ނެގުމަށް އެންމެ މޮޅު ފޮޓޯ ގްރާފަރަކަށް “ލާމު ކަލްޗަރަލް ފޮޓޯގްރާފަރ އޮފް ދަ އިޔަރ” ގްރާފަރާއި ޤުދުރަތީ ރީތިކަން ދައްކައިދޭ ފޮޓޯ ނެގުމަށް އެންމެ މޮޅު ފޮޓޯ ގްރަފަރަކަށް، “ލާމު އެންވައިރޮމެންޓަލް ފޮޓޯގްރާފަރ އޮފް ދަ އިޔަރ” އެވެ. އަދި ޒުވާން ފޮޓޯ ގްރާފަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން، “ލާމު ޔޫތް ފޮޓޯ ގްރާފަރ އޮފް ދަ އިޔަރ” އެވެ.

މިމުބާރާތުގައި ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް ލާމު އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ މި މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުންނެވެ. ރަށްރަށަށްކުރާ ދަތުރުގައި ރަށްރަށުގައި ހުންނަ އާޘާރީ ތަންތަނުގެ ފޮޓޯ ނެގުމާއި މީހުންނާއި ތަންތަނުގެ ޕްރަފައިލް ނެގިގެންދާނެއެވެ. އެހެންކަމުން އޭގެން ފޮޓޯގުރާފަރުންނަށް ތަފާތު ފުރުސަތު ފަހިވެގެންދެއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ 1 ސެޕްޓެންބަރ 2019 ވަނަ ދުވަހާ ހަމައަށެވެ. އަދި މިމުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ 14 ސެޕްޓެންބަރ 2019 ވަނަ ދުވަހު ބާއްވާ ލާމު ޓާޓަލް ފެސްޓިވަލްގެ ތެރެއިންނެވެ. ނަމަވެސް 7 ސެޕްޓެންބަރ ވަނަ ދުވަހު ވަނަތައް ލިބުނު ފަރާތަކަށް އެކަން އެކަން އަންގާނެއެެވެ. މުބާރާތުގެ ޤަވާޢިދުތަކާއި މުބާރާތާއި ގުޅޭ އެހެނިހެން މަޢުލޫމާތު ވިޒިޓް ލާމުގެ ވެބްސައިޓުން ލިބޭނެއެވެ.

ވިޒިޓް ލާމު ވެބްސައިޓް

ޚިޔާލު ފާޅުކުރައްވާ