Follow us on
މާޔޫސްކަމުގެ ބަލި: ހީކުރާ ވަރަށްވުރެ ބޮޑު ވޭނެއް!
| އައިޝަތު އަހުނާ

“އޭނާއަކަށް ނުނިދެއެވެ. އުނދަގޫތަކެއް ވަނީއެވެ. ހިތް ނުތަނަވަސް ވަނީއެވެ. ކޮޓަރީގެ ފާރުތައް އައިސް އޭނާ ފިއްތާލާހެން ހީވެއެވެ. ނިދުނަސް ހޭލެވޭއިރު ގައިގައި ވަރެއް ނުހުރެއެވެ. މުޅިދުވަހުމެ ވަރުބަލިކަން އިހްސާސްވެއެވެ. ކުއްލިކުއްލިއަށް ނޭވާއަށް އުނދަގޫވެއެވެ. އަބަދުވެސް ފަހަތުގައި މީހަކު އުޅޭހެން ހީވެއެވެ. ވަޅިއެއް ފުރަގަހުން ޖަހާހެން ހީވެއެވެ. ބޮލުގައި އެއްޗަކުން ޖަހަން އުޅެހެންވެސް ހީވެއެވެ. އެކަނިވުމުން އެތެރެ ހަށިން ވާހަކަ ދައްކާހެން ހީވެއެވެ. އަމިއްލަ ނަފްސު ހަޅޭއްލަވާ ރޯހެން ހީވެއެވެ. ކެއުންމަތިން ފޫހިވެފައެވެ. މީހުންނާ ވާހަކަ ދައްކާ އުޅެން ފޫހިވެއެވެ. މީހަކު ތަންކޮޅެއް ބާރަށް ވާހަކަ ދެއްކިޔަސް ބޮލަށް އުނދަގޫވެއެވެ. މަގުމައްޗަށް ނިކުތުން ބުރައެވެ. ވާނުވާއެއް ނޭނގި ރޮވެނީއެވެ. އަބަދުވެސް ހިތުގަ ޖެހިފަ ކަހަލަ އިޙްސާސެކެވެ. ބޮލަށް އެޅިގަލެއް ލައިގެން އުޅެވޭހެންވެސް އޭނާއަށް ހީވެއެވެ. ދުނިޔެ މަތިން ފޫހިވެފައެވެ. މިވޭނުގައި އުޅުމަށްވުރެ މަރުވުންވެސް މާރަނގަޅޭ އޭނާގެ ހިތަށް އަރައެވެ.”

މިކިޔަނީ “މޭޖަރ ޑިޕްރެޝަން އާއި އެންޒައިޓީ އަދި ޑެލޫޝަން” ތަޙައްމަލް ކުރާ ކުއްޖެއްގެ އިޙްސާސްތަކެވެ. އޭނާ ދައްކާ ވާހަކަ ގިނަމީހުންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެބައްޔަކީ ބައްޔެއްކަން ގިނަ މީހުން ގަބޫލުކުރާ ބައްޔެެއްވެސް ނޫނެވެ. އަމިއްލައަށް ވެގަނެގެން އުޅޭ ގޮތެއް ނޫންކަން ކިޔައިދިނަސް އަޑެއް ނާހައެވެ. ގިނަ މީހުންނަށް އެއީ ސަކަރާތެކެވެ. ބަލާލާނެ ކުޅިއެކެވެ. ޑްރާމާއެކެވެ. ހީއެކެވެ. ނޫނެކެވެ. މިއީ ނަފްސާނީ ބަލިމަޑުކަމެވެ.

ހެޔޮނުވާނެއެވެ. މީ މަޖަލެއްނޫނެވެ. މަޖަލަށްކަމަށް ހަދާ ހިތައް އަރާހާއެއްޗެއް އެވޭން ތަހައްމަލްކުރާ މީހުންނާ ދިމާލަށް ނުބުނާށެވެ.

“ތިއުޅުން އަދިވެސް ދޫކޮށްލާކަށް ނުވޭތަ؟”. “ތި ހުރިހާކަމަކީވެސް ތިބާގެ ބޮލުގައިހުރި ޙިޔާލުތަކެއް”. “އަހަރެން ހީކުރީ ތިއައީ މިއަށްވުރެއް ހިއްވަރުގަދަ މީހެއްކަމަށް”. “ތިކަން ދެން ދޫކޮށްލާ، އަހަރެމެން އެންމެނަށްވެސް ޙަޔާތުގައި އުނދަގޫތަކާއި ކުރިމަތިވޭ”. “ހަޔާތުގައި ކަންކަން ހަމަހަމަ ވާނެއެކޭ އެއްވެސް މީހަކު ނުބުނޭ”. “ތަންކޮޅެއް ބޮޑެތިމީހުން އުޅޭހެން އުޅެންވެއްޖެނު؟”. “އުފާވެރިކަމަކީ ތިމާ އަމިއްލައަށް އުފެއްދޭނެ ޙިޔާލުތަކެކެވެ.” ތިކަހަލަ ބަސްތައް ތިބުނަނީ އެއިޙުޞާސް ނޭނގޭތީއެވެ.

އޯގާތެރިވާށެވެ. އެޙާލަތުގައި ބޭނުމީ ނަސޭޙަތްދޭނެ އަނގައެއް ނޫނެވެ. އިޙްޞާސްތައް އަހާނެ ކަންފަތެކެވެ.

ޚިޔާލު ފާޅުކުރައްވާ