Follow us on
ޚާއްސަ ވެދޭށޭ
| އައިޝަތު އަހުނާ

“މައިބަދަ ބަޅުވެފައެވެ. އޭނާއަށް ގިނައިރު އިށީންދެ އިނުން ޑޮކްޓަރ ވަނީ މަނާކޮށްފައެވެ. އެއްފަޔަށް ކުރެވެ. ހިނގޭ ގޮތުން އުކުޅު ކަށިގަނޑު ގޭނިގޭނި ތުނިވެފައެވެ. ދުރަށް ހިނގުން ވަނީ މަނާކޮށްފައެވެ. އެކަށިގަނޑު ބިނދިދާނެތީއެވެ. އިސްދަށަށް ޖަހައިގެން 30 މިނެޓަށްވުރެ އިނުންވެސް މަނަލެވެ. މައިބަދައިގެ 5 ޑިސްކު ހަލާކުވެފައެވެ. އުފެދުމުގައި ގައިގެ އެކި ކަށިތަކަށް އެކިގޮތްގޮތްވެފައެވެ. އެހެނަސް މައިންބަފައިންގެ އަތުން އެންމެ ކުޑަމިނުން ރާސްޓަސްއެއް އަޅަންވެސް ރުފިޔާއެއް ނުހޯދައެވެ. ފަތިސްނަމާދުން ދުވަސް ފަށާގޮތަށް އިރުއޮއްސި 7 ކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެއެވެ. އެއްވެސް އޮފީހަކަށް ނުދެއެވެ. ބަލިހާލަތައް ވިސްނާފައެވެ. މަސައްކަތް ކުރަނީ ގޭގައިނދެއެވެ. ނަމަވެސް އޮފީހެއްގައި އިނދެ އަންހެންކުއްޖަކު ހޯދާ މުސާރައަށްވުރެ ރަނގަޅު އާމްދަނީއެއް ހޯދައެވެ.”

އާއެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ އަންހެންކުއްޖެކެވެ. ނަމަވެސް އާއިލާގެ ދޮށީ ދަރިއެއްގެ ޒިންމާ ނެގޭތޯ މަސައްކަތްކުރެއެވެ.
އަދިވެސް މިއަށްވުރެ ހާލުގައި އުޅޭކުދިންވެސް އެބައުޅެއެވެ. އެހެނަސް މިއަށްވުރެވެސް ހިތްވަރުގަދައެވެ. ވިސްނާލަބަލާށެވެ. ކޮންމެ ދަރިޔަކީވެސް ހަޤީގަތުގައިޤައުމަށް ނުހަނު ބޭނުންތެރި ދަރިއެކެވެ. މުޖުތަމައެއްގައި ނަމަ ތަފާތު އެތައް ވިސްނުމެއްގެ ތަފާތު އެތައް ބަޔަކު އުޅޭނެއެވެ. މިއިން ކޮންމެ މީހެއްގެވެސް ހައްޤުތަކެއްވެއެވެ. ކަންމިހެން އޮތްކަމުގައި ވީނަމަވެސް އެހެންމީހުންގެ ހައްޤުތަކަށް އަރިގަނެވެނީ މަދެއްކޮށެއްނޫނެވެ. މީގެ ސަބަބުން މުޖުތަމަޢުގައި އުޅޭ އެތައް ބަޔަކަށް ތަފާތު އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ނުކުޅެދޭ ކުދިންނަކީ މިފަދަ ބައެކެވެ. މިކުދިންނަށް އެތަށް ގޮތަކުން މުޖުތަމަޢުގައި އުޅޭއިރު ދަތިއުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ސަބަބަކަށް ވެފައިވަނީ މުޖުތަމަޢުގައި މި ކުދިންނަކީ ޤާބިލް ކުދިންތަކަކަށް ނުވުމުން، މުޖުތަމަޢު މި ކުދިން ބަލައިނުގަތުމެވެ.

ގުނަވަންތަ މީހެއްގެގޮތުގައި ދުޅަހެޔޮކަންމަތީގައި ދުނިޔެއަށް ފޮނުއްވުމަކީ އަރަހުށި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ނިޢުމަތެކެވެ. އެހެނަސް ބައެއް ގުނަވަން އުނިކޮށް ދުނިޔެއަށް އުފަންވާ ކުދިން މަދެއްނޫނެވެ.

ބަލިއެނދުގައި އުފަންވީއްސުރެ ގެންގުޅޭ ކުދިންވެސް އެބަތިއްބެވެ. ނެޕީ ނުޖައްސާ ނުގެންގުޅެވޭ ކުދިންވެސް އެބަތިއްބެވެ. އެކުދިންގެ ހިތްވަރުގަދަ މަންމައިންގެ ޙިދުމަތް ހައްދެއްނެތެވެ. އެއްއާއިލާއެއްގައި ޚާއްސަ އެހީއަށް ބޭނުންވާ އެއްކުއްޖަކަށްވުރެ ގިނަކުދިންވެސް އެބަ ގެންގުޅެއެވެ. އެކަމަކު ޝަކުވާއެއް ނެތިއެވެ. ލޯތްބާއި، އަޅާލުމާއި އޯގާތެރިކަމުގައި އިމެއްނެތެވެ. އެފަދަ މަންމައިންނަށް ޝުކުރު ހައްޤެވެ.

ނަމަވެސް ނުކުޅެދޭ ކުއްޖެއްގެ އިޙްޞާޞް ތައްސައްވަރުވެސް ނުކޮށްލެވޭ ކިތައް މީހުން އަދިވެސް މިރާއްޖޭގައި އުޅޭބާއެވެ؟ އެކުދިންނަށް ގޭތެރޭގައާއ ބޭރުތެރޭގައި އުޅޭއިރު އިތުރަށް އަޅާލުންދީ، އެކުދިން ބާކީނުކޮށް އެކުދިންގެ ހުނަރުތައް ދައްކާލުމަށްޓަކައި މުޖުތަމަޢުގެ އެންމެން އެއްބާރުލުން ދީ އެކުދިންނަށް ލޯބި ދިނުން މުޙިންމެވެ. އެހެންނަމަވެސް އެކުދިން ފެނި މީސްމީހުން ބަލާ އެކުދިން ލަދުގަންނަވާލައެވެ. އެކަހަލަ ކުއްޖަކު ފެނުމުން އެކުދިންނަށް އަޅާލުމުގެ ގޮތުން ދުވާރުމަތިން އެއްކައިރި ވެލަނީ ކިތައް ބޭފުޅުންތޯއެވެ؟

އެކުދިންގެ ފުރޮޅުލީ ގޮނޑި ގެއަށް ވައްދާ، ނެރެންވާ ތަނުގައި މީހުންގެ އުޅަދުތައް ޕާކުކުރަނީ ކިތައް ބޭފުޅުންތޯއެވެ؟ އެކަހަލަ ކުއްޖަކު ގޮވައިގެން މަގުމަތިން ހިނގާފައި ދާއިރު އެކުދިންނަށް ތަންދީ މަޑުކޮށްލައްވަނީ ކިތައް ބޭފުޅުންތޯއެވެ؟ ބޭރުފުށުން ނުކުޅެދުންތެރިކަން ފެންނަން ނުހުންނަ ކުދިންގެ ބައެއް ޢަމަލުތައް ހުންނަގޮތުން މީހުން މަގުމަތިންދާއިރުވެސް އެއްޗިހިކިޔާ ތަން މަދުން ނަމަވެސް ފެނުމަކީ ދެރަކަމެކެވެ.

އެންމެހައި އަފްރާދުން މި ކުދިންނަށްޓަކައި ތިމާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުން މުހިންމެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނޭ ދުލުން ބުނާހެން ޚާއްސަ ނަޒަރަކުން ދެކޭށެވެ. ޚާއްސަ އެހީވެދޭށެވެ!

ޚިޔާލު ފާޅުކުރައްވާ