Follow us on
‎‎އަހަރެންގެ ސުޕަރ ހީރޯ.
| އައިޝަތު އަހުނާ

އެއީ އަހަރެންގެ ރަސްގެފާނެވެ. އަހަރެންގެ ސުޕަރ ހީރޯއެވެ. އަހަރެން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އޮންނަ ހަމައެކަނި ފިރިހެނާއެވެ. މަންމަ އަހަރެންނަށް ބަލިވެ އިންކަން އެނގުނު ހިސާބުން މަސައްކަތް ފެށި ފުރަތަމަ މީހާއެވެ. ފިރިހެނަކަށްޓަކައި މިހިތުގައި ފުރަތަމަ ވިންދުޖެހީ އެރާޖާއަށްޓަކައެވެ.

އާއެކެވެ. ނުހަނު ލޯބިވާ ބައްޕައެވެ. ރޭގަނޑުގެ ފިންޏާއި، މެންދުރުގެ ގަދަ އަވީގައި ފޫއްސެއް ވަރުބަލިކަމެއްނެތި، ޤުރުބާން ވަމުންދަނީ އަހަރެންނާއި، ކޮއްކޮއާއި މަންމަގެ އުފަލަށްޓަކައެވެ. ކައިގެންބޮއިގެން ހިތްހަމަޖެހިގެން އުޅެވޭނެ މަގުކޮށާދިނުމުގައެވެ. ކިތަންމެ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވިޔަސް ދަރިން ކުރިމަތީ އެލޮލުން ކަރުނަ އޮހޮރާ ހަދާތަނެއް ނުދެކެމެވެ.

އެކަމަކު ޅެންވެރީންގެ ޅެންފޮތް ތައް ފުރުނީ، ވާހަކަ ލިޔުންތެރިންގެ ވާހަކަތައް ފުރިހަމަކުރީ މަންމަގެ ޚިދުމަތުގެ ވާހަކައިންނެވެ.
އާއެކެވެ.ބައްޕަގެ ނޫކަށި ފުރައިގެ ބުންވަރާ ރީތިކަމާ ޒުވާންކަން ފަސްދީ ހަށިގަނޑުގެ ހުރިހާ ހަކަތަ އެއް ހުސްކޮށް އެހަށިގަނޑު ވަރުބަލިވާން ފަށާފައި އެވަނީ ދަރިންގެ ހައްގު ގައެވެ. އެބައްޕަ ތިބާއަށްޓަކައި އެތައް ބުރައެއް އުފުލިއެވެ. އެދުވަހު ތިބާގެ ކަންތައްތަކުގައި ތިބާއަށް އެހީތެރިވުމަށް ﷲ އަށް ފަހު، ތިބާގެ މަންމައާއި ބައްޕަ ފިޔަވައި އެހެން މީހަކު ނެތެވެ.

އެކަމަކު ގިނަފަހަރަށް ބައްޕަގެ ޚިދުމަތް ދަރިންނަށް އިޙުސާސް ވާއިރު އެބައްޕަ ވާނީ ގޮވާލީމަ އަޑުނީވޭ، ޖަވާބުނުދެވޭ ވަރަށްވުރެ މާދުރުގައެވެ. މަންމައާއި ބައްޕައާއި ދެމީހުންނަށްވެސް ކިޔަމަންތެރިވެ އިޙުސާންތެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ހަމައެކަނި މަންމައެއް ނޫނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ޤުރުއާނުގެ އަލް އިސްރާ ސޫރަތުގައި، ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމަށް އެންގެވުމާއި ވިދިގެން މަންމައާއި ބައްޕައަށް އިޙްސާންތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. އަދި ލުޤްމާން ސޫރަތުގައި، އެއިލާހަށް ޝުކުރުވެރިވުމަށް އަމުރު ކުރެއްވުމަށް ކުރެއްވި އަމުރުފުޅާ ވިދިގެންވަނީ މަންމައާއި ބައްޕައަށް ޝުކުރުވެރިވުމަށް ކުރެއްވި އަމުރު ފުޅެވެ. ވީއިރު މަންމައަށް ލޯބިދޭފަދައިން ބައްޕަ އެލޯބިން މަޙުރޫމްނުކުރާށެވެ. ތިބާގެ ބައްޕަ ދުނިޔޭގައި ހުރިނަމަ ﷲ އަށް ޝުކުރުވެރިވާށެވެ. އަވަހަށް އެބައްޕައަށް ހެޔޮކޮށް ހިތާށެވެ.

ބައްޕަ ތިބާގެ އުންމީދުތައް ފުރިހަމަކޮށްދޭން ޤުރުބާން ވާފަދައިން އެބައްޕަ ތިބާކުރެން އެދެނީ ކޮންކަމެއްތޯ އަހާށެވެ. ދުނިޔޭގައި ނެތްނަމަވެސް ދެރަނުވާށެވެ. އެބައްޕަ މިއަދު ބޭނުންވަނީ އެބައްޕަގެ ލޮލުގެ ފިނިކަންކަމުގައިވާ ދަރިންގެ އިމެއްނެތް ހެޔޮދުއާއެވެ. ތިޔައީ އެބައްޕަގެ އެތައް އުންމީދަކާ ގުޅިފައިވާ ދަރިއެކެވެ. އެ އުންމީދުތައް ހަޤީޤަތަކަށް ހަދާދޭން އަތުކުރި އޮޅާލާށެވެ. ތިބާގެ “ސުޕަރ ހީރޯ” “ޕްރައުޑް” ކޮށްދޭށެވެ.👑

ޚިޔާލު ފާޅުކުރައްވާ