Follow us on
އަންވެއިލިން ވިޝަންސް އަށް މުސްތަފާ ކުރެހީ ފާހާނަ ތައްޓެއް!
| އަޙުމަދު އަނަސް

ނޭޝަނަލް އާރޓް ގެލެރީގެ ތެރެއަށް ވަތް އިރު ކުރިމަތިން ފެނުނީ ފާހާނަ ތައްޓެއްގެ ކުރެހުމެކެވެ. ރީނދޫ ކުލައިގެ ކުރެހުމެކެވެ. ކުރެހުމުން ފެންނަނީ ފާހާނާ ތައްޓެކެވެ. ފާހާނާ ފަށީގެ ތެރެއަށް ފޮތްތަކެއް އެޅެމުން ދެއެވެ. އެއިރު ފާހާނާ ތަށްތަށް ގުޅާފާއިވާ ހޮޅިން 1000/- ރުފިޔާގެ ނޫޫތައް ނިކުންނަމުން ދެއެވެ.

މި ދައްކަނީ އަންވެއިލިން ވިޝަންސް 2019 ގައި، ކުރެހުންތެރިޔާ މުސްތަފާ މުހައްމަދު ބައިވެރިކޮށްފައިވާ ކުރެހުމުގެ ވާހަކައެވެ. ކުލަޖައްސާއި ކުރެހުމަށް ވަރަށް ފަރިތައެވެ. މަންސަ ކުރެހުން (ޑިޖިޓަލް ޑްރޯވިންގ) އަށް ވެސް އޭނާ މޮޅެވެ. މީގެ އިތުރުން، އޮއިލް ޕެއިންޓިންގ، އެނިމޭޓިންގ، އަދި ގްރެފިކް ޑިޒައިނިންގެ މަސައްކަތްތަކީ އޭނާގެ ޖާދޫގެ ދެއަތުން ހުނަރާއެކު ކުރާ ކަންކަމެވެ. އެހެނަސް އޭނާ މި އެގްޒިބިޝަންގައި ފާހާނަ ތައްޓެއްގެ ކުރެހުން މި ބައިވެރި ކުރީ ކީއްވެގެންބާއޭ އޭނާގެ ގާތުގައި ސުވާލުކޮށްލީމެވެ.

މުސްތަފާގެ ކުރެހުމާއި ދޭތެރޭ ފުންކޮށް ވިސްނާލައިފިނަމަ ލައްކަ ގިނަ ކަންކަން ދޭހަވާނެއެވެ. ވިސްނައިފި މީހަކަށް ގިންގުނަ އިބުރަތްތަކެއް ލިބިގެން ދާނެއެވެ.

“ފޮތަކީ ހުރިހާ އެންމެންވެސް އޭގަ އޮންނަ އެއްޗެހި ގަބޫލުކުރާ، އެންމެންވެސް ޢިލްމު ހޯދާ މަސްދަރު. ކޮންމެ މީހަކުވެސް އުޅެންވީ ގޮތް އެންމެ ފަސޭހައިން މި އެނގެނީ ފޮތުން. ޤަވާއިދުތައްވެސް މި އޮންނަނީ ފޮތުގަ. ފޮތުގަ އޮންނަ ގޮތް ހަދަން ޖެހޭ އަސްލު އެންމެންވެސް”. މުސްތަފާ ކިޔާދިނެވެ.

މުސްތަފާ އިތުރަށް ބުނީ…….. “މި ފޮޓޯއިން މި ފެންނަނީ ފޮތްތަކުގެ ބޭނުން ނުކުރާ ތަން. ނުވަތަ އެހެން ގޮތަކަށް ބުނާނަމަ ފޮތްތައް ބޭކާރުކޮށްލާ މަންޒަރު. އޭގެ ބޭނުން ނުހިފާ، އޭގާ އޮންނަ ގޮތްގޮތަށް އަމަލު ނުކުރާ މަންޒަރު. އަދި މިޒަމާނުގައި މިހެން އަމަލު ކުރުމުން އެތައް ހާސް ލާރިއެއް އެބަ ލިބޭ. އެނގޭނޫންތޯ! ޤަވާއިދާ ޚިލާފަށް ކަންކަން ކުރާ މީހުން މިހާރުވެސް މާ މުއްސަންޖެއް ނޫންތޯ. މާ ގިނަ ލާރި އެމީހުން އެބަ ހޯދައެއް ނޫންތޯ؟” ސަމާސާ ރާގަކަށް މުސްތަފާ ކިޔާދިނެވެ.

މުސްތަފާގެ “ފާހާނަ ތަށި” ކުރެހުމުގައި ރީނދޫ ކުލަ ބޭނުން ކޮށްފައިވަނީ ކީއްވެގެންތޯ ސުވާލުކޮށްލުމުން އޭނާ ބުނެފައިވަނީ، އެ ކުލަ ބޭނުން ކުރީ ކުލައިން ދޭހަވާ މާނަ ރީތިވުމުން ކަމަށެވެ. އެގޮތުން އެ ކުލައިން ރަމްޒުކޮށްދެނީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އަދި އެ ކުލައިން “ޕޮޒިޓިވް ފީލް” އެއް ގެނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަންވެއިލިން ވިޝަންސް 2019 ބަލާލުމަށް އެތައް ބަޔަކު ވަނީ އެތަނަށް ޒިޔާރަތް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙުރިއްޔާ އަލްއުސްތާޒް މަޢުމޫން އަބްދުލް ޤައްޔޫމުގެ އިތުރުން ރާއްޖޭގެ މިހާރުގެ ރައީސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވެސް ވަނީ އަންވެއިލިން ވިޝަންސް 2019 އަށް ވަޑައިގެން ފަންނުވެރިންގެ ކުރެހުންތައް ބައްލަވާލާފައެވެ.

މިއީ އަންވެއިލިން ވިޝަންސް އިވެންޓް ބާއްވާ ދެވަނަ އަހަރެވެ. ރާއްޖޭގެ 50 އާޓިސްޓުންގެ ފަންނުވެރިކަން ދައްކުވައިދޭ މި އެގްޒިބިޝަން މި މަހުގެ 7 އާ ހަމައަށް ނެޝަނަލް އާޓް ގެލެރީގައި އޮންނާނެ އެވެ. މި އަހަރު ބައިވެރިވާ އާޓިސްޓުން ހަ ކެޓަގަރީއަކަށް ވަނީ ބަހާލައިފަ އެވެ. އޭގެ ތެރޭގައި ފެންކުލަ، ޑިޖިޓަލް އާޓް، ސްކަލްޕްޗާ، އިންސްޓޮލޭޝަން، ކެލިގްރަފީ އަދި ފަންސޫރު ކުރެހުންތައް ހިމެނެ އެވެ.

ޒުވާން އާޓިސްޓުންގެ ހުނަރުތައް ޝޯކޭސް ކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ މި އެގްޒިބިޝަންގައި ލައިވް އާޓް އިވެންޓްތަކާއި އާޓް ވޯކްޝޮޕް އަދި ކުޑަކުދިންނަށް ހާއްސަކޮށް ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ