Follow us on
މައިކަމަނާ
| އައިޝަތު އަހުނާ

އެއީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ނަޒަަރުން ވެވުނު ލޯތްބެވެ. މިދުނިޔެއަށް ނޭވާލެވުނު މެދުވެރިޔާއެވެ. 9 މަސް ވަންދެން އަހަރެންގެ އިންތިޒާރުގައި ބަނޑުގައި ފިރުމާލަފިރުމާލާ، ހިތްނުތަނަވަސް ކަމާއެކު ކެތްކުރި ރާނީއެވެ. ވިހެއުމުގެ އެގަދަފަދަ ވޭނުގައި އެތައް ތަކުލީފަކާއެކު ހިތްވަރު ކުރި ބަތަލާއެވެ.

މުޅިދުނިޔެ ނިދާ ފައިތިލަ އޮބޭވަގުތުވެސް އަހަރެންގެ ހައްޤުގައި އެތައް ރެއެއްގެ ނިދި ގުރުބާން ކުރި ސާހިބާއެވެ. ދެފޮތިކޮޅުންވިޔަސް ރީތިހާހެދުން ފަހާ ޒީނަތްތެރިކޮށްދިން ފެހުންތެރިޔާއެވެ. ބޭނުންވާނެހާ ގޮތަކަށް ކާނެބޯނެ ތަކެތި ތައްޔާރުކޮށްދިން ކައްކާއެވެ. ސުކޫލުންގެއަށް ދުވާލަކު ބާރަ ފަހަރު ހިނގަންޖެހުނަސް އަތުގައި ހިފައިގެން ޝަކުވާއެއްނެތި ހިނގި އާރުކާޓީއެވެ.

ބަލިވެއްޖެނަމަ ހަތަރުދަމު ހޭހާންކުރާ އަހަރެންގެ ޑޮކްޓަރެވެ. ނަރުހެވެ. އާއެކެވެ. އެއީ ދުވަހަކުވެސް އެޙިދުމަތުގެ އަގު ނުކުރެވޭނެ މައިކަމަނާއެވެ!

އަހަރެންގެ މަންމަ ފަދަ ކެތްތެރި، ހިތްވަރުގަދަ އިންސާނެއް އަހަރެންގެ ޙަޔާތުގައި އަދި ދުވަހަކުވެސް ނުދެކެމެވެ. މަންމާއެވެ. ތިޔައީ ދުނިޔޭން ޖަންނަތަށް ދެވެން ﷲ ޠަޢާލާ ދެއްވާފަވާ އަގުހުރި ދޮރެކެވެ. ނުހަނު ހިތްއެދޭ ސުވަރުގެ ވަނީ ތިޔަދެފައިތިލަ ދަށުގައެވެ. ލޯބިވާ މަންމާއެވެ. އަހަރެންގެ ކަންކަމާމެދު އަބަދާއަބަދު މަޝްޣޫލުވެ އުޅޭ ހަމައެކަނި އިންސާނަކީ ތިޔަ ލޮބުވެތި މަންމައެވެ.

އޭ މަންމާއެވެ! އަހަންނަކީ މަންމަގެ ފޮނި އުއްމީދުކަން އިނގެއެވެ. އޭ މަންމާއެވެ! އަހަންނަށްޓަކައި ދުޢާކޮށްދެއްވާށެވެ! މަންމަގެ ދުޢާއަކީ އަހަންނަށްޓަކައި ދުނިޔެއާއި ދުނިޔޭގައިވާހާ މުދަލަކަށްވުރެ އަގުހުރި އެއްޗެކެވެ.

މަންމާއެވެ! މަންމަގެ ހިތުގައި ޖެހޭފަދަކަމެއް، އެނގިގެން ނަމަވެސް، ނޭނގި ނަމަވެސް ކުރެވިފައިވާނަމަ، އެކަމަކަށް އަހަންނަށް މާފުކޮށްދެއްވާށެވެ.

އޭ ލޯބިވާ މަންމާއެވެ! އަހަންނަކީ ދެދުނިޔޭގެ ބާއްޖަވެރިއަކަށް ވޭތޯ ދުޢާ ކުރައްވާށެވެ! އަދި ދެދުނިޔޭގައިވެސް މަންމަގެ ލޮލުގެ ފިނިކަން ކަމުގައި ވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކޮށްދެއްވާށެވެ!

ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހު! އިބައިލާހީ މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަޅުތަކުންނަށް އަމުރު ކުރެއްވި އިލާހެވެ! މިއަޅާއަކީ މިއަޅާގެ މައިންބަފައިންނަށް ކިޔަމަންތެރި އިޙްސާންތެރި ދަރިއެއް ކަމުގައި ލައްވާށިއެވެ! އަދި އެދެމީހުންގެ ލޮލުގެ ފިނިކަން ކަމުގައި މިއަޅާ ލައްވާށިއެވެ!

ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާގެ މައިންބަފައިންނަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާ ކުޑަ ކުއްޖެއް ކަމުގައިވީދުވަހު، އެދެމީހުން މިއަޅާގެ މައްޗަށް ރަޙުމު ކުރި ފަދައިން މިއަދު އެދެމީހުންނަށް ރަޙްމަތް ލައްވާނދޭވެ! رَبِّ ارْحَمْهُمَا كَمَارَبَّيَانِيْ صَغِيْراً

ޚިޔާލު ފާޅުކުރައްވާ