Follow us on
ގޮޅިޖެހި ގަމީހާއި، ޖީއެންގެ ހަގީގަތް!
| ފާތިމަތު ޝަފާ

މިއަދު ޒުވާން ފިރިހެން ކުދިންނަށް އެންމެ ކަމުދަނީ ގޮޅިޖެހި ގަމީހެވެ. ސަވާރުވެ ދުއްވަން ބޭނުންވަނީ ޖީއެންއެވެ. އެހެނަސް ހަގީގަތުގައި ޖީއެން އަކީ ވަރަށް “އިހުގެ ސައިކަލެކެވެ”. ހަމަ އެހެންމެ ގޮޅިޖެހި ގަމީހަކީވެސް އިހުގެ ފެޝަނެކެވެ. އެހެނަސް އަދުގެ ޒަމާނީ ފެޝަނަކަށްވެސް، ޖީއެން އާއި ގޮޅިޖެހި ގަމީސް މިވަނީ ވެފައެެވެ.

އަދުގެ ޒުވާން އަންހެން ކުދިންވެސް ގަޔާވަނީ ގޮޅިޖެހި ގަމީސް ލާ، ޖީއެންގައި އުޅޭ ފިރިހެނުންނެވެ. ތިމާއަކީ ކޮން ފެންވަރެއްގެ، ކޮންކަހަލަ ކާކު ކަމާމެދު އެކުދިން މާ ބޮޑު އިސްކަމެއް ނުދެއެވެ. އެހެނަސް ހަގީގަތުގައި، ޖީއެންއާއި، ގޮޅިޖެހި ގަމީސް، ފެޝަނަކަށް ވެގެން އައި ގޮތަކީ މިއީއެވެ.

ސުޒުކީ ޖީއެން އަކީ 1980 ގެ އަހަރު ތަކުގެ ތެރޭގައި އުފައްދަން ފެށި ސައިކަލެކެވެ. ޖީއެންއަކީ 80 ގެ އަހަރުތަކުގެ މޮޑެލަކަށް ވީނަމަވެސް، މިއަދު ދިވެހިންގެ ތެރެއިން އެންމެ ގިނަބަޔަކު ހިތް ކިޔާ ސައިކަލަށް މި ސައިކަލު މިވަނީ، އަދުގެ ފެޝަނުގެ ތެރޭގައި ޖީއެން ހިމެނޭތީއެވެ. ހަގީގަތުގައި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އެންމެ ފުރަތަމަ ޖީއެން ދުއްވަން ފެށީ ޖީއެންއަކީ އަގުހެޔޮ ސައިކަލަކަށް ވާތީއެވެ. އެގޮތުން ޖީއެން އެއްގެ އަގަކީ 2495 ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ނަމަ 38،547 ރުފިޔާއެވެ.

ފަހުގެ ބައެއް މޮޑެލްތަކުގެ ސައިކަލުތައް ކަމަށްވާ ޖީއެން، އެން މެކްސް، މޫވް އަދި ޒޫމާ އެކްސް ފަދަ ސައިކަލުތަކުގެ އަގު އުޅެނީ 60،000 އާއި، 80،000 އާއި ދެމެދުގެ އަގުތަކެއްގައެވެ. އެހެންކަމުން ޖީއެންއަކީ އަގުހެޔޮ ސައިކަލެއް ކަމަށްވާތީ އެންމެ ފުރަތަމަ ޒުވާނުންގެ ތެރެއިން ބަޔަކު ޖީއެން ގަނެ، ދުއްވަން ފެށީއެވެ. އެހިސާބުން ޖީއެން އަކީ ފެޝަނަކަށް ވެ، ރާއްޖޭގައި ޖީއެންގެ އަގުވަނީ މައްޗަށްވެސް ގޮސްފައެވެ.

ގޮޅީޖެހި ގަމީސްވެސް ފެޝަނަކަށް ވާން މެދުވެރިވީ، ހަމަ ގާތްގަނޑަކަށް މިކަހަލަ ސަބަބެކެވެ. ގޮޅިޖެހި ގަމީހަކީ ދިވެހިންގެ ތެރޭގައި ފެޝަނަކަށް ވުމުގެ ކުރިން، ދިވެހި ބާޒާރުން، 150އާއި 250 ރުފިޔާއާއި ދެމެދުގެ އަގެއްގައި ގޮޅިޖެހި ގަމީސް ލިބެން ހުރިކަމަށް ވެއެވެ. އެހެނަސް، ގޮޅިޖެހި ގަމީސް، ފެޝަނަކަށް ވެގެން ދިޔުމަށްފަހު، މިހާރު ގޮޅިޖެހި ގަމީހެއްގެ އަގު މިވަނީ 500 އަށްވުރެ ވެސް ބޮޑުބެވެގެން ގޮސްފައެވެ.

ގޮޅިޖެހި ގަމީހާއި، ޖީއެންވެސް ފެޝަނަކަށް ވެގެން ދިޔުމުގެ މައިގަނޑު ސަބަބަކީ އެ އެއްޗެހީގެ އަގެވެ. އެ އަގަކީ އަދުގެ ގިނަ ޒުވާނުންނަށް އަތްފޯރާ އަގަކަށް ވެގެން ދިޔުމެވެ. އެހެނަސް މިއަދު ފެޝަނަކަށް ވެގެން ދިޔުމުން، އެ އެއްޗެހީގެ އަގު މިވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ