Follow us on
ހިޖުރީ އައު އަހަރުގެ ތަޙުނިޔާ!
| އަޙުމަދު އަނަސް

އިރު އޭގެ ވާޖިބް އަދާކޮށް އެދިޔައީ އާއަހަރަކަށް މަރުޙަބާ ކިޔަމުންނެވެ. އާއެކެވެ. އަނެއްކާވެސް އާއަހަރެއް ފެށުނީއެވެ.

ޝަހުވަތުގައި ޖެހި ވަގުތު ބޭކާރު ކުރާ ޒުވާނާއެވެ! ކުޑައަގަކަށް އިއްފަތް ނީލަން ކިޔަމުންދާ އުޚްތާއެވެ! ދުނިޔޭގެ އެދުމަށް ހަވާނަފްސު ހަދާން ނައްތާލާފަވާ އަޚާއެވެ! ވިސްނާލާށެވެ. އުމުރުގެ މިހާތަނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ދަރާފަ އޮތް ދަރަނި (5 ނަމާދު) އެބަ އަދާކުރަމު ހެއްޔެވެ؟

އިރުއިރުކޮޅާ ސޯޝަލް މީޑިޔާގެ އަޕްޑޭޓްސް ބެލެއެވެ. އެކަމަކު އެކަލާނގެ ބާވާލެއްވި ފޮތް ދުވާލަކު އެއްފަހަރުވެސް ހުޅުވާލެވޭ ހެއްޔެވެ؟ ގެދޮރު ބިނާކޮށް، އަރާމު ދިރިއުޅުމެއް ހޯދުމަށް ގިއްކިޔާފަ އެބަ މަސައްކަތް ކުރަމުއެވެ. އެކަމު އަރާމު އާޙިރަތެއް ހޯދަން ހެސްކިޔާފަ އެބަ މަސައްކަތް ކުރެވޭ ހެއްޔެވެ؟

ފާފަކުރަން ކަނުއަދިރި ތަންތަން ފެނެއެވެ. އެކަމަކު ދިއްލާ އަޅާފައިވާ މިސްކިތްތައް ފެނޭހެއްޔެވެ؟ އެއްވެސް ވިސްނުމެއް ނެތި ކާފަރުން ވަގުތު ބޭކާރު ކުރުމަށް ހަދާފައިވާ ގޭމުތައް ކުޅުމުގައި ރެޔާއިދުވާލު އެބަހޭދަކުރަމުއެވެ. ނަމަވެސް އެންމެ ކުޑަމިނުން ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔާލެވޭހެއްޔެވެ؟

ރޭގަނޑުގެ ނިދި ނަގާލާ ލޯބިވެރިޔާއާ މާފޮޅުވުމުގައި އިރުއަރަންދެން އޮވެވެއެވެ. ނަމަވެސް ދަމުނަމާދުގެ ދެރަކުއަތް ނުކުރާތާ ވިތުރިވެސް ކޮށްނުލެވޭނުން ހެއްޔެވެ؟ އެކަނިވާ ވަގުތު ތަކުގާ ﷲ ޠަޢާލާ ނުރުއްސަވާ ތަންތަން ސިއްރު ސިއްރުން ބެލުމުގައި ހޭދަކުރެވެއެވެ. ނަމަވެސް ސިއްރުންވެސް ޞަދަޤާތެއް ކޮށްލެވުނު ހެއްޔެވެ؟

ހެޑްސެޓް ޖަހައިގެން ޝައިތާނީ މިޔުޒިކުގައި ތިބާއެބަގެނބި ފޯވެދަމުއެވެ. އެއްފަހަރުވެސް ތިޔަ ހެޑްސެޓުން ޤާރީއެއްގެ ރިވެތި މޫރިތި ކިޔެވުން އަޑުއަހާލީމު ހެއްޔެވެ؟

އޭ ފާފައިން އިސްރާފު ކޮށްފާވާ އިންސާނާއެވެ! އާފެށުމަކުން ފަށާށެވެ. ވުޟޫކޮށް ދެރަކުއަތުގެ ނަމާދެއް ކުރާށެވެ. ތައުބާވާށެވެ. މިވަގުތާހަމައަށް ދުނިޔޭގައި ލެހެއްޓެވީތީ ޝުކުރުގެ ސަޖިދައެއް ޖަހާށެވެ. ފާއިތުވެ ދިޔަ ދުވަސްތަކަށް ޢަފޫދެއްވާތޯ ދުޢާކުރާށެވެ.

ދުވަހަކުވެސް އެނގި ހުރެ ފާފައެއް ނުކުރުމަށް ޢަޒުމްކަޑައަޅާށެވެ. ދީންވެރި، ހުލްޤު ހެޔޮ މީހެއްގޮތުގައި އުމުރުގެ ބާކީ ބައި ލައްވާތޯ ދުޢާކުރާށެވެ. ހެޔޮ ރިވެތި މަރަކުން މަރުގެންދަވާތޯ ދުޢާކުރާށެވެ. އާޚިރަތަށްޓަކައި ސުންނަތުގެ ނަވަށް އަރާ ކަމަރު ބަންނާށެވެ. މުޅިން އާމީހެއްގޮތުގައި ހިނިތުން ވެލާށެވެ!

މިފެށުނު 1441 ވަނަ އަހަރަކީ އުފާފާގަތި އަހަރެއް ކަމުގައި ލައްވާށި!

ޚިޔާލު ފާޅުކުރައްވާ