Follow us on
ތިމާއަށް ދިމާވާ ކޮންމެ ކަމަކީވެސް އިމްތިޙާނެއް ކަމުގައި ބަލާށެވެ.
| އައިޝަތު އިނާން

މި ދުނިޔެއަކީ ވަގުތީ ޢާލަމެކޭ ބުނާ އަޑު ނާހާނޭ ކުޑަކުއްޖެއްވެސް މަދުވާނެ ކަމާއިމެދު ޝައްކެއް ނެތެވެ. އަހަރެމެން މި ދުނިޔެއަށް ފޮނުއްވީވެސް އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި އަހަރެމެންގެ ވެރި އިލާހު، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރެއްވުމަށްޓަކައެވެ. ހަމަ މިއާއިއެކު އަހަރެމެންގެ އާޚިރަތް ބާއްޖަވެރި ކުރުމަށް ކުރެވޭނޭ ހުރިހާ ކަމެއް ކުރުމަށް އަހަރެމެންނަށް ވަނީ އިޚްތިޔާރު ދެއްވާފައިވެސްމެއެވެ. އެހެން ކަމުން އެތައް އިންސާނުންނެއް އެމަގުން ކަސިޔާރުވެގެންދާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް އުފަލާއިއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ﷲއަށް އަޅުކަންކުރުމުގައި ސާބިތުވެ ތިބެ ދިމާވާ ހުރިހާ މުސީބާތްތަކާއިވެސް ކެތްތެރިކަމާއި އެކީ ކުރިމަތިލާ އެތައް އަޚުންނާއި އުޚުތުންނެއް އަހަރެމެންގެ އިސްލާމީ މުޖުތަމަޢުތެރެއިން ފެންނަ ކަމެވެ.

މި ވަގުތީ ދުނިޔޭގައި އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަހަލަ ކަންކަމެވެ. ބައެއް މީހުންނަށް މިއީ ވަރަށް ފަސޭހަ ދިރިއުޅުމެއް ކަމުގައި ވީނަމަވެސް އަނެއްބަޔަކަށް މިއީ ޒަހަރެއްފަދަ ދިރިއުޅުމަކަށް ވެދެއެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ އެއްވެސް އަޅަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް އަހަރެމެންގެ ވެރި ރައްބު ނުޖައްސަވާނޭ ކަމެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންދެކެ އިންތިހާއަށް ލޯބިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ވީއިރު އަހަރެމެންނަށް ދިމާވާ އަޑިގުޑަންތަކަކީ ބޮޑު އުނދަގުލެއް ކަމުގައި ދެކުމުގެ އެއްވެސް ފުރުސަތެއް އަހަރެމެންނަށް ލިބިފައި ނެތެވެ. ކަންކަމުގައި އުއްމީދު ކަނޑާލައި ދެއަތް އުރާލެވޭކަށްވެސް ނެތެވެ.

ދިމާވާ ކޮންމެ ކަމެއްގައިވެސް ކެތްތެރިކަން އިސްކޮށްފި މީހާއަށް އެއީ މާ ދަތި އުނދަގޫ ކަމަކަށް ނުވާނެއެވެ. އެންމެ އުނދަގޫ ދަނޑިވަޅުގައިވެސް ﷲގެ މަގުގައި ކެތްތެރިކަމާއި އެކު ފައިތިލަ ސާބިތުކޮށް އެކަލާނގެ ވަޙީ ބަސްފުޅާއި ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބަޢަ ވުމަކީ މި މަގު އިތުރަށް ފަސޭހަ ވެގެން ދިއުމަށް މަގުފަހިވެގެން ހިނގައިދާނޭ ސަބަބުތަކެވެ.

މި އުއްމަތުގެ މާތް ނަބިއްޔާގެ ޙަޔާތްޕުޅުގައި މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ކުރެއްވި ދަތި އުނދަގޫތައް ހަނދާން ނައްތާނުލާށެވެ. ޔޫސުފްގެ ފާނަށް އެކަލޭގެފާނުގެ އަޚުން ހެއްދެވި އިހާނެތިގޮތްތައް ހަނދާނުން ފުހެނުލާށެވެ. ބޮޑުމަހުގައި ބަނޑުގައި ވީ ހިނދު ޔޫނުސްގެ ފާނުގެ ކެތްތެރިކަމާއި ﷲއަށް އީމާންވުމުގައި ސާބިތުވީގޮތް ހަނދާނަށް ގެނެސްބަލާށެވެ. އަލިފާނގަނޑަށް އެއްލާލެވުނު ނަމަވެސް އިބްރާހީމްގެ ފާނުގެ ކެތްތެރިކަމާއި ސާބިތުކަން ތަސައްވުރުކޮށްލަބަލާށެވެ. މިއިން ކޮންމެ ބޭކަލެއްވެސް އެބޭކަލުންގެ ޙަޔާތްޕުޅުގައި ދިމާވި އެންމެ އުނދަގޫ ދަނޑިވަޅުގައިވެސް އިސްކުރެއްވީ ކެތްތެރިކަމެވެ. މާތް ﷲއަށް ބޯލަނބައި ކިޔަމަންވެ ގަތުމެވެ. އާޚިރު ނަތީއްޖާއަކީ ކޮބައިތޯއެވެ؟ އާދެ، ކާމިޔާބާއި ފަލާޙެވެ.

ސޫރަތުލް އަންފާލްގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި ތިޔަބައި މީހުން ކެތްތެރި ވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.” އެހެންކަމުން ދަންނާށެވެ. އެތައް ތަފާތު ގޮތްގޮތުން ތިމާ އިމްތިޙާން ކުރެވެމުން ދާނެއެވެ. އެހެން ނަމަވެސް މާތް ﷲ އެންގެވި ފަދައިން ކެތްތެރިވުމަކީ އެކަމަށް އޮތް ޙައްލެވެ. ޚުދު ތިބާވެސް ބޭނުމީ މިދުނިޔޭގެ ވަގުތީ އުފަލުގެ ބަދަލުގައި އާޚިރަތުގެ ކާމިޔާބާއި ފަލާޙެއް ނޫން ހެއްޔެވެ؟ އެހެންކަމުން ﷲގެ މަގުގައި ސާބިތުވެ ދިމާވާ ދަތިއުނދަގޫތަކަކީ އިމްތިޙާނެއް ކަމުގައި ބަލައި ކެތްތެރިވާން ދަސްކުރަން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ