Follow us on
އަންހެން ކުއްޖެއް ނަމަ “ދީބަ ދުއްވާލަން ސައިކު”. ބިދޭސީއެއް ވީމަ ފެން ޓައްޕު!؟
| އަޙުމަދު އަނަސް

މިފަހަކަށް އައިސް މީސް މީޑިޔާގައި އެންމެ ގަދަޔަށް ވައިރަލް ވެފައިވާ އެއް ވީޑިޔޯ އަކީ ދިވެއްސަކު، ސައިކަލެއްގެ މަތީގައި އިޝީންދެގެން އިން ބިދޭސީއެއްގެ ގަޔަށް ފެން ޓައްޕެއް ޖަހާ މަންޒަރެވެ. މި ވީޑިޔޯ ފެނި ހިތަށް އެރިއެވެ. ސުބުހާނަﷲ މާތްކަލާއްކޯ. މި މީހާގެ ހަމަ އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީބާއޭ!

ސައިކަލު މަތީގައި މީހުން އިށީންދެގެން ތިބުނަކީ މާލޭގައި، އަދި ރާއްޖެ ތެރޭގައިވެސް އާންމު ކަމެކެވެ. ފަރިދީ މަގުން ގެ ކުރިމަތީ އެކުވެރިއެއްގެ އިންތިޒާރުގައި ހުއްޓާ އަހަންނާއި ދިމާވި ކަމެއް ކިޔައިދޭނަމެވެ. ގޭ ދޮރު މަތީ ހުރި ސައިކަލުގައި އޭރު އަންހެން ކުއްޖަކު އިށީންދެގެން އިނެވެ. އަހަރެންވެސް ހުރީ އެތަނާއި ކައިރި ހިސާބެއްގައެވެ. އިރުކޮޅަކުން ފިރިހެންކު އައިސް އެ އަންހެން ކުއްޖާއާއި ދިމާއަށް ބުންޏެވެ. “ހޭއް ދީބަ ސައިކު ދުއްވާލަން!”. އޭނާ އެހެން ބުނެލީ ސަމަސާ ރާގަކަށެވެ.

އެދުވަހު އޭނާއާއި ދިމާއަށް އެހެން ބުނީވެސް ދިވެއްސެކެވެ. މިއަދު މި ފެންނަ ވީޑިޔޯއިން ބިދޭސީ މީހާގެ ގަޔަށް ފެން ޓައްޕު އެ ޖެހީވެސް ދިވެއްސެކެވެ. ދެ މީހުންވެސް އެ ކުރީ ހަމަ އެއްކަމެކެވެ. ސައިކަލު މަތީގައި އިށީންދެގެން އިނުމެވެ. ވަކި ބިދޭސީ މީހާގެ ގަޔަށް ފެން ޖަހަންވީ ކީއްވެގެން ހެއްޔެވެ؟

Cycle mathee bidheyseen inumakee kusheh tha?

Posted by The Logical Maldivian on Monday, 30 September 2019

މިފަދަ ކަންކަމުން މި އެނގެނީ ދިވެހިންގެ ތެރެއިން ބަޔަކު ބިދޭސީންނާއި މެދު އެއްވެސް ގަދަރެއް ނުބަހައްޓާ ކަމެވެ. ބިދޭސީން ވީމާ ހިތުހުރިގޮތެއް ހަދާ ކަމެވެ. އެ ބިދޭސީ މީހާ ގާތުގައިވެސް ހަމަ ރީތިކޮށް ސައިކަލު ދޭށޭ ބުނި ނަމަވެސް، ދޭނެކަން ޔަގީނެވެ. ކޮންމެހެން ފެން ޖެހީ ކީއްވެގެން ހެއްޔެވެ؟

އެ ފެންޖެހި ބޭބޭއެވެ! އޭނާ އަކީވެސް (ބިދޭސީ މީހާ އަކީވެސް) ހަމަ ބޭބެ ފަދައިން އިންސާނެކެވެ. ބޭބެ ގަޔަށް މީހަކު އެފަދައިން ފެން ޖެހި ނަމަ، ބޭބެވެސް ލަދު ގަންނާނެއެވެ. ބޭބެގެ ހިތައްވެސް އަސަރު ކުރާނެއެވެ. ބޭބެގެ ހަމަ އިންސާނިއްޔަތު ކަމެއް ނެތީހެއްޔެވެ؟ ބޭބެމެން ތިކުރާ ކުދި ކުދި ކަންކަމުން ހަޑިވަނީ މުޅި ދިވެހި ރާއްޖޭގެ ނަމަވެ. ދިވެހިންގެ ނަމެވެ!

ޚިޔާލު ފާޅުކުރައްވާ