Follow us on
“އޭ ހާދަ ފަލައޭ”. މީދެން ބޮޑުވަރު ނޫންހެއްޔެވެ؟‎‎
| އައިޝަތު އަހުނާ

“އަހަރެންނަށް އިނގެއެވެ. އަހަރެން ފަލައެވެ. އަހަރެންނާއި އެކަށީގެންނުވާ ބަނޑެއްވެސް އެބަހުއްޓެވެ. ގައިގައި ލޮކިމަސް އެބަހުއްޓެވެ. ވަރުގަދަ ކޮލެއް އެބައިނެވެ. ދެންވެސް ކިޔާނެ ކަމެއް ނެތެވެ. އާއެކެވެ. ހަމަ ފަލައީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑު މިހެން މިހުންނަނީ ކީއްވެކަމެއް އެންމެންނަކަށް ނޭނގޭނެއެވެ.”

ކޮންމެ މީހެއްގެ ހަށިގަނޑު އެމީހަކު ބޭނުން ގޮތަކަށް ހުންނަނަމަ ހިކި މީހުންނެއްވެސް ނުތިބީހެވެ. ފަލަ ނުވެގެން، ގައިގައި މަސްކޮޅެއް ނެތިގެން ހިތާމަ ކުރާ މީހުންވެސް މަދެއް ނޫނެވެ. އެމީހުންވެސް ކައެވެ. ތިޔަ ހީކުރާވަރަށްވުރެ މާރަނގަޅަށްވެސް ކައެވެ. އެކަމަކު ފަލަ ނުވަނީއެވެ.

މީހަކު ފެންނައިރަށް އެމީހާގެ ހަށިގަނޑަށް ފާޑު ކިޔުން ހުއްޓާލާށެވެ. ފަލަމީހުން ހަށިގަނޑު ބުރެހެލިވީމަ އެމީހުންނަށް އުދަގޫވެސް ވާނެއެވެ. އެމީހުން އެހެން އެތިބެނީ ތިބެން ކޮންމެހެން ބޭނުންވެގެނެއް ނޫނެވެ. ބައެއް ބަލިބަލި ތަޙައްމަލް ކުރާމީހުންވެސް ހަށިގަނޑުގެ ބުރަހެލިކަން ތަހައްމަލް ކުރެއެވެ. މީހުން ކައިރި ކިޔާ އިއުލާން ނުކުރިޔަސް އެމީހުން ޑައިޓްވެސް ޖައްސައެވެ. ހިކެން މަސައްކަތްވެސް ކުރެއެވެ. އެހެނަސް ތިޔަހީކުރާހާ ފަސޭހައިން ކުޑަވެގެން ނުދަނީއެވެ.

ހަމަ މީހަކު ފެންނައިރަށް ” އެކަމަކުވާ! ކަލޭ އަދިވެސް ހިކޭކަށް ނޫޅެންތަ؟ ” ނޫނީ ” މަންޖޭ! ދެން ގައިގަ ނެތެންނު މަސްފުކެއްވެސް. މީހާ ބަލައިލަން ކެރޭވަރު ވާން އުޅެބަލަ” ކިޔާ ދިމާކުރުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ނޫނިއްޔާ “އޭ ކަލޭ ހާދަ ކަޅުވެއްޖޭ. ފީނަންދަނީތަ؟ ނޫނީ މަހަށް ދަނީތަ؟” ކިޔުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟

މީހަކު ފަލަ ވުމަކުން، ހިކިވުމަކުން، ކަޅުވުމަކުން ނޫނީ ދޮންވުމަކުން ތިމާއަށް ކޮންކަމެއް ހެއްޔެވެ؟

އެއާދަ ބަދަލު ކުރަން އެބަޖެހެއެވެ. މީހަކު ފެންނައިރަށް އެމީހާގެ ހަށިގަނޑަށް ފާޑު ކިޔަންވެއްޖެއެވެ. ކައިވެނި ނުކޮށް ހުރިއްޔާ މީހަކާ ނީންދެ ތިހުރީ އިންނާނެ މީހަކު ނުވެގެންތޯ އަހަންވެއްޖެއެވެ. މީހަކާ އިނދެގެން އުޅެންޏާ އަނބިމީހާ ނޫނީ ފިރިމީހާއާއި ބެހޭގޮތުން ސުވާލުކުރަން ވެއްޖެއެވެ. ދަރިޔަކު ނުލިބި ހުރިމީހަކު ނަމަ ކުއްޖަކު ހޯދަނީ ކޮން އިރަކުންތޯ ނޫނީ އަދި މަސައްކަތް ނުކުރަނީތޯ، ބޭނުން ނުވަނީތޯ އަހަންވެއްޖެއެވެ. ކުއްޖަކު ލިބިއްޖެކަން އެނގިއްޖިއްޔާ އެކުއްޖާ އަށް ފާޑުކިޔާ އެސްފީނާ އަޅަންވެއްޖެއެވެ. އެއްކުއްޖަކު ހުރިއްޔާ ދެން ކުއްޖަކު ނުހޯދަންތޯ އަހަންވެއްޖެއެވެ. ދެމަފިރިން މައްސަލައެއް ޖެހިގެން އުޅޭހެން ހީވާނަމަ ވަރިނުވަނީތޯ އަހާ މައްސަލަ އޮޅުން ފިލުވަންވެއްޖެއެވެ. ވަރިވި އަޑު އިވިއްޖިއްޔާ ސަބަބު އަހާ، ކަން ހިނގާދިޔަގޮތް އޮޅުން ފިލުވާ ރިޕޯޓް ހަދަންވެއްޖެއެވެ.

އަޅެ މީދެން ބޮޑުވަރު ނޫންހެއްޔެވެ؟ މިއީ ބަދަލު ކުރަން ޖެހޭ ހަޑި އާދައެކެވެ. ތިމާއާއި ނުބެހޭ ކަންތައްތަކާ ނުބެހި އުޅެން ދަސްކުރަން ވެއްޖެނޫން ހެއްޔެވެ؟ އެހެންމީހުންގެ ދިރިއުޅުން ކޮނެ ދިރާސާކޮށްގެން ވަކި މޮޅުތަކެއް ނޫނީ ފައިދާތަކެއް ވާނަމަވެސް ރަނގަޅެވެ. ހެޔޮނުވާނެއެވެ. ނުބެހޭ ކަންކަމާ ނުބެހޭށެވެ.

ނަސޭހަތެކެވެ. ދުރުން ދަމުން ކާޅުހެން ނުގޮވާށެވެ.

ޚިޔާލު ފާޅުކުރައްވާ