Follow us on
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި!
| ޙުސައިން އަޙުޝަދު އަޙްމަދު

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ، 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި!

ފާއިތުވެދިޔަ 2018 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޯލެވެލް އިން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ރީޝަމް ޙުސައިން އަދި އޭލެވެލް އިން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އަރޫޝާ ރަޝީދެވެ. މީގެ އިތުރުން އޯލެވެލް އިން 2 ވަނައަށް އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ޒައިދާން އިނާޒް ހޮވިފައިވާއިރު 3 ވަނަ އަށް މުޙައްމަދު މިޖްދާޙު ޝަރީފް ވަނީ ހޮވިފައެވެ.

އޭލެވެލް އިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަރޫޝާ(މ)، މާލީ ވަޒީރު އިބްރާހިމް އަމީރު(ވ) ސްކޫލުގެ ނާޒިރު ޝިފާޒް މުޙައްމަދު(ކ) ފޮޓޯއަކަށް ހުއްޓިލައިގެން. ފޮޓޯ: ފޮޓޯ މޯލްޑިވްސް

ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު އިނާމު ދިނުމުގެ ޖަލްސާގައ،ި މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ކަމުގައިވާ ދިވެހިރާއްޖޭގެ މާލީ ވަޒީރު އޮނަރެބަލް އިބްރާހިމް އަމީރެވެ.

އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ ޖަލްސާގައި އިނާމު ހާސިލްކުރި ކޮންމެ ކުއްޖަކީވެސް ކުރިއަށް އޮތް ތާނގައި ޤައުމުގެ ޒިންމާދާރު މަޤާމެއްގައި ހުންނާނެ ކުއްޖެއްކަމާއި، ޤައުމުގެ މިސްރާބުގެ ދުވެލި ބިނާވެގެންދަނީ އެކުދިންގެ ހިތްވަރާއި ފަންވަރުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ތަޢުލީމީ ގޮތުންނާއި ކުޅިވަރު އަދި އަދަބީގޮތުން ދަރިވަރުން ހޯދަމުންދާ އަގުބޮޑު ކާމިޔާބީތައް ހަމަ އެގޮތުގައި ކުރިއަށް ގެންދިޔުމުގެ ޢަޒުމު ކޮންމެ ކުއްޖެއްގެ ހިތުގައިވެސް އޮންނަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މައިންބައިންގެ ހުވަފެންތަކުގައި ކުލަޖައްސައި ދިނުމަކީ ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި ކޮންމެ މީހަކަށްވެސް ކުރިއެރުން ލިބެނީ ޕްލޭންތަކަކާއި އުއްމީދުތަކަކާއި ހިތްވަރާއިއެކު މަސައްކަތްކޮށްގެން ކަމަށެވެ. ރަން ވަނަތަކާއި އެކު އެމީހާ ޣާފިލުވެއްޖެނަމަ އޭނާގެ ޙަޔާތުގެ މިސްރާބު އަނދިރިވެގެން ގޮސްދާނެކަމަށާއި އެއާއި ޚިލާފަށް އިތުރަށް ހިތްވަރުކޮށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ލިބެންހުރި ވަޞީލަތްތަކުގެ ޒަރީޢާއިން ނަފާހޯދައި ފައިދާހޯދޭނެ ގޮތްތަށް ދަނެގަނެވޭނެ ޢިލްމުވެރި، ޙިކުމަތްތެރި މުވާޠިނުންނަށް މި ޤައުމު ބޭނުންޖެހިފައިވާކަމަށެވެ.

އަހަރަކަށްވުރެ އަހަރެއް ނަތީޖާ ރަނގަޅު ކުރަމުންގެންދާ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު ޤައުމި ގަދަ ދިހައިގައި ހިމެނިފައިވެއެވެ. މީގެ އިތުރުން އޯލެވެލް ނިންމި 4 ދަރިވަރަކުވަނީ ޤައުމީ ގަދަ ދިހައިގައި ހިމެނިފައެވެ. އަދި އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން %78.3 ދަރިވަރުން ވަނީ 5 މާއްދާއިން ފާސްވެފައެވެ. މިއީ 2017 ވަނަ އަހަރާއި އަޅައިބަލާއިރު %18.3 ގެ ކުރިއެރުމެކެވެ. އަދި 2018 ވަނަ އަހަރު އޯލެވެލް ނިންމި %94.4 ދަރިވަރުން ވަނީ 3 މާއްދާއިން ފާސްވެފައެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން ޙާސިލްކޮށްފައިވާކަމެވެ.

PRIZE AWARDING CEREMONY 2019

Posted by G.Dh. Atoll Education Centre on Thursday, 24 October 2019

މި ޖަލްސާގައި މިދިޔަ އަހަރު ސްކޫލުގެ އެކި ހަރަކާތްތަކާއި މުބާރާތްތަކުން ވަނަ ހޯދި ދަރިވަރުންނަށްވެސް ސެޓްފިކެޓާއި އެވޯޑު ވަނީ ދީފައެވެ. އެގޮތުން މިދިޔަ އަހަރު ޕްރެޒިޑެންޓް ސްކައުޓްގެ މަޤާމު ޙާޞިލްކުރި އަނޫފް އަބްދުﷲ އަށްވެސް މި ޖަލްސާގައިވަނީ އިނާމު ދީފައެވެ. ހަމަ އެހެންމެ ސްވިމިންގ އާއި އެތްލެޓިކްސް އިން ގދ. އަތޮޅު ތަޢުލީމީ މަރުކަޒަށް 2018 ވަނަ އަހަރު ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކާއި ރަން ވަނަތަކެއް ޙާޞިލްކޮށްދީ، ކުޅިވަރުގެ މައިދާނުގެ އިސް ސަފުގައި ފައިތިލަ ސާބިތުކޮށްދިނުމަށް މަސައްކަތްކުރި ހިތްވަރުގަދަ އެތުލީޓުންނާއި ފެތުންތެރީންނަށްވެސް އިނާމު ދީފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ