Follow us on
ބަޑި ބުރާސްފަތީގެ ހަނދާންތައް!
| އީމާ ވަހީދު

ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އުދުވާނީ ހަމަލާގައި ޝަހީދުވެގެން ދިޔަ އަބުޠާލުންގެ ޒިކުރާ އާކުރުމުގެ މަތިވެރި މަގުސަދުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހަކީ ދިވެހިން ހާއްސަކޮށް މާލޭގެެ ރައްޔިތުން މި ފަހުގެ މާޒީއެއްގައި ކުރިމަތިލި އެންމެ ބިރުވެރި ދުވަހެވެ. ހަމަ ހިމޭންކަމާއި އަމާންކަމުގެ ތަންމައްޗެއްގައި ފުން ނިންޖަކުން ނިދާލާފައި ތިބި މާލޭގެ ރައްޔިތުންނަށް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިސްވީ ބަޑީގެ ގަދަފަދަ އަޑުތަކުން ކަންފަތްތައް ފަޅަމުންނެވެ.

މާލެ އައުމަށްޓަކައި ދުޝުމިނުން ލަންކާގެ މުއްލިކުލަމުން ފުރީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ފަސް ދުވަސް ކަނޑުމަތީގައި ހޭދަކުރުމަށް ފަހު ދުޝުމަނުންނަށް މާލެ އާދެވުނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެއީ 870 ކިލޯމީޓަރު ދިގު ރާސްތާއަކަށް ފަހުގައެވެ. އެމީހުން މާލެ އަރައި ކުޑަ ހިނދުކޮަޅެއްގެ ތެރޭގައި މާލޭގެ ހަމަހިމޭންކަން ބަޑީގެ އަޑުތަކާއި އެކީ ނާމާން ކޮށްލިއެވެ. އެ ހަމަލާގައި ދުޝްމަނުންގެ އެންމެ އިސް މީހަކަށް ހުރީ ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީއެވެ.

80 އެއްހާ އަދުއްވުން ހިމެނޭ މި ގުރޫޕުގެ ފުރަތަމަ އަމާޒަކަށް ވީ ބަންޑާރަ ކޮށީގެ މައި ދޮރާށްޓެވެ. އެދޮރާށީގައި ފޯރިމަރަން ހުރި އެެއް ބޭކަލަކީ ޝަހީދު ހުސެއިން އާދަމްއެވެ. ދެފަރާތުގެ ދެމެދުގައި އެދުވަަހު ވަނީ ބަޑީގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. އެދުވަހު ދުޝްމިނުން ވަނީ ރާއްޖޭގެ އިސްވެރިން ރަހީނުކުރުމަށް ރާވާފައެވެ. އެކަން ކާމިޔާބު ނުވިނަމަވެސް ދުޝުމަނުން ވަނީ ދިވެހިން ތަކެއް ރަހީނު ކޮށްފައެވެ. ރަހީނު ކުރި ދިވެހިން ސަލާމަތް ކޮށް އަދުއްވުން އަތުލައިގަނެވުނީ އިންޑިއާ ސިފައިންގެ އެހީތެރިކަމާއި އެކުގައެވެ.

ދުޝްމަނުންގެ ހަމަލާތައް ނިމުނު އިރު ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޝަހީދުވި 19 ދިވެހިންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލިއެވެ. އެ ޢުދުވާނަށް މިއަދަށް 29 އަހަރު ފުރުނު ނަމަވެސް އެދުވަހުގެ އެ ހަނދާންތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ.

މި ހަމަލާތަކުގައި ޝަހީދުވެގެން ދިޔަ ސިފައިންނަކީ ޝަހީދު ކޯޕްރަލް ހުސެއިން އާދަމް، ޝަހީދު ލެފްޓިނަޓް ކުޑަނެވި ތުއްތު މަނިކު، ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން، ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް، ޝަހީދު ސާރޖަންޓް އާދަމް ނަސީރު، ޝަހީދު ކޯޕްރަލް ހުސެއިން މުހައްމަދު، ޝަހީދު ކޯޕްރަލް ﷲއަބްދު ޒާހިދު އަދި ޝަހީދު ސާރޖަންޓް ކުޑަ އާދަމް ތުއްތު އެވެ.

އެދުވަހު ޝަހީދުވި އަބްޠާލުންގެ ހަނދާންތައް ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެވެ. އެދުވަހު ދިވެހި ސިފައިން އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި އެވީ ގުރުބާނީއަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރުން ހައްގެވެ. ދިވެހި ގައުމަށްޓަކައި އެބޭފުޅުންގެ ހަށިކޮޅު އައްޑަނަ އަކަށް ހެއްދެވީ ޖެހިލުންވުމެއް ނެތިއެވެ.

ނަސްރުގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރިއަސް އަދި ނިމުނީ އެއް ނޫނެވެ. އެދުވަހު ޝަހީދުވި ދިވެހި ސިފައިންގެ ކިބައިން ދިވެހި ޒުވާނުން މިއަދު އިބުރަތް ހާސިލުކުރަން ލަސްވެއްޖެެވެ. އެ ބޭކެލުން ހިންގެވި މަގުން ހިންގަން ފަށަން ވެއްޖެއެވެ. އެބޭކަލުން ދިވެހި ގައުމު ދެކެ ލޯބިވި ފަދައިން ގައުމު ދެކެ ލޯބިވާން ދަސްކުރަން ވެއްޖެެއެވެ.

މި ބަވަނަވެފައިވާ ދުނިޔޭގައި އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހި ރާއްޖެއަށް ވެސް އެތައް ބައެއްގެ ދަހިވެތި ލޯތައް ދަނީ އަމާޒުވަމުންނެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ ދިވެހި ގައުމުގެ މިނިވަންކަމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ދިވެހި ގައުމު ސަލާމަތް ކުރުމަށް ތިމާގެ ހަށިގަނޑާއި ފުރާނަ ގުރުބާން ކޮށްލުމަށެވެ. މާތް ﷲ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހުރިހާ ދިވެހިންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން.

ފުރާނައިން މި ޤުރްބާން އެއީ މާތް ދަރީންނޭ.. ކުރާނީ ވެދުން ރީތި ފިނިފެން މަލުންނޭ.. 🌹

ޚިޔާލު ފާޅުކުރައްވާ