Follow us on
އަބުޑިގެ މުޅި ރާއްޖެ ފަށުވިން!
| އަޙުމަދު އަނަސް

ފަންނު އެކްސްޕޯ ބަލާލުމަށްޓަކައި ދަރުބާރުގެއަށް ވަނުމާއެކު ފެންނަން ފެށީ އެތައް ސަތާކަ މަސައްކަތްކެވެ. ދިވެހިންގެ ހުރި ކުޅަދާނަ ކަމެވެ. ދިވެހިންގެ މަސައްކަތްތަރިކަމެވެ. ދަރުބާރުގޭ އެއް މާލަމުން އަނެއް މާލަމަށް ވަންނަމުން ދިޔައިރު އަހަރެންގެ ހިތަށް އަރާ ފައިބަމުން ދިޔައީ އެންމެ އެއްޗެކެވެ. އާދޭހެވެ. ދިވެހިންނަކީ ހާދަހާ މަސައްކަތްތެރި ބައެކެވެ. ދިވެހިން ހާދަ ފަންނުވެރިއެވެ.

ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމަށް ވަނުމާއެކު އެންމެ ފުރަތަމަވެސް އަޅައިގަތީ، މީސްމީޑިޔާއިން އިހަކަށް ދުވަހު ފެނުނު މޫނެވެ. ހެވިދިލިފައި ހުރި މަންޒަރެވެ. އެހެނަސް އަދި އޭރު މާ ރަނގަޅަށް އެއީ ކާކުކަން ހަނދާނަކަށް ނައެވެ. އެހެނަސް އިސްކޮޅުގައި 6 ފޫޓު 1 އިންޗި ހުންނަަ އަހަރެންގެ އިސްކޮޅަށްވުރެ އުސް ރާއްޖޭގެ ޗާޓު ލޮލުގައި އަޅައިގަތުމާއެކު އަހަންނަށް ހިތާހިތުން ބުނެލެވުނެވެ. ސުބުހާނަﷲ މާތްކަލާއްކޯ…… މޭޒުމަތީގައި ފުރޭމުކޮށް އަތުރާލާފައި ހުރި މަސައްކަތްތަށް ފެނުމާއެކު އަހަންނަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ޝަހީދު ހުސައިން އާދަމްގެ ފޮޓޯއާއި، ޝަހީދު ހުސައިން އާދަމް ބިލްޑިންގ، މުލީއާގެ، ހުކުރު މިސްކިތް، މެދު ޒިޔާރަތް އަދި މުންނާރެވެ.

މި ދައްކަނީ އުމުރުން 44 އަހަރުގެ އައިމިނަތު ޝިހާނާގެ ވާހަކައެވެ. ނުވަތަ ގިނަބަޔަކު ދަންނާނެ ގޮތުންނަމަ “އަބުޑީ މޯލްޑިވްސް” ގެ ވާހަކައެވެ. ފަންނު އެކްސްޕޯގައި އެތައް ހާސް މަސައްކަތެއް ފެންނަން ހުރި އިރު، އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ޝިހާނާގެ “ފަށުވީގެ” މަސައްކަތްތަކަށެވެ.

ޝިހާނާ ބުނީ މި ހުރިހާ މަސައްކަތަކީވެސް އަބުޑި މޯލްޑިވްސްގެ މަސައްކަތް ކަމަށެވެ. އޭނާ ބުނިގޮތުގައި އަބުޑި މޯލްޑިވްސް ފެށިގެން އައީ 2017 ވަނަ އަހަރުގައި ކަމަށެވެ. “ފާނޫޒު” އަށް މައުލޫމާތުދެމުން ޝީހާނާ ބުނީ އޭނާގެ މަސައްކަތްތަކަށް ތިންވަނަ ލިބުނު ކަމުގައިވިޔަސް، އެތަނަށް ޒިޔާރަތްކުރާ މީހުންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްސް ލިބެމުންދާތީ ވަރަށް އުފާވާ ކަމަށެވެ.

“އަބުޑިމެން ސުކޫލުގަ އުޅުނު އިރުވެސް ނުހުންނާނެ މިހަރު މި ހުންނަ ކަހަލަ އެކި ކަހަލަ ކަރުދާހެއް، އޭރުވެސް އަބުޑިމެން ހަމަ އަމިއްލައަށް އެކި އެއްޗެހިން ގަތައިގެން ފޮތުގެ ބޭރު ގަނޑު ހަދަނީ. އެހެން އުޅެމުން އަސްލު މި މަސައްކަތް ފެށުނީވެސް”. ޝިހާނާ ބުންނެވެ.

މި މަސައްކަތަކީ ކިހިނެތް ފެށުނު މަސައްކަތެއްތޯ ސުވާލުކުރުމުން ޝިހާނާ ބުނީ އަބަދުވެސް އެކި ކަންކަން ކުރާ ވަރަށް މޮޅެތި މީހުން ފޮލޯކުރާ ކަމަށެވެ، އަދި ކޮންމެ އެއްޗެސް ހަދާއިރުވެސް ބަލަނީ އެންމެ މޮޅު މީހާ ކޮޕީކުރެވޭތޯއެވެ. އަދި އެހެން އުޅުމުގެ ތެރޭގައި “އާކިޓެކްޗަރަލް އެމްބޮރޮޑްރޮއީ” ކިޔާ އެއްޗެއް ފެނުނު ކަމަށް އޭނާ ބުންޏެވެ.

“އާކިޓެކްޗަރަލް އެމްބްރޮޑްރޮއީ އަކީ ގަދީމީ ތަންތްނާ ދުވަސްވީ ތަންތަން އަސްލު ހަދާނީ، ދެން ފަންނަު އެކްސްޕޯގަ ހިތަސްއެރީ ރާއްޖެއައި އެންމެ ގުޅޭ ތަންތަނޭ ހަދާނީ. ދެން އެގޮތަށް ބަލާފަ މި އެއްޗެހި ބައިވެރިކޮށްފަ އެހެރޯ” ފާނޫޒަށް މައުލޫމާތުދެމުން ޝިހާނާ ބުންޏެވެ.

މީގެ އިތުރުން ޝިހާނާ ބުނީ މިމަސައްކަތް ކާމިޔާބު ކުރެވުނީ އެތައް ބައެއް އެހީތެރިކަމާ އެކުގައި ކަމަށެވެ. އެގޮތުން މުޅި އާއިލާއަށް، ހާއްސަކޮށް އޭނާގެ ފިރިމީހާއާއި، ދަރިފުޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ޝިހާނާ ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ