Follow us on
ހުކުރު ދުވަސް – ހަފްތާގެ ތެރެއިން އެންމެ މާތް، މަތިވެރި ދުވަސް!
| އަޙުމަދު އަނަސް

ހުކުރު ދުވަހަކީ ހަފުތާގެ ތެރެއިން އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. އެދުވަހަށް يوم الجمعة އޭކިނުވެ.

އެހެނީ އެދުވަހަށް يوم الجمعة އޭ ކިޔުނީ އަޅުގަނޑުމެން އެންމެންގެ ބައްޕާފުޅު އާދަމުގެފާނު ހެއްދެވިދުވަހަކީ ހުކުރުދުވަސް ކަމަށް ވާތީއެވެ. އަދި އެދުވަހަށް يوم الجمعة އޭ ކިޔުނީ ޤުރައިޝުން ދާރުއްނަދްވާ ގައި ޤުޞައްޔުގެފާނާ ބައްދަލުކުރެއްވީތީއެވެ. ޖާހިލިއްޔަޒަމާނުގައި ހުކުރު ދުވައް ދީފައިވާ ނަމަކީ ޢުރޫބާ ދުވަސް ނުވަތަ ޢަރަބިންގެ ދުވަހެވެ. ހުކުރުދުވަހަށް يوم الجمعة އޭ ކިޔުނީ އެދުވަހު އެންމެހާ މުސްލިމް ފިރިހެނުން ހުކުރު ނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި އެއްވާތީއެވެ.

އިމާމު މުސްލިމާއި އަޞްޙާބުއްސުނަނިގެ ބައެއް ބޭކަލުން ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. “އެދުވަހެއްގެ މައްޗަށް އިރުއެރި އެންމެ ހެޔޮދުވަހެވެ. މާތްﷲ އާދަމުގެފާނު ހެއްދެވީ އެދުވަހުއެވެ. އެކަލޭގެފާނު ސުވަރުގެ ވެއްދެވީ އެދުވަހުއެވެ.”

ހުކުރުދުވަހަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ލިބިފައިވާ ދުވަހެކެވެ. އެއީ ހަފުތާގެ ދުވަސްތަކުގެ ސާހިބާއެވެ. އެއީ އިސްލާމީ އުއްމަތަށް ޚާއްޞަކޮށްދެއްވާފައިވާ ދުވަހެކެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ.”

މި ޙަދީޘްގެ ޝަރަޙާގައި އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. “ގާޟީ ޢިޔާޟް ވިދާޅުވިއެވެ. އެބައިމީހުން ބޭނުންނަމަ ހުކުރު ދުވަސް މާތް ކުރުމުގެ ފުރުޞަތު ދެވުނެވެ. ނަމަވެސް އެބައިމީހުން އިޖްތިހާދުކޮށް ނިންމީ ހުކުރު ދުވަސް މާތް ނުކުރުމަށެވެ. މާތް ﷲ އެބައިމީހުންނަށް އެކަމުގެ ހިދާޔަތް ނުދެއްވިއެވެ. އަދި މިއުއްމަތުގެ މީހުންނަށް އިޖްތިހާދު ކުރުމުގެ ފުރުޞަތު ނުދެއްވާ ހުކުރުދުވަސް މާތް ކުރެއްވުމުގެ ސަބަބުން މިއުއްމަތަށް ހިދާޔަތް ދައްކަވައިފިއެވެ. ބުނެވޭ ގޮތުން މޫސާ ޢަލައިހިއްސަލާމް އެބައިމީހުންނަށް ހުކުރުދުވަހުގެ މާތް ކަން އަންގަވައިދެއްވިއެވެ. އަދި އެދުވަސް މާތް ކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުން އިޚްތިޔާރު ކުރީ ހޮނިހިރު ދުވަސް މާތް ކުރުމަށެވެ. އެހިނދު މޫސާގެފަނަށް ދެންނެވުނެވެ. އެމީހުން އެގޮތުގައި ދޫކޮށްލައްވާށެވެ. އެބައިމހުންގެ ޝަރީޢަތުގައި ހުކުރު ދުވަސް މާތް ކުރެއްވިކަން ނައްޞު ކުރައްވާފައިވާނަމަ، އެބައިމީހުންނަށް އެކަމުގައި އިޖްތިހާދު ކުރުމުގެ ފުރުޞަތެއް ނުލިބުނީހެވެ.”

އިމާމް ނަވަވީ ވިދާޅުވިއެވެ. ހުކުރު ދުވަހަކީ މާތް ދުވަހެއް ކަމުގައި އެބައިމީހުންގެ ޝަރީޢަތުގައި ނައްޞު ކުރެވިފައިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެބައިމީހުން އެކަމުގައި ޚިލާފުވެގަތީއެވެ. އަދި ހުކުރު ދުވަހުގެ ބަދަލުގައި ހޮނިހިރުދުވަސް އިޚްތިޔާރު ކުރުމުގެ ސަބަބުން އެބައިމީހުން މަގުފުރެދިގެން ދިޔައީއެވެ.”

މާތް ﷲ ރުއްސުންލެއްވި އައުސް ބިން އައުސްގެ އަރިއަހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީ ވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީ ވެސް އެދުވަހުއެވެ. ގިޔާމަތް ވާނީ ވެސް އެދުވަހުގައެވެ. ފަހެ ތިޔަބައި މީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާ ހުށީކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށް ފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ.” ( رواه أبو داود )

މާތް ﷲ ރުއްސުންލެއްވި އަބޫލުބާބަތު ބިން ޢަބްދިލް މުންޛިރި ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ ޚާއްޞަ ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރި ވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށް ވުރެ ވެސް މަތިވެރި ދުވަހެކެވެ. އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީ ވެސް އެދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީ ވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދެންނެވި ނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައި ވެއެވެ. ގިޔާމަތްވާނީ ވެސް އެދުވަހުގައެވެ. އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ.” (رواه ابن ماجه ) އެހެނީ ގިޔާމަތް ވަނީ ހުކުރުދުވަހުގައި ކަން އެތަކެއްޗަށް އެނގެއެވެ.

ހުކުރު ދުވަހުގެ މާތް ކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައް:

އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަވާފައިވާ ވަހީ ބަސްފުޅެއްގެ މާނާގައިވަނީ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައި ވާނަމަ، އެގޮތް ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ.” (އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތް)

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ފަރްޟު ފަސް ނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައިވާހާ ކަންތަކުގެ ކައްފާރާއެކެވެ.” ( رواه مسلم )

ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.

“މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.” (رواه البيهقي في “شعب الإيمان” ) ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ.

“ހުކުރުވިލޭރޭ ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި (الم تَنْزِيلُ) އަދި ދެވަނަ ރަކްޢަތުގައި (هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا) ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔަވާ ވިދާޅުވިއެވެ.” (رواه البخاري ومسلم)
އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “މިދެސޫރަތް ކިޔެވުމުގެ ޙިކްމަތަކީ އާދަމްގެ ފާނު ހެއްދެވުނު ވާހަކަ އާއި ގިޔާމަތްވުމުގެ ވާހަކަތައް މިދެސޫރަތުގައި ބަޔާންވެފައި ވުމެވެ.”

ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރިގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ) މާނައަކީ: “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ.”

ހުކުރުދުވަހުގެ ޚާއްޞަ އަދަބުތަކުގެތެރޭގައި ހިމެނޭ ބައެއް އަދަބުތައް:

* ހުކުރުވިލޭރެ އާއި ހުކުރުވިލޭރޭގެ ފަތިސްވަގުތުގެ މާތްކަން: ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އާދަމުގެ ދަރިޔާގެ ޢަމަލުތައް މާތްﷲގެ ޙަޟްރަތަށް އުފުއްލެވޭ ވަގުތުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ހިމެނެއެވެ. ބުޚާރީގެ ތާރީޚު ގައްޔާއި، މުސްނަދު އަޙްމަދުގައި ރިވާވެގެންވާ ޙަދީޘެއް ބުނާގޮތުގައި؛ އާދަމުގެ ދަރިންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތުގައްޔާއި ހުކުރުވިލޭރޭ ހުށަހެޅޭނެއެވެ. ރަޙިމުގެ ގުޅުން ކަނޑާފައިވާ މީހެއްގެ ޢަމަލުތައް، ﷲ ޤަބޫލު ނުކުރައްވާނެތެވެ.”

* އެންމެ މާތް ނަމާދުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ޖަމާޢާތުގައި ކުރާ ފަތިސް ނަމާދު ހިމެނުން: ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “مَا مِنَ الصَّلَوَاتِ صَلاةٌ أَفْضَلُ مِنْ صَلاةِ الْفَجْرِ يَوْمَ الْجُمُعَةِ فِي الْجَمَاعَةِ ، وَمَا أَحْسَبُ مَنْ شَهِدَهَا مِنْكُمْ إِلا مَغْفُورًا لَهُ (4) – ހުކުރުވިލޭރޭ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ވުރެ މާތްކަން ބޮޑު ނަމާދެއް ނެތެވެ. ތިޔަބައިމީހުންގެ ތެރެއިން އެނަމާދުގައި ބައިވެރިވި ކޮންމެ މީހަކަށް ފާފަފުއްސަވާދެއްވުން ނޫން ކަމެއް އޮތްކަމަކަށް ދެކެވަޑައެއްނުގަންނަވަމެވެ.”

ހުކުރުދުވަސް ޗުއްޓީ ދުވަހަކަށްވާތީ ހުކުރުވިލޭރޭ މަޖަލާއި ނާޗަރަންގީގައި ހޭދަކުރާމީހާ އަށް ފަތިސްނަމާދަށް ތެދުވެވޭނެބާވައެވެ؟

* ހުކުރުނަމާދާ ގުޅިފައިވާ ޞިއްޙީ އަދި އިޖްތިމާޢީ އަދަބުތައް: އޭގެ ތެރޭގައި ހުކުރުނަމާދަށްޓަކައި ހިނައިގަތުމާއި، ސާފުތާހިރުވުމާއި، ރީތި ފޭރާންލައި ނަލަހެނދުމާއި، ހުވަދުލުން ހިމެނެއެވެ. ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ ” إِذَا كَانَ يَوْمُ الْجُمُعَةِ اغْتَسَلَ الرَّجُلُ وَغَسَلَ رَأْسَهُ ، ثُمَّ تَطَيَّبَ مِنْ أَطْيَبِ طِيبِهِ ، وَلَبِسَ مِنْ صَالِحِ ثِيَابِهِ ، ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يُفَرِّقْ بَيْنَ اثْنَيْنِ ، ثُمَّ اسْتَمَعَ إِلَى الإِمَامِ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ (5) – ހުކުރުދުވަހު ހިނައިގަނެ، ބޯދުވެ އެމީހެއްގެ އަތުގައި ހުރި އެންމެ ވަސްމީރު ހުވަނދަކުން ހުވަނދުލައި (ނުވަތަ ސެންޓަކުން ސެންޓްލައި) އެންމެ ރަނގަޅު ހެދުމެއްލައިގެން ހުކުރަށް ގޮސް، ދެމީހެއްގެ ދެމެދަށް ވަދެ އެދެމީހުން ފޭނުކޮށް ޚުޠުބާ އަޑުއަހައި، ނަމާދުކުރި މީހާއަށް، އެ ހުކުރާ އަނެއް ހުކުރާ ދެމެދުގައި ކުރެވޭ ފާފަތައް ފުއްސަވާދެއްވާނެތެވެ. އަދި އިތުރަށް ތިން ދުވަހުގެ ފާފަތައް ވެސްމެއެވެ.” މި ބަސްފުޅުން އެނގެނީ އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެއްކަމެވެ. އަދި އިޖްތިމާޢި ކަންތައްތަކުގައި ބައިވެރިވާ އިރު އެތެރެފުށާއި ބޭރުފުށް ޒީނަތްތެރި ކުރަންޖެހޭނެކަމެވެ. ބައްދަލުވުމުގައި ބައިވެރިވާ މީހަކަށް ތިމާގެ ސަބަބުން އުދަނގުލެއް ފޯރަފާނެކަމެއް ކޮށްގެންނުވާނެކަމެވެ.

* ކީރިތިޤުރްއާން ކިޔެވުން: ހުކުރުދުވަހު ކިޔަވަން އަންގަވާފައިވާ ސޫރަތްތަކުގެ ތެރޭގައި هود، الكهف، يس، الدخان ސޫރަތް ހިމެނެއެވެ. މި ސޫރަތްތައް ކިޔަވަން ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އަންގަވައިފައި ވެއެވެ. މި ސޫރަތްތައް ޚާއްޞަކުރައްވާފައި މިވަނީ މި ސޫރަތްތަކުގައި އައިސްފައިވާ ތަފާތު ކަންތައްތަކާ މެދު ވިސްނާ ފިކްރުކޮށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ރަނގަޅުކުރުމަށްޓަކައެވެ. އަޅުގަނޑުމެންގެ ވެށި އިސްލާމީ މާ ޙައުލަކަށް ހެއްދެވުމަށްޓަކައެވެ. މި ސޫރަތްތަކަކީ މައްކީ ސޫރަތްތަކެކެވެ. މައްކީ ސޫރަތްތަކުގައި ޢަޤީދާ އަށް ވަރަށް އިސްކަންދެއްވާފައި ވެއެވެ. އަދި މައްކީ ސޫރަތްތަކުގައި ކުރީގެ ޤައުމުތަކުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “اقرءوا سورة هود يوم الجمعة” ތިޔަބައިމީހުން ހުކުރުދުވަހު ހޫދު ސޫރަތް ކިޔަވާށެވެ. އެހެން ބަސްފުޅެއްގައިވަނީ: «من قرأ سورة الكهف يوم الجمعة أضاء له من النور ما بين الجمعتين – ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވި މީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަންދެއްވާނެ ނޫރެއް ލައްވަވާނެއެވެ. “އަޘަރުގައި އައިސްފައިވެއެވެ.” ހުކުރުވިލޭރޭ ޔާސީން ސޫރަތް ކިޔެވި މީހާގެ ފާފަފުއްސަވާދެއްވާނެތެވެ. “ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ” مَنْ قَرَأَ “حم” الدُّخَانَ فِي لَيْلَةِ جُمُعَةٍ، أَوْ يَوْمَ جُمُعَةٍ بنى اللَّهُ لَهُ بَيْتًا فِي الْجَنَّةِ– “ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ދުޚާނު ސޫރަތް ކިޔެވި މީހާއަށް މާތްﷲ ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.”

* ރަސޫލުﷲގެފާނު ގެ މައްޗަށް ޞަލާވާތްކިޔެވުން ގިނަކުރުން: ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައި ވެއެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “ހުކުރުދުވަހު ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ. ސުވަރުގެވަޑައިގެންނެވުމަށް ފަހުގައި ވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތްﷲ ބިމަށް ޙަރާންކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲގެ ނަބީންނަކީ ދިރިދެމިގެންވާ ރިޒްޤުދެއްވަވާ ބަޔެކެވެ.”

އެހެން ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ހުކުރުވިލޭރެ އާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ. އެކަންކުރިމީހާ އަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ.” ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތްﷲ ކީރިތިޤުރްއާނުގައި އެކަމަށް އަމުރުކުރައްވާފައިވާތީއެވެ. މުސްލިމުންގެ ޢީދުދުވަސްކަމުގައިވާ ހުކުރުދުވަހު އެކަލޭގެފާނުގެ މަތިން ހަނދުމަކުރުމަކީ މި މުނާސަބަތާ އެންމެ ގުޅޭ އެއް ކަންތައްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯބީގެ މިންވަރު ހާމަކޮށްދޭނެ ކަމެއް ވެސްމެއެވެ. ހަރުބަހެއް ބުނާގޮތުގައި “ލޯބިވާ މީހެއްގެ ވާހަކަ ގިނަގނައިން ދެއްކޭނެއެވެ.” ކީރިތިރަސޫލާގެ އަރިހުގައި ހުކުރުދުވަހަށާއި ހުކުރުވިލޭރެއަށް ލިބިފައިވާ މަޤާމުގެ މަތިވެރިކަމުން އެކަލޭގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ހުކުރުދުވަހަށް “އަލްޔައުމުލް އަޒްހަރު” އަދި ހުކުރުވިލޭރެއަށް “އައްލައިލަތުއް ޒަހްރާ” ގެ ނަން ދެއްވާފައި ވެއެވެ.

* ހުކުރުނަމާދަށް އަވަހަށް ދިޔުން: ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަންވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީ ވެސްމެއެވެ. އަޙްމަދު ރިވާކުރައްވާ ގޮތުގައި “ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލައިކަތް ބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަ މީހުންގެ ނަންތައް ލިއުއްވާނެތެވެ. އިމާމަ މިސްކިތަށް ވަދެ މިން ބަރަށް އަރައްޖައުމަށް ދާންދެން އެބޭކަލުން މިސްކިތަށް އަންނަ މީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ.” އަނެއް ޙަދީޘްފުޅެއް ބުނާ ގޮތުގައި އިމާމު މިންބަރަށް އެރުމުން އެދުވަހު ހުކުރު ނަމާދަށް އައި މީހުންގެ ނަންތައް ލިއުއްވާ، ފަތްތައް ލައްޕަވާލައްވާނެތެވެ. ހުކުރުނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރިފަދައެވެ. ހަތަރު ވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅުބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެވަޑައިގަންނަވާނެތެވެ.”

* ހުކުރުނަމާދަށްޓަކައި މިސްކިތަށް އަރައި ސަފުތައް ފޭއަޅުވާލައި ނުދިޔުން: މިސްކިތަށް އަރަނީ ﷲގެ މަތިން ހަދުމަކުރުމަށާއި ޛިކްރުކުރުމަށާއި ނަމާދު ކުރުމަށްޓަކައެވެ. މިސްކިތަކީ މި ބިންމަތީގައި ހުރި ﷲގެ ގަނޑުވަރުތަކެވެ. މިސްކިތަށް ދާ މީހުންނަކީ މި ގަނޑުވަރުތައް އާރާސްތުކުރާ މީހުންނެވެ. އަދި އެބައިމީހުންނަކީ ﷲ އަށް ޒިޔާރަތްކުރާ ބަޔެކެވެ. އެހެންކަމުން ﷲ އެމީހުންގެ ޤަދަރު އުފުއްލަވަތެވެ. މިސްކިތަށް އަރައި އެތާނގެ އެތެރޭގައި މީހުންނަށް އުދަނގޫވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ސަފުތައް ގިރާކުރަމުން، މީހުން ކޮއްޕަމުން ދިޔުމަކީ ގޯނާކުރުމެކެވެ. މިއީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ކުރީ ސަފު ބޭނުންވާ މީހާ މިސްކިތަށް އަވަހަށް ދާންޖެހޭނެއެވެ. ފަހުން އަރާ މީހަކު ކުރިއަށް ގޮސް ދެ މީހަކު ދެމެދުން ތަންކޮޅެއް ހަދާލައިގެން ތަންހޯދުމަކީ އިސްލާމްދީނުގެ ރިވެތި އަދަބާއި ސުލޫކާ ޚިލާފުކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ “مَنْ تَخَطَّى رِقَابَ النَّاسِ يَوْمَ الْجُمُعَةِ اتَّخَذَ جِسْرًا إِلَى جَهَنَّمَ – ހުކުރުދުވަހު މިސްކިތަށް އަރައި، މީސްތަކުންގެ ކޮނޑުތައް މަތިން ގިރާކޮށް ދާ މީހުން ނަރަކައަށް ފާލަމެއް އަޅައިފިއެވެ.” އެއްދުވަހަކު ރަސޫލުﷲގެފާނު ޚުޠުބާދެއްވަން ހުންނަވަނިކޮށް މީހަކު އަރައި ، މީސްތަކުން ކޮއްޕަމުން، ކޮޑުތައް މަތިން ގިރާކުރަމުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ.” ތިބާ އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ގޯނާކޮށްފީމުއެވެ. ތިބާ ތިޔައީ ލަހުންނެވެ.”

* ޚުޠުބާ އަޑުއެހުން: ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާއި، މީސްތަކުންނަށް ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ބަޔާނެކެވެ. މި ޚުޠުބާއިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑު ނާހައި، މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙިދީޘްކުރައްވަނީ “ހުކުރު ޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. “މި ބަސްފުޅުން އެނގެނީ ޚުޠުބާ އަޑުއެހުމުގެ ސަވާބުން އޭނާ މަޙްރޫމުވެއްޖެކަމެވެ.

ޚިޔާލު ފާޅުކުރައްވާ