Follow us on
މަންމީ ވީ ކޮންތާކު؟
| ޝަހޫ

ލޯބިވާ މަންމާއެވެ. މީހުން ބުނާތީ އަހަމެވެ. މަންމައިންނަކީ މިދުނިޔެމަތީގެ ސުވަރުގެ އެވެ. މަންމާއެވެ. މަންމަ ކޮބާ ހެއްޔެވެ. އަހަރެން އެކަނި ކޮއްފައި މަންމަ ތިޔަ ދިޔައީ ކޮންތާކައް ހެއްޔެވެ. މި މައުސޫމު ފުރާނަ މިދުނިޔެއައް ގިނަކޮއްލީ ކީއްވެ ހެއްޔެވެ. އަހަރެން ދުވަހަކުވެސް މަންމައެއް ނުދެކެމެވެ. މަންމަގެ ސިފައެއްވެސް ނޭގެއެވެ. ކޮންމެ ސިފައަކައް ހުއްޓަސްތިއީ އަހަރެންގެ ލޯބިވާ މަންމަ އެވެ.

‎މީހުން ބުނާތީ އަހަމެވެ. މަންމައިންނަކީ ދަރިންނާއި ދޭތެރޭ ނުހަނު ވިސްނާ ބައެކެވެ. މަންމައަކު ދަރިއަކަށް ދެރަގޮތެއް ވާކަށް ދުވަހަކުވެސް ނޭދޭނެއެވެ. ނަމަވެސް މަންމަ އަހަރެންނާއި ދޭތެރޭ ނުވިސްނަނީ ކީއްވެ ހެއްޔެވެ. މަންމަ އަހަރެން ދޫކޮއްލީ ކީއްވެ ހެއްޔެވެ.

‎ލޯބިވާ މަންމާއެވެ. އަހަރެންގެ އުމުރުން 12 އަހަރުވީއެވެ. ދުވަހަކު ވެސް މަންމަ އެއް ނުދެކެމެވެ. މަންމައެއް ހުންނަ ކަމުގެ އިޙްސާސްއެއް އަހަންނަކަށް ނުކުރެވެއެވެ. ތިޔަ ދެއަތުގެ ހިމާޔަތަށް މިހިތް އެދި ރޯވަރު މަންމައަށް އިޙުސާސްވޭ ހެއްޔެވެ. ތިޔަ އުނގުތެރޭ ބޯއަޅައިގެން އޮވެ ހިތް ފުރެންދެން ރޯލަން އަހަރެންވެސް ބޭނުމެވެ. މަންމަގެ ލޯތްބައް އެދި މިހިތް ރޮނީއެވެ. މަންމަގެ ލޯތްބާއި އަޅާލުން ނުހަނު ބޭނުމެވެ. މިދަރިފުޅު ދުނިޔޭގައި ހުރިތޯވެސް ބަލައި ނުލަނީ ކީއްވެ ހެއްޔެވެ.

އަހަރެންނަކީ ވެސް އިންސާނަކީމެވެ. މި މޭގައިވެސް ހިތެއް ވެއެވެ. މި މޭގައި އަޅައި ވޭނާއި ރިހުންތައް މަންމައަށް އިޙުސާސްވާނެ ނަމައެވެ. މަންމަގެ ލޯތްބައް އަހަރެންމިވަނީ ފެންބޮވައިގެންފައެވެ. މިދަރިފުޅު ދެކިލުމަށް އެންމެ ފަހަރަކުވިޔަސް މަންމަ އަންނާނެ ނަމައެވެ. އަހަރެންގެ ގައިގައި ލޯބިން ބައްދާލާނެ ނަމައެވެ. އެންމެ ފަހަރަކު ނަމަވެސް ލޯބިވާކަން އިޙުސާސް ކޮއްލަދީ ލޯބިން ދަރިފުޅާއޭ ކިޔައި ގޮވާލާނެ ނަމައެވެ. މިދަރިފުޅު މަތިން މަންމަ ކުޑަކޮންވެސް ހަނދާން ނޭތީ ހެއްޔެވެ.

‎އަހަރެންގެ ހިތުން މަންމަގެ ހިޔާލުތައް އެންމެ ހިނދުކޮޅަކަށް ވެސް ފިލައިގެން ނުދެއެވެ. މަންމަ ނުފެނުނު ކަމުގައި ވިޔަސް މިހިތުގައި މަންމަ އައް ދެވިފައިވާ ލޯތްބާއި މަގާމަށް ކުޑަވެސް އުނިކަމެއް ނާންނާނެއެވެ. ކިތަންމެ ދުރުގައިވިޔަސް އަބަދުވެސް ލޯބި ވާނަމެވެ.

އަހަރެން މަންމަގެ ލޯބިން މަޙުރޫމު ވިޔަނުދޭށެވެ. އަހަރެންނައް އަޅާލައި ލޯބި ދޭށެވެ. ތިޔަ ދެއަތުގެ ހިމާޔަތައް ނުހަނުބޭނުންވެއެވެ. ލޯބިން ދަރިފުޅާއޭ ކިޔައި ގޮވާލާ އަޑު އަހަން ނުހަނު ބޭނުމެވެ. ތިޔަ ލޯބި މަންމަގެ ފިރުމުން ތަކަށް މިހިތް އެދެނީއެވެ. އަބަދުވެސް އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން މަންމަ އާއި ބައްދަލުވާނޭ ކަމައްށެވެ.

މަންމާއެވެ. ލޯބިވާ ދަރިއެއްހުރިކަން އަބަދުވެސް ހަނދާން ކުރާށެވެ. ‎އަބަދުވެސް މަންމައަށްޓަކައި ހެޔޮ ދުޢާ ކުރާނަމެވެ. ޖަންނަތުގައިވެސް ވުމަށް އެދެނީ މަންމަގެ އަރިހުގައެވެ.

ޚިޔާލު ފާޅުކުރައްވާ