Follow us on
މަޙުރަމަކާއި ނުލައި އަންހެނަކަށް ދަތުރުކުރެވޭނެ އެންމެ ދިގުމިން އެނގޭތަ؟
| މާޢިޒް މަޙްމޫދު ރަޝީދު

ޝަރީޢަތުގައި، އަންހެނަކަށް މަޙްރަމަކާ ނުލާ ދަތުރުކުރަން ހުއްދަ ދެވިފައިވާ އެންމެ ދިގުމިނަކީ ކޮބާ ހެއްޔެވެ؟ ބައެއް ރިވާޔަތްތަކުގައި ތިން ދުވަސް ކަމުގައި ވެއެވެ. އަނެއްބައި ރިވާޔަތްތަކުގައި ދެ ދުވަސް ކަމުގައެވެ. އަދި ބައެއް ރިވާޔަތްތަކުގައި އެންމެ ދުވަހެއް ކަމުގައިވެސް ވެއެވެ. އެހެންކަމުން މި ހުރިހާ ރިވާޔަތްތަކެއް ޖަމާކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ކިލޯމީޓަރުން ބަލާނަމަ ދުވަހެއްގެ ދިގުމިނަކީ ކޮބާ ހެއްޔެވެ؟

الجواب:

މިކަމުގައި ބަލަންޖެހޭ ޤާޢިދާއަކީ [އެނުކުންނަ ނުކުތުމަށް ދަތުރުކުރުމޭ ކިޔޭނެތޯ ނުވަތަ ނޫންތޯއެވެ.] އެ ނުކުންނަ ނުކުތުމަށް ދަތުރެކޭ ކިޔޭނަމަ މަޙްރަމަކާ ނުލާ ނުކުތުން ހުއްދަވެގެން ނުވެއެވެ. އެއީ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވާފައިވާތީއެވެ.

((لَا تُسَافِرُ امْرَأَةٌ إِلَّا مَعَ ذِي مَحْرَمٍ)) [رواه البخاري برقم: (1862) ومسلم برقم: 424 – (1341)]

މާނައީ: [މަޙްރަމަކާ އެކީގައި މެނުވީ އަންހެނަކު ދަތުރު ނުކުރާ ހުށިކަމެވެ.]

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

((مَسِيرَةَ يَوْمٍ وَلَيْلَةٍ)) [رواه البخاري برقم: (1088) ومسلم برقم: 421 – (1339)]

މާނައީ: [(މަޙްރަމަކާ އެކު މެނުވީ އަންހެނަކު) ރެޔަކާއި ދުވާލުގެ ދިގުމިނުގެ ދަތުރެއް ނުކުރާ ހުށިކަމެވެ.”

އެހެން ރިވާޔަތެއްގައިވެއެވެ.

((مَسِيرَةَ يَوْمٍ)) [رواه مسلم برقم: 420 – (1339)]

މާނައީ: “(މަޙްރަމަކާ އެކު މެނުވީ އަންހެނަކު) އެއް ދުވަހުގެ ދިގުމިނުގެ ދަތުރެއް ނުކުރާހުށިކަމެވެ.”

އެހެން ރިވާޔަތެއްގައިވެއެވެ.

((مَسِيرَةَ لَيْلَةٍ)) [رواه مسلم برقم: 419 – (1339)]

މާނައީ: [(މަޙްރަމަކާ އެކު މެނުވީ އަންހެނަކު) އެއްރޭގެ ދިގުމިނުގެ ދަތުރެއް ނުކުރާހުށިކަމެވެ.]

އެހެން ރިވާޔަތެއްގައިވެއެވެ.

((مَسِيرَةَ ثَلاثَةِ أَيَّامٍ)) [رواه أحمد برقم: 8564]

މާނައީ: [(މަޙްރަމަކާ އެކު މެނުވީ އަންހެނަކު) ތިން ދުވަހުގެ ދިގުމިނުގެ ދަތުރެއް ނުކުރާހުށިކަމެވެ.]

އަދި ބައެއް ރިވާޔަތްތަކުގައިވެއެވެ.

((لَا تُسَافِرُ امْرَأَةُ بَرِيدًا إِلَّا وَمَعَهَا ذُو مَحْرَمٍ)) [رواه ابن خزيمة برقم: 2526]

މާނައީ: [މަޙްރަމަކާ އެކު މެނުވީ އަންހެނަކު ބަރީދެއްގެ ދިގުމިނަށް ދަތުރު ނުކުރާހުށިކަމެވެ.]

ބަރީދަކީ ބައި ދުވަހެވެ.

މި ގޮތަށް އައިސްފައިވާ ރިވާޔަތްތަކާ ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ، ހަދީޘް ބަސްފުޅުތަކުގައި ލަފްޒުތައް ތަފާތުވަނީ އެކި ސަބަބުތަކާ ހުރެކަމުގައެވެ. އޭގެ ތެރޭގައި:

ސުވާލުކުރާ މީހާގެ ސުވާލަށް ބިނާކޮށް ޖަވާބުދެއްވުން ހިމެނެއެވެ. ސުވާލުކުރައްވާ ބައެއް ބޭކަލުން ސުވާލުކުރައްވަނީ، އަންހެނަކު މަޙްރަމަކާ ނުލައި އެއްދުވަހުގެ ދިގުމިނުގެ ދަތުރެއް ކުރެވިދާނެ ހެއްޔެވެ؟ ދެން ނަބިއްޔާ ﷺ ހަދީޘް ކުރައްވަނީ އަންހެނަކަށް މަޙްރަމަކާ ނުލާ އެއް ދުވަހުގެ ދިގުމިނުގެ ދަތުރެއް ނުކުރެވޭނެއެވެ. އަދި އެހެން ބޭކަލަކު ސުވާލު ކުރައްވަނީ، އަންހެނަކަށް މަޙްރަމަކާ ނުލައި އެއްރޭގެ ދިގުމިނުގެ ދަތުރެއް ކުރެވިދާނެ ހެއްޔެވެ؟ އަދި އެހެން ބޭކަލަކު ސުވާލު ކުރައްވަނީ، އަންހެނަކަށް މަޙްރަމަކާ ނުލައި ތިންދުވަހުގެ ދިގުމިނުގެ ދަތުރެއް ކުރެވިދާނެ ހެެއްޔެވެ؟ ކޮންމެ ފަހަރަކު ވެސް ނަބިއްޔާ ﷺ ޖަވާބު ދެއްވަނީ އެ ސުވާލު ކުރައްވާ ބޭކަލެއްގެ ސުވާލަށް ބިނާކުރައްވައެވެ.

އަދި އެކަލޭގެފާނުގެ ޖަވާބުފުޅުތައް ތަފާތުވަނީ އެކި ފަހަރު ބާވައިލެއްވޭ ވަޙީގެ ޙުކުމްފުޅުތައް ތަފާތުވާތީކަމުގައިވެސް ވެދާނެއެވެ. ދެން އެއަށް ފަހު ﷲ ތަޢާލާ އެޙުކުމްފުޅުތައް ލުއިކޮށްދެއްވަނީއެވެ.

ޚުލާޞާއަކީ: އަންހެނަކަށް މަޙްރަމަކާ ނުލައި ދަތުރުކުރުމުގެ މުއްދަތު ތަފާތުވަނީ އެކަލޭގެފާނާ ސުވާލުކުރެވޭ ގޮތުން ކަމަށް ވުން އެކަށީގެންވެއެވެ. ނުވަތަ މާތްވެގެންވާ އިލާހީ ޙިކުމަތަކަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ، ފުރަތަމަކޮޅުގައި ބަރީދެއްގެ ދިގުމިނަށް ދަތުރުކު ކުރުން މަނާކުރެއްވީއެވެ. ދެން އެއަށްފަހު ރެޔަކާ ދުވާލުގެ ދިގުމިނުގެ ދަތުރު ކުރުން މަނާކުރެއްވީއެވެ. ދެން އެއަށް ފަހު 3 ދުވަހުގެ ދަތުރަކަށް ކުރެއްވީކަމުގައި ވެސް ވެދާނެއެވެ.

ނަމަވެސް މުއްދަތު ތަފާތުވެފައިވާ މި ރިވާޔަތްތައް ހަމްލު ކުރަންޖެހޭނީ [އެ ނުކުތުމަކަށް ދަތުރެކޭ ކިޔޭ ނުކުތުން ތަކަށެވެ.] ޝަރީޢަތުގެ ދަލީލުތަކާ އެންމެ ދިމާވަނީ އެގޮތެވެ. އަދި ހަމަ އެފަދައިން ބުޚާރީއާއި މުސްލިމްގައި އައިސްފައިވާ ޞައްޙަ ރިވާޔަތްތަކުގައި އައިސްފައިވަނީ އެއްވެސް މުއްދަތެއް ކަނޑަނާޅައެވެ. ބުޚާރީގައި އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައިވެސް ބަޔާންކުރައްވާފައިވަނީ އެއްވެސް މުއްދަތެއް ކަނޑައެޅުމެއް ނެތިއެވެ. އޭގައި ވަނީ މަޙްރަމަކާ އެކީގައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެ ކަމުގައެވެ. މިރިވާޔަތުން އިސްވެ ބަޔާން ވެވުނު ހުރިހާ ރިވާޔަތްތަކެއް ޖަމާކުރެވެއެވެ. އެހެންކަމުން އެކަމަކަށް ދަތުރެކޭ ކިޔާ ހުރިހާ ކަމެއް މީގައި ހިމެނެއެވެ. އެންމެ ކުރު މުއްދަތަކީ ބައި ދުވަހެވެ. އެއީ ބަރީދެކެވެ. އެހެންކަމުން އެ ދުރުމިނަށް އަންހެނަކު މަޙްރަމަކާ ނުލައި ދަތުރުކޮށްގެން ނުވާނެއެވެ. އެހެނީ މަޙުރަމަކު ނެތި ދަތުރެއް ކުރާނަމަ އަންހެނާވަނީ ނުބަޔާ ފަސާދައާއި ޚިޔާނާތަށް ހުށަހެޅިފައެވެ.

އެހެންކަމުން އެކަނބަލުން މަޙްރަމަކާ ނުލައި ދަތުރުކޮށް ގެއްލުމާއި ހަލާކުގެ ތެރެއަށް ހުށަހެޅިގަތުން ހެޔޮނުވާނެއެވެ. އެކަނބަލުންގެ މަޙްރަމުންނަކީ؛ ފިރިމީހާއާއި، ބޭބެއާއި ބައްޕަ ފަދަ ނަސަބުގެ ގޮތުން ކައިވެނި ކުރުން ދާއިމަށް ޙަރާމް ފިރިހެނުންނާއި، ކިރުގެގޮތުން ކައިވެނި ޙަރާމް ފިރިހެނުންނެވެ. އޭގެ ތެރޭގައި ކިރުގެ ގޮތުން ބޭބެއާއި ބޮޑުބޭބެ ހިމެނެއެވެ.

ކިލޯމީޓަރުން ބަލާނަމަ ރެޔަކާއި ދުވާލުގެ ދިގުމިނަކީ ގާތްގަނޑަކަށް 80 ކިލޯމީޓަރާއި 75 ކިލޯ މީޓަރާއި ދެމެދުގެ ވަރެކެވެ. ބައި ދުވަހުގެ ދިގުމިނަކީ 40 ކިލޯމީޓަރެވެ. ރެޔަކާއި ދުވާލޭ މި ނަންގަތީ 24 ގަޑިއިރަށެވެ. ދެބައިކުޅަ އެއްބަޔަކީ 12 ގަޑިއިރެވެ. ކިލޯމީޓަރުން ބަލާނަމަ އެއީ ގާތްގަނޑަކަށް 40 ކިލޯމީޓަރެވެ.

އޭގެ މާނައަކީ ކައިރި އަތޮޅުތަކަށާއި ރައްތަކަށް އަންހެނަކަށް ދަތުރުކުރެވިދާނެ އެވެ. ނަމަވެސް ދިގު ދަތުރުތަށް ގިނިކަންޏާ ކުރުން ޙަރާމްވާނެެވެ. ދީނަށް ލޯބިކުރާ އަންހެނުން ޙަރާމް ކުރައްވާފައިވާ ކަންކަމުން ދުރުވާނެވެ. މިކަން މިގޮތަށް އޮތުމުގައި ފޮރުވިފައިވާ ޙިކުމަތްތަކެއް ވާނެ ކަންވެސް ދަންނަ ހުއްޓެވެ.

ޚިޔާލު ފާޅުކުރައްވާ