Follow us on
ބާސެލޯނާގައި 30 އަހަރުން މައްޗަށް ގޮސްފައިވާ 8 ކުޅުންތެރިން!
| މާޢިޒް މަޙްމޫދު ރަޝީދު
ޔޫރަޕުގެ ފުޓުބޯޅަ އަދި ޚާއްޞަކޮށް ސްޕެއިނު ފުޓުބޯޅައިގައި ވަރުގަދަ ބާރެއް ކަމުގައި ބެލެވޭ ބާސެލޯނާގެ ފަހުގެ މެޗުތަކުން އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ ބޯޅަ ހޯދުމާއި، ހަމަލާދިނުމުގައި ދިފާޢުގައިވެސް އެޓީމުގެ ދުވެލީގެ ލަސްކަމެވެ. ހަމައެހެންމެ ކުޅުންތެރިންގެ ހަކަތަ ވަރަށް އަވަހަށް ހުސްވުމާއި ޖިސްމާނީ ލަޔާގަތުގެ ކުޑަކަމަކީވެސް ފުޓުބޯޅައަށް ޝައުގުވެރިވާ މީހުންނަށް ބާސާ ކިބައިން މިހާރު ފާހަގަވާނެ ކަންކަމެވެ.

މިސީޒަނުގައި ބާސާގެ އެންމެ އަސާސީ ސިފަތަކަކީ ކުރިންވެސް ދެންނެވި ކަންކަން ކަމުގައި ވަރަށް ގިނަ ފުޓުބޯޅަ މާހިރުން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ކޮރޯނާ ވައިރަސްގެ ވަބާއާ ގުޅިގެން ސްޕެއިނުގެ ލީގު ލަލީގާ މަޑުޖައްސައިލުމަށްފަހު އަލުން ފެށުމުން ބާސެލޯނާގެ ކިބައިން މިދެންނެވި ކަންކަން ވަރަށް ބޮޑަށް ފެންނަ ކަމަށް މާހިރުން ވިދާޅުވެއެވެ.

ބާސާއަށް ކުރިމަތިވެފައިވާ މިމައްސަލަތުގެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނީ އެޓީމުގެ ކޯޗާއި މެނޭޖުމެންޓުންނެވެ. އެހެން ޓީމުތަކުން ޒުވާން ހުނަރުވެރިން ޖަމާކުރަމުންދާއިރު ބާސެލޯނާއަށް އެފަދަ ގިނަ ޒުވާން ހުނަރުވެރިންތަކެއް ނުހޯދުމަކީ ކޯޗާއި މެނޭޖުމެންޓުގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަމެވެ. އެންމެ ފަހުން ބާސާއިން ހެދި މިބާވަތުގެ ގޯހަކީ ޢުމުރުން 23 އަހަރުގެ ބްރެޒިލް ކުޅުންތެރިޔާ އާތާ މެލޯ ދޫކޮށްލުމަށްފަހު، އުމުރުން 30 އަހަރާ ގާތްކުރާ ބޮސްނިއާ ތަރި މިރިލަމް ޕިޖޭނިޗް ގެނައުމެވެ.

އިސްވެ ދެންނެވުނު ގޮތަށް އާތާ ދޫކޮށްލުމަށްފަހު އުމުރުން ދުވަސްވީ ކުޅުންތެރިއެއް ގެނައުމުގެ ހަމައެކަނި މަގުސަދަކީ ބާސެލޯނާއަށް ކުރިމަތިވެފައިވާ މާއްދީ ދަތިކަމަކުން އަރައިގެން ޓީމަށް ފައިސާ ހޯދުމެވެ. ޚާއްޞަކޮށް ވިލާތުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބާސެލޯނާއާ ދެކޮޅަށް އަޅާފާނެ ފިޔަވަޅަކުން ސަލާމަތްވުމެވެ.

ބާސެލޯނާގެ 30 އަހަރުން މަތީގެ ގިނަ ކުޅުންތެރިންތަކެއް ތިބިއިރު އެއިން ގިނަ ކުޅުންތެރިންނަކީ އެޓީމުގެ ފުރަތަމަ 11 ގައި ކުޅޭ މުހިއްމު ކުޅުންތެރިންނެވެ. އެގޮތުން އެޓީމުގެ ތަރި އަދި އާޖެންޓީނާގެ ފޯވާޑު ލައަނެލް މެސީއަކީ މިހާރު އުމުރުން 33 އަހަރުވެފައިވާ މީހެކެވެ. އޭނާއަށް 33 އަހަރު ފުރުނީ ފާއިތުވި މަހުގައެވެ. ބާސާގެ ފޯވަޑު ސުއަރޭސްގެ އުމުރަކީވެސް 33 އަހަރެވެ. ވިޑާލަށްވެސް 33 އަހަރު ވެއްޖެއެވެ. ބާސާފެ ދިފާޢީ ސަފު ބަލަހައްޓާ ޖެރަޑް ޕީކޭއަށްވެސް 33 އަހަރު ވެއްޖެއެވެ. މެދުތެރެއިން އެންމެ މުހިއްމު ދައުރެއް އަދާކުރާ އީވާން ރަކިޓިޗަށް 32 އަހަރުވެއްޖެއެވެ. އަދި މެދުތެރެއިން ޑިފެންސިވް މިޑުފީލްޑަރުގެ މަޤާމުގައި މުހިއްމު ދައުރެއް އަދާކުރާ ސާޖިއޯ ބުސްކެޓްސް އުމުރުން 31 އަހަރުވީއެވެ، ފަހަތުން ޖޯޑީ އަލްބާއަށްވެސް 31 އެހަރު ވެއްޖެއެވެ.

ފުޓުބޯޅައިގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ވާދަވެރި ރެއާލް މެޑްރިޑާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރަން ބާސެލޯނާ ބޭނުންވާނަމަ، އައު ޒުވާން ހުނަރުވެރިން ޓީމަށް ގެނައުމަކީ ކޮންމެހެންވެސް ބޭނުން ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ